ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހާހަކަށްވުރެ ގިނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅިކަމަށް މީރާއިން އެބަ ބުނެއެވެ. ނަމަވެސް މިއަދަދުގެ ބަދަލުގައި ރައްޔިތުން މީރާގެ ކިބައިން ބޭނުންވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީއަށް ދައްކަން މީރާއިން އަންގާފައިވާ އަދަދަކީ ޞައްޙަ އަދަދެއްކަން މީރާއަށް ޔަޤީން ކުރެވޭ ގޮތެކެވެ.
މީރާއިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުން ގެންދިއުމަކީ މީރާއިން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކަން ކުރަނީ އެހެންނެވެ. ނަމަވެސް ރާއްޖެ ފިޔަވައި އެހެން އެއްވެސް ޤައުމެއްގައި ސަރުކާރުން "އާނ މިކުންފުނިން މިހައި ފައިސާ އަތުލާށޭ" ބުނީމާ އެކަމުގެ ޞައްޙަކަން ނުބަލައި މީރާ ފަދަ މުއައްސަސާތަކުން ފިޔަވަޅު އަޅައިދީ ކުންފުނިތައް ބަނގުރޫޓުކުރާކަން އެނގިފައެއް ނުވެއެވެ.
"އަހަރެމެން ފައިސާ ދައްކަން މިއަންގަނީ ޓޫރިޒަމް މިނިސްޓްރީން ބުނެގެން" ކަމަށް ބުނުމަކީ މީރާ ފަދަ މުއައްސަސާއަކުން ޖަވާބުދާރީ ވުމެއް ނޫނެއްނޫންތޯއެވެ! ޓޫރިޒަމް މިނިސްޓްރީން އެދުނު ނަމަވެސް އެހެން މުއައްސަސާއަކުން އެދުނު ނަމަވެސް މިރާ ފަދަ ޤާނޫނީ ގޮތުން މިނިވަންކަން ލިބިފައިވާ މުއައްސަސާއަކުން ކުންފުންޏެއް ބަނގުރޫޓުވާފަދަ ފިޔަވަޅުތައް އަޅަންޖެހޭނީ އެކަމަށް އަންގާ އެންގުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހުގައި ނޫންތޯއެވެ!
ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީން އެބުނަނީ އެކުންފުންޏާއިމެދު ފިޔަވަޅު އެޅިކަން އެނގުނީވެސް އިމިގްރޭޝަނަށް ފައިސާ ދައްކަން ދިއުމުން ކަމަށެވެ. މީރާ ފަދަ ޒިންމާދާރުކަން ބޮޑު މިނިވަން މުއައްސަސާއަކުން މިފަދައިން ފިޔަވަޅު އަޅާނަމަ ފިރިމީހާއަށް ނުއެނގި އަނބިމީހާ ވަރިކުރުވިފައި ހުންނަތަން ފެނުމަކީ ދުރުކަމެއް ނޫނެއް ނޫންތޯއެވެ؟ ފިރިމީހާ ގެއަށް ނިދަން ދިއައިމާ އަނބިމީހާ ހުރީ ވަރިކުރުވިފައިކަން އެނގުމުން ދެން ހަދާނީ ކިހިނަކުންތޯއެވެ!
މީރާ ފަދަ ޓެކްސް އިދާރާތައް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ހުރެއެވެ. މީރާއިން ކަންތައްކުރާ ގޮތަށް އަމަލުކުރާ އެހެން އިދާރާއެއް ނިކަން ދައްކަވަބައްލަވާށެވެ! ކުންފުންޏަށް ނުއަންގައި އެކައުންޓްތައް ފްރީޒް ކުރުމާއި ކޮންމެވެސް ފަރާތަކުން އެދުމުން އެއްވެސް ބެލުމެއްނެތި ހަމައެކަނި އެދުމުގެ މައްޗަށް ފިޔަވަޅު އަޅައިދޭ މާލީ އިދާރާއެއް ދައްކަވައިދެއްވަބައްލަވާށެވެ! ދާދިފަހުންވެސް މީރާއިން ވަނި ދެކުނު ކޮރެއާ އާއި ގުޅުންތަކެއް އުފައްދައިފައެވެ. ދެކުނު ކޮރެއާގައި އަމަލުކުރަނީ މިއުޞޫލުންތޯއެވެ! އިންޓަރނޭޝަނަލް ޓެކްސޭޝަނަކީ މިއީތޯއެވެ!
ރައްޔިތުން ބޭނުންވަނީ މިސުވާލުތަކުގެ އަދަދެވެ. ސިވިލް ކޯޓަށާއި މީރާއަށް ދަރާއޮތް ދަރަނިވެރިންގެ އަދަދެއް ނޫނެވެ. ދަރުވާފައި ތިބި މީހުންގެ އަދަދެވެ. ކަރުގައި ދަރަނިބޮނޑިއެއް ގަދަކަމުން އަޅުވާފައި ތިބި ފަރާތްތަކުގެ އަދަދެވެ.
މިއަދު ބަނގުރޫޓުވުމާއި ކުރިމަތިލާންޖެހިފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީއަށެވެ. މާދަމާ މިފަދަ މައްސަލަތައް ކުރިމަތިވާނީ ކޮންތަނަކަށްކަން ނުވަތަ ކިތައް ކުންފުންޏަށްކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ދެކެދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ.
ޤައުމުގައި ހުންނަ ބޮޑެތި ކުންފުނިތައް ބަނގުރޫޓުވުމަކީ އެޤައުމެއްގެ އިޤްޠިޞާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ސަރުކާރުން އަބަދުވެސް ބަލަނީ ޤައުމުގައި ހުންނަ ބޮޑެތި ކުންފުނިތައް ކުރިއެރުވޭނެ ގޮތްތަކަށެވެ. ސަރުކާރަށްވެސް އަދި ރައްޔިތުންނަށްވެސް އެކަމުގެ މާލީ ފައިދާ އޮތީ އެ ކުންފުނިތައް ހިންގައި ކުރިއެރިވަރކުން ކަމަށްވާތީއެވެ.
ޤިޔާމަތް ދުވަހުން މަހްޝަރު މައިދާނުގައި ސުވާލުކުރެވޭނީ މީރާއަކާއެއް ނޫނެވެ. އެތަނުގެ ވެރިންނަށެވެ. އަހަރެމެން އޭނާގެ ޙައްޤުތައް ފޭރިގަތީ މިވެނި މިނިސްޓްރީއަކުން އަންގައިގެން ކަމަށް ބުނެގެން އެދުވަހުން މިންޖުވެވޭނެބާވައެވެ!
ހަމައެކަނި ދެކޮޅު ހޯދައި ބަލަންޖެހެނީ މުސާފިރުން ގެންނަ ކަބަރުތަކެއް ނޫނެވެ. ތިމާ ކުރާ ކޮންމެ އަމަލެއްގެވެސް ދެކޮޅު ހޯދައި ބަލަންޖެހެއެވެ. ﷲ ގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާންޖެހެއެވެ. އެދުވަހުން ހުރެވޭނީ ބޮޑުކޯޓެއްލައި ޓައީއެއް އަޅައިގެނެއް ނޫނެވެ. އަދުލުވެރިކަމެއް ނެތް އަނިޔާވެރިން އެދުވަހު ކޯޓުލައިގެން ތިބޭނީ ނަރަކައިގެ އަލިފާނުންނެވެ. އެއީ ހަމަ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
މީރާގައިވެސް އިސްވެރިއަކު ހުރެއެވެ. ދަށުންވެސް ވެރިންތަކެއް ތިބެއެވެ. ވެރިޔާގެ ޒިންމާ އަދާނުކުރީމާ ވާނެ ގޮތް ޝައިޚް އިބްރާހީމް ޒަކަރިއްޔާ މިވަނީ ވިދާޅުވެދެއްވައިފައެވެ.
ޝައިޚް ޒަކަރިއްޔާގެ ލިޔުން ކުރިން ވިދާޅުނުވާ ކިޔުންތެރިން ވިދާޅުވެލައްވާށެވެ! ޒިންމާދާރުނުވާ އަނިވާވެރިވެރިންނާއިމެދު ޤިޔާމަތްދުވަހުން އޮތް ޙުކުމެވެ. ސުވަރުގޭގެ ވަސްވެސް ނުފެނުމެވެ.