އަނިޔާވެރި ޚިޔާނާތްތެރި ވެރިންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ: ޝައިޚް އިބްރާހީމް ޒަކަރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
އަނިޔާވެރި ޚިޔާނާތްތެރި ވެރިންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ: ޝައިޚް އިބްރާހީމް ޒަކަރިޔާ
މީސްތަކުންގެ ވެރިކަން ލިބުމުން ރައްޔިތުންނަށް އަނިޔާވެރިވާ އަދި ޚިޔާނާތްތެރިވާ ވެރިންނަށް، ރައްޔިތުންގެ ހައްޤުތައް އަދާކުރަންދެން ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ކަމަށް އައްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ޝައިޚް ޒަކަރިއްޔާ މިމޭރުމުން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "ޞާލިހުންގެ ބަގީޗާ" ޕްރޮގްރާމުގައި ހޯމަ ދުވަހުގެ ރޭ، ރިޔާޟުއްޞާލިހީންގެ 78 ވަނަ ބާނުގައި ހިމެނޭ ޙަދީޘްފުޅުތަކުގެ ތަފްޞީލް ބަޔާންކޮށްދެއްވަމުންނެވެ.

ޝައިޚް އިބްރާހީމް ޒަކަރިއްޔާ ވިދާޅުވީ ބައެއްގެ ވެރިކަން ލިބުމަކީ އުފަލަކަށްވުރެ ބޮޑަށް ތިމާގެ ކިބައި އެޅޭ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިވެއްޖެނަމަ އެމީހަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމަށެވެ. މިދުނިޔޭގައި މީސްތަކުންގެ ލޯތްބާއި އިހްތިރާމް ލިބި ވެރިކަމުގައި ހުރެވޭ މުއްދަތު އިތުރުވެގެންދާނެ ކަމަށެވެ. މާތްﷲގެ ބަރަކާތް އެވެރިކަމަކަށް ލިބޭނެ ކަމަށާއި ހެޔޮގޮތުގައިވެރިކަންކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ﷲ ފަހިކޮށްދެއްވަވާނެ ކަމަށެވެ. އަދި އާޚިރަތުގައި މަތިވެރި ދަރުމަ ލިބޭނެ ކަމަށެވެ. "ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ 7 މީހުންގެ ތެރޭގައި މީސްތަކުންނަށްޓަކައި ހެޔޮ ވެރިކަމެއްކުރާ ވެރިން ހިމެނޭނެ."

ޑރ. ޒަކަރިއްޔާ ވިދާޅުވީ މީސްތަކުންނަށް އަނިޔާވެރިވެ ޚިޔާނާތްތެރިވާ ވެރިންނަށް ސުވަރުގެ ވަދެވޭނީ މީސްތަކުންގެ ހައްޤުތައް އަދާކުރުމަށްފަހުގައި ކަމަށެވެ. އަނިޔާލިބުނު މީހުންގެ ކިބައިން މަޢާފް ލިބި ޚިޔާނާތްތެރިވި އަދަދު އަނބުރާ ޖަމާކުރުމުން ނޫނީ މާތްﷲ އެފަދަ ވެރިންގެ ފާފަ ނުފުއްސަވާނެ ކަމަށެވެ. އެއްވެސް ފާފަވެރިއަކަށް ސުވަރުގެ ނުވަދެވޭނެ ކަމަށެވެ.

ޝައިޚް ޒަކަރިއްޔާ ވިދާޅުވީ އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ހައްޤުތަކަށް އަރައިގެންފައިވާނަމަ އެ ކުށަށް މާތްﷲ މަޢާފް ނުކުރައްވަވާނެ ކަމަށާއި މާތް ﷲ ފުއްސަވާނީ އެމީހަކާއި މާތް ﷲ އާއި ދެމެދުގައިވާ ކުށްތަކަށް ކަމަށެވެ. އެހެން މީހުންގެ މައްސަލަތަކުގައި މާތް ﷲ އެކަން ކުރި ވެރިއެއްގެ ފާފަ ފުސްސަވާނީ އެމީހަކު ނުވަތަ އެބައަކު އެކަމަށް މަޢާފްކުރުމުން ކަމަށެވެ.

ޝައިޚް ޒަކަރިއްޔާ ވިދާޅުވީ ޤާނޫނު، ހުރިހާ ރައްޔިތުންގެ މައްޗަށް ތަންފީޒުކުރަންޖެހޭނީ އެއް އުޞޫލަކުން ކަމަށެވެ. އެއްވެސް މީހަކާއިމެދު އަމަލުކުރުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށާއި ތަފާތުކޮށްފިނަމަ ފާފަވެރިވާނެ ކަމަށެވެ.

މީސްތަކުންގެ ވެރިކަން ލިބުމުން މީސްތަކުންގެ ހައްޤަށް ޒައްރެއްގެ މިންވަރުން ނަމަވެސް ޚިޔާނާތްތެރިވެ ނުވަތަ އަނިޔާވެރިވެއްޖެ ނަމަ އެކަމުގެ ޒިންމާ އެކަން ކުރި ވެރިއަކަށް އުފުލަން ނުޖެހި ނުދާނެ ކަމަށްވެސް ޝައިޚް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޝައިޚް ޒަކަރިއްޔާ ވިދާޅުވީ ވެރިކަމުގައި ހުންނަ މީހަކު ކުރާ ކޮންމެ ކަމަކާއިމެދުވެސް ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށާއި އެސުވާލުަކަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ. ޖަވާބުނުދީ ސަލާމަތް ނުވެވޭނެ ކަމަށެވެ.

ޝައިޚް ޒަކަރިއްޔާ ވިދާޅުވީ ވެރިންގެ މާނައިގައި ހިމެނެނީ ހަމައެކަނި ޤައުމުގެ ވެރިން ނޫން ކަމަށާއި ކަންކަމުގެ ބާރު ލިބޭ އެންމެންނަކީވެސް ވެރިން ކަމަށެވެ. ޢާއިލާތަކާއި މުޖުތަމައުތަކާއި ޤަބީލާތަކުގައި އިސްކޮށް ތިބެނީވެސް ވެރިން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކަށް ނަމަވެސް ވެރިކަމެއް ލިބިއްޖެނަމަ ވެރިކަން ކުރަންވާނީ ޒިންމާދާރުކަމާއިއެކު މާތްﷲ އެންގެވި ގޮތުގައި ކަމަށްވެސް ޝައިޚް ޒަކަރިއްޔާ ވިދާޅުވިއެވެ.
މިއަދު އޮންލައިން