މިއީ ދިވެހި އަންހެނަކާއި ފިރިހެނަކަށް ދިމާވި ޙަޤީޤީ ހާދިސާއެކެވެ.
ނަންހާމަ ކުރަން ބޭނުން ނުވާ އެފިރިހެން މީހާ، އޭނާގެ އެއް އަހަރުވީ ލޯބީގެ ގުޅުން ނިމުނު ގޮތުގެ ވާހަކަ އަޅުގަނޑަށް ކިޔާ ދިނީ ވަރަށް ހިނިއައިސްފައެވެ. ހިނި ނާންނަންވީ ސަބަބެއް ވެސް ނެތެވެ. ޙަޤީޤަތުގައިވެސް އެވާހަކަ ވަރަށް މަޖާވެފައި ސަބަބު ވަރަށް ކޫސަންޏެވެ.
"އަހަންނާއި އެއަންހެން ކުއްޖާއާއި އެންމެ ފުރަތަމަ ދިމާވީ ފޭސްބުކް އިންނެވެ. ދެމީހުން އެންމެ ފުރަތަމަ ޗެޓުކޮށްފަ، ވަކިވަރަކަށް ގާތް ވުމުން، ނަންބަރު ލިބި ފަހުން ދިމާވެސް ވީއެވެ. ދެން ލައިކްވާ ގޮތްތަކެއް ހުރީމަ، ތަންކޮޅެއް ގިނައިން ދިމާވެ، އެންމެ ފަހުން ދެމީހުން ލޯބީގެ ގޮތުން ގުޅުނީއެވެ.
ލޯބީގެ ގޮތުން ގުޅުމަށްފަހު، އޭނަގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުވިއެވެ. އަބަދުމެ ކަމަކީ ޝަކުވާއެވެ. އަހަންނަކީ ޒިންމާދާރު ވަޒީފާއެއް އަދާ ކުރާ މީހަކަށްވާތީ، ވަޒީފާގެ ގޮތުން ބައެއް ހަފްތާތަކުގައި އޭނައާއި ބައްދަލުވެސް ނުވެވޭ ދުވަސްތައް އާދެއެވެ. އެފަދަ ދުވަސްތަކުގައި އޭނައަށް ހީވަނީ ގަސްތުގައި އަހަރެން އޭނައާއި ދިމާނުވާން އުޅެނީ ކަމަށެވެ. އެންމެ ބިޒީގަޑީގައިވެސް ގުޅާފާނެއެވެ. ނުވަތަ މެސެޖު ކޮށްފާނެއެވެ. އެވަގުތުގެ ގޮތުން ޖަވާބު ނުދެވިއްޖެނަމަ، ދެން ފަހުން ފޯނު ބަލާލާއިރު އޮންނަނީ 100 އެއްހާ މެސެޖުކޮށްފައެވެ.
ރީތިކޮށް އޭނާގާތު އެގޮތަށް ކަންތައް ނުކުރަން ބުނީމެވެ. އަދި އެއީ އަހަންނަށްވެސް އޭނައަށް ވަގުތު ނުދެވޭތީކަން ޤަބޫލުކޮށް، ހުސް ވަގުތެއް ވުމުން އޭނާއަށް ގުޅާ ހާލުބަލާ ހަދަން ފެށީމެވެ. އޭނާ ކިތަންމެ ގިނަ ޝަކުވާއެއް ކުރިކަމުގައި ވިޔަސް ރުޅިއައިސްގެން އެއްޗެއް ނުބުނަމެވެ. ބަދަލުގައި އަހަރެން ބެލީ ވިސްނާދެވޭތޯ އެވެ. އަދި ހީކުރީ ވެސް ވިސްނުނު ކަމަށެވެ.
އެފަދަ ހާލެއްގައި އުޅެނިކޮށް އޭނާއަށް ޖެހުނީ ދެހަފްތާއަށް އޭނާގެ މަންމައާއި އެކު ރަށަށް ދާށެވެ. ފުރައިގެން ދިޔައީވެސް ތިމަންނާމަތިން ފޫހި ނުވައްޗޭ އެހެން 'ބިޓެއް' ނުނަގައްޗޭ ކިޔާ އާދޭސް ކޮށްފައެވެ. އޭނާ ނެތަސް ވަފާތެރިވާނަންކަމަށް އަހަރެން ބުނީމެވެ.
އޭނާ ފުރައިގެން ދިޔަ ފުރަތަމަ ތިން ދުވަހު ވަރަށް ވެސް ރަނގަޅެވެ. ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. ނަމަވެސް ހަތަރުވަނައަށް ވީދުވަހު އަނެއްކާވެސް އަހަންނަށް ޖެހުނީ ކަންތައްގަނޑެއްގައި އޮފީހުގައި ބިޒީވާށެވެ. އެހެންކަމުން އަނެއްކާވެސް އަހަންނާއި އޭނައަށް ވާހަކަ ދެއްކޭވަރު މަދުވިއެވެ. ކުރިން ކުރި ޝަކުވާތައް އަނެއްކާވެސް އޭނާ ކުރަން ފެށިއެވެ.
އޮފީހުގެ މީޓީންގ ތަކުގައި އެންމެ ބިޒީވެފަ އިންނަ ގަޑީގައިވެސް ހުއްޓާނުލާ ގުޅައެވެ. ބިޒީއޭ ފަހުން ގުޅާނަމޭ ބުނެ މެސެޖެއް ކުރިޔަސް އޭނާގެ ޖަވާބު ހުންނަނީ، 'ހޫނ މިހާރު އަހަރެން ކައިރީގައި ނެތީމަ އެހެން ކަންތައްތައް ކުރަން ބިޒީ ވަނީ ދޯ. ކާކާ އެކީ ތިއުޅެނީ' މިފަދަ ގޮތަކަށެވެ. މިހެން ކަންތައް ވާން ފެށުމުން އަހަރެންވެސް ފުދޭވަރަކަށް ހިތްހަމަ ނުޖެހެން ފެށިއެވެ. މަސައްކަތުގައި ބިޒީވެ ވަރުބަލިވެފައި ހުންނަ ގަޑީގައި އިތުރަށް ބޯނުގޮށްވަބަލާށޭ އެއްދުވަހު އޭނާ އާއި ދިމާލަށް ބުނީމެވެ.
އަހަރެން ހީކުރީ އަހަރެން ހިތްހަމަ ނުޖެހުމުން އޭނާ އެގޮތްގަނޑު ހުއްޓާލާ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ކަންތައް އެއަށްވުރެ ގޯސްވިއެވެ. އޭނާ ދެން އަހަރެން ކައިރީ ބުނީ އަހަރެންގެ ފޭސްބުކް ޕާސްވޯޑް ދިނުމަށެވެ. އެހިސާބަށް ކަންތައް ދިޔުމުން އަހަރެން ރުޅިއައެވެ. ކީއްކުރަން ހޯދާ ޕާސްވޯޑެއްހޭ އެހުމުން އޭނާ ބުނީ، އެއީ އަހަރެން ބަދަލުވާތީ އެހެން ކުއްޖަކާ ވާހަކަ ދައްކަނީއޭ އޭނާއަށް ހީވާތީ ކަމަށެވެ.
އަހަންނަށް އެދުވަހު ހުރެވުން ތަންވެސް ނޭނގެއެވެ. ޕާސްވޯޑެއް ނުލިބޭނޭ، ތީދެން ތަންކޮޅެއް ބޮޑުވަރޭ، މަހުންނަންވީ ބުނާހާ ކަމެއް ކޮށްގެން ދަށުވެފަހޭ އޭނާ ގާތު އެހީމެވެ. އަދި އަހަންނަށް ތިވަރަށް އިތުބާރު ނުކުރަނީ ކީއްވެހޭ، ތިހެން ނޫޅެ ތަންކޮޅެއް މައިތިރިވާށޭ ވެސް އޭނައާއި ދިމާލަށް ބުނެ ފޯނު ކަނޑާލީމެވެ. އެދުވަހު ޙަޤީޤަތުގައިވެސް އަހަރެން ވަރަށް ރުޅިއައެވެ. މައްސަލައަކީ ޕާސްވޯޑެއް ނޫނެވެ. އަހަރެން އެވަރަށް އުޅުންއިރުވެސް އޭނާ އަހަންނަށް އަބަދު ޝައްކުކޮށް ޝަކުވާ ކުރާތީއެވެ. އިންސާނުންނަށް ކެތްވާނީވެސް ވަކި ވަރަކަށް ނޫންހެއްޔެވެ.
އެމައްސަލާގައި ދެދުވަސް ވަންދެން ދެމީހުން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ ހުރީމެވެ. އަހަރެންވެސް ތަންކޮޅެއް ރުޅިމަޑުވެ، އޭނާއާއި ދިމާލަށް އެގޮތަށް ހަޅޭލަވަން ނުވާނޭ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ މާލެއަށް އަންނަން އޮތް ދުވަހުގެ ކުރީ ދުވަހު އޭނައަށް ގުޅީމެވެ. އަދި މާފަށް އެދި، އޭނަ ބަލާ އެއާރޕޯޓަށް ދާނެ ކަމަށްވެސް ބުނީމެވެ.
އޭނަ ވާހަކަ ދެއްކީ ވަރަށް ފާޑަކަށެވެ. މާގިނައިރު ފޯނުގައި ނުވެސް ހުރެއެވެ. އެއާރޕޯޓަށްވެސް ނާންނަން ބުންޏެވެ.
އަަހަރެން ހީކުރީ އެއީ އަހަރެންދެކެ އަދިވެސް ރުޅި އައިސްގެން ބުނި އެއްޗެއް ކަމަށެވެ. އެހެންވެ، އަމިއްލައަކަށް އެމީހުންގެ ފްލައިޓު ޖައްސާ ގަޑި ހޯދާ، މާބޮނޑިއަކާއި 'ސޮރީ' ޖަހާފަ އިން ހިތެއް ހިފައިގެން އިން ޓެޑީބެއަރ އެއް ހިފައިގެން އަހަރެން ދިޔައީ އެއަރޕޯޓަށެވެ. ލޯބިވެރިޔާ އާދޭތޯ އެތާ ހުއްޓާ، މާދުރުން އަހަންނަށް ފެނުނީ ވަރަށް ލޯބިން އަތާއި އަތް ގުޅުވާލައިގެން ދެމީހަކު އަންނަނިކޮށެވެ. އެމީހުން ހާދަ ރޮމޭންޓިކް އޭ ހިތަށް އަރާފައި ހުއްޓާ، ސާފުކޮށް ފެންނަވަރަށް އެމީހުން ގާތްވުމުން ރަނގަޅަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އަހަރެންގެ މޭގަނޑު ހީވީ އަތަށް އައިހެންނެވެ. ފާޑެއްގެ އެހެން ފިރިހެނެއްގެ އަތުގައި ހިފައިގެން މިއަންނަނީ އަހަރެންގެ ލޯބިވެރިޔާއެވެ.
އޭނާއަށް ވެސް އަހަރެން ފެނުނެވެ. އަދި ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. އެތާ އިތުރަށް ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ބެންޗެއްގެ މަތީގައި ޓެޑީބެއަރ އާއި މާބޮނޑި ބާއްވާފައި އަހަރެން އެރީ ހުޅުމާލެއަށް ދާ ބަހަށެވެ. އެތަނަށް ގޮސް ފެރީން މާލެ ދިޔައީމެވެ.
އަހަންނަށް އޭނާ ވަރަށް ގުޅިއެވެ. ނަމަވެސް ފުރަތަމަ އަހަރެން އޭނާގެ ކޯލެއް ނުނަގަމެވެ. ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. ނަމަވެސް ފަހުން ހިތަށް އެރީ އޭނަ އެހެން ހެދި ސަބަބު އަޑުއެހުމަށެވެ. އެހެންވެ އޭނަ ގުޅީމަ، ބޭވަފާތެރިވީ ކީއްވެތޯ، ހަމައެކަނި އެސަބަބު ބުނެލަދޭން އެދުނީމައެވެ. އޭނަގެ ޖަވާބު އަދިވެސް ހަނދާން އެބަ ހުއްޓެވެ.
'އެއީ އަހަރެން އެވަރަށް ކީމަވެސް އެފް.ބީ ޕާސްވޯޑް ނުދިނީމަ' މިއީ އޭނާގެ ޖަވާބެވެ. ބޭވަފާތެރިވާން އޭނާ ނެގި އުޒުރެވެ. ދެން އަހަންނަށް ނުގުޅަން ބުނެ އެދުވަހު އޭނާގެ ނަންބަރު ބްލޮކް ކޮށްލި ގޮތަށް އަދިވެސް އިންނާނީ ބްލޮކް ކޮށްލާފައެވެ."