ރާއްޖޭގެ އާބާދީގެެ ނިޞްބަތުން ދިވެހިން ހިމެނޭނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުމުގައި އެންމެ ކުރީސަފުގައި ތިބި ބައެއްގެ ގޮތުގައެވެ. އެހެންކަމަށްވާއިރު ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުމުގައި ޤައުމު އިސްކޮށްގެން ކަންކަން ކުރެވޭނަމަ އެކަމުގެ ފައިދާ ޤައުމަށް ކުރާނެކަން ޔަޤީނެވެ.
ދުނިޔޭގެ ނިޞްބަތުން ބެލިނަމަވެސް އެންމެ ގިނަ ބައަކު ބަލަނީ އަދި ހަރަކާތްތެރިވަނީ ސޯޝަލް މީޑިއާގައެވެ. އެކި ޤައުމުތަކުގައި އެކި ނިޒާމް ބޭނުންކުރިނަމަވެސް ސްމާޓް ފޯނެއް ގެންގުޅޭ ކޮންމެ މީހަކީ ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ މީހެއްކަމަށް ބެލިދާނެއެވެ. ސޯޝަލް މީޑިއާގައި ހިނގަމުންދާ ކަންކަމުން މިކަންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ކޮންމެ ދިވެއްސަކީ ދުވާލަކު މަދުވެގެން ރާއްޖޭގެ ރީތިކަން ދައްކައިދޭ އެންމެ ފޮޓޯއެއް ޢާންމުކުރާ މީހަކަށް ވެއްޖެނަމަ ދުވާލަކަށް ކިތައް ފޮޓޯ ޢާންމުކުރެވިދާނެތޯއެވެ! ދެން ވިސްނައިލަންވީ އެކަމުން ކުރާނެ ފައިދާއަށެވެ.
މީހެއްގެ ހިތުގައި ކަމަކަށް ޝައުޤުވެރިކަން އުފެދޭނީ ކޮންކަމަކާއި ގުޅިގެންކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. މީހަކަށް ހާމަކޮށްލެވޭ އެންމެ ފޮޓޯއަކުންވެސް މީހެއްގެ ހިތުގައި ރާއްޖެއާއިމެދު ޝައުޤުވެރިކަން އުފެދުމުގެ ފުރުޞަތު އެބައޮތެވެ.
އެކަން ދަނީ މެދުވެރިވަމުންނެވެ.
ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ގިނަ ބައަކު މިހާރުވެސް ބުނެފައިވަނީ އެމީހުން ރާއްޖެއައުމަށް ޝައުޤުވެރިވީ ސޯޝަލް މީޑިއާތަކުން ފެންނަމުންދިއަ ރާއްޖޭގެ ފޮޓޯތަކުން ކަމަށެވެ. މިފަދަ ބަސްތަކަށް ވިސްނައިލުން ކީއްތޯއެވެ!
ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އަތިރިމައްޗަށް ގޮސްލާ ކޮންމެ ފަހަރަކުވެސް މަދުވެގެން އެންމެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޢާންމުކޮށްލުން ކީއްތޯއެވެ! ދަތުރުު ދިއުމަކީ ދިވެހިންގެ ގިނަ ބައަކު ޢާންމުކޮށް ކުރާ ކަމެކެވެ. ދަތުރުގޮސްއުޅޭއިރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ކީއްތޯއެވެ. މިފަދަ ފޮޓޯތައް ފެނުމުން ކޮންމެ މީހަކުވެސް ޝެއަރކޮށްލުން ކީއްތޯއެވެ.
ޤައުމުގެ އިޤްޠިޞާދަށް ކުރިއެރުން ލިބޭނެ ކޮންމެ ކަމެއް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު ވާޖިބެވެ. ޤައުމަށް ލިބޭ ނަފާ އިތުރުމުން އެކަމުގެ ފައިދާކުރާނީ ވަކިމީހަކަށް ނޫނެވެ. ޤައުމުގެ އެންމެންނަށެވެ. ހުރިހާ ރައްޔިތުންނަށެވެ.
ޤައުމު އިސްކުރުމަކީ ޤައުމަށް ފައިދާހުރި ކަންކަން ކުރުމެވެ. މާލީ ގޮތުން ޤައުމަށް ފައިދާ އިތުރުވާނެ ކަންކަން ކުރުމެވެ.