މާޔޫސްވުމުގެ ބަލިން ސަލާމަތް ކުރާނަން! އެކަމަކު ކިހިނެއް؟

ކިޔުމަށް ހޭދަވާނީ 4މ 15ސ
މާޔޫސްވުމުގެ ބަލިން ސަލާމަތް ކުރާނަން! އެކަމަކު ކިހިނެއް؟
މާޔޫސްވުމުގެ ބަލި ނުވަތަ އާއްމުކޮށް އެނގިފައިވާ ގޮތުގައިނަމަ "ޑިޕްރެޝަން" އަކީ ވަރަށް ގިނަ މީހުން ތަޙައްމަލު ކުރަމުން އަންނަ، އެކަމަށް އެދެވިގެންވާ ހައްލެއް އަދި ލިބިފައި ނުވާ ބައްޔެކެވެ.

ބައެއް މީހުންނަށް މިބައްޔަކީ އެވަރު ކަމެއް ނޫނޭ ހިތައް އެރިނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ނުރައްކާތެރިވާ ސަބަބަކީ، މާޔޫސްވުމުގެ ބަލި ތަޙައްމަލު ކުރަމުން އަންނަ މީހަކަށް އަވަސް ޝިފާއެއް ނުލިބިއްޖެނަމަ، އޭނާއަށް ނަފްސާނީ ގޮތުން ފުން އަސަރުތަކެއްކޮށް، އެހެން މީހުންނާއި ދުރު ވާނެތީ އެވެ. އޭނާ އަމިއްލައަށް ވަށައިގެން ޝީލްޑެއް އަޅާފައިވާފަދަ އެވެ. އެޝީލްޑުގެ ސަބަބުން، އެހެން މީހަކަށް އޭނާ އާއި ހަމައަށް ވާސިލްވާން އުނދަގޫ ވާނެއެވެ. އަދި ޝީލްޑުގެ އެތެރޭގައި އޭނާ އިންނާނީ ސިކުނޑި ތެރޭގައި ހުސް 'ނެގަޓިވް' ޙިޔާލު އުފައްދައިގެން، އެކަމާއިމެދު ވިސްނާ ފިކުރު ކުރާށެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކާ ހިތެއްނުވާނެއެވެ.

"ޑިޕްރެޝަން" ޖެހިފައިވާކަން ފާހަގަ ކުރާނީ ކިހިނެއް؟

ޑިޕްރެޝަން ނުވަތަ މާޔޫސްބަލި ތަޙައްމަލު ކުރަމުން އަންނަ މީހަކު އެކަމުން ސަލާމަތް ކުރެވޭނީ އެންމެ ފުރަތަމަ އެބަލި ޖެހިފައިވާކަން އެނގިގެންނެވެ. އެގޮތުން އެކަން ފާހަގަވާނެ ބައެއް ކަންކަން ހުރެއެވެ.

މާޔޫސްވުމުގެ ބަލި ތަޙައްމަލު ކުރަމުން އަންނަ ފަރާތެއްނަމަ އޭނާގެ މޫޑަށް އެކިއެކި ބަދަލުތައް އަންނަން ފަށާނެއެވެ. އާއްުމުކޮށް އޭނާ ކޮށްއުޅޭ ނުވަތަ ކުރުމަށް ލޯބި ކުރަމުން އައި ކަންތައްތައް ކުރާ ހިތް ކެނޑިދާނެއެވެ. މިސާލަކަށް ބުނާނަމަ، މީހުންނާ ދިމާވެ، މީހުންނަށް ވަގުތުދީ އުޅުނު މީހަކު ކުއްލިއަކަށް އެކަނި ހުންނަން ބޭނުން ވެދާނެއެވެ. ނުވަތަ އަބަދުވެސް ވަރަށް އަނގަގަދަ މީހަކު، ކުއްލިއަކަށް މާމަޑުން ވެސް އިންނަން ފަށާފާނެއެވެ. ޖޯކެއް ކިޔުމުން، އެހާ ނުހީވެސްފާނެއެވެ.

އަނެއް ކަމަކަށް ބަލާލާއިރު، ޑިޕްރެޝަން ޖެހިފައިވާ މީހަކު، ކަންކަމާއިމެދު ވަރަށް އަވަހަށް އުއްމީދު ކަނޑާލާ، 'ނެގަޓިވް' ވާނެއެވެ. އެމީހުން ދެކޭގޮތުގައި، އެއްވެސް ކަމެއް ނުވާނެއެވެ. ނުކުރެވޭނެއެވެ. މިސާލަކަށް ބުނާނަމަ، ޓެސްޓެއް ހެދުމަށްފަހު، ނުވަތަ ހެދުމުގެ ކުރިންވެސް، ތިމަންނާ ފާހެއް ނުވާނޭ، ޔަޤީނޭ ބުނެ އެކަމާއި ވިސްނާ ފިކުރު ކުރަން އިނދެފާނެއެވެ.

ޑިޕްރެޝަން ޖެހިފައިވާކަން ފާހަގަވާ އަނެއް ކަމަކީ ނިންޖަށް އަންނަ ބަދަލުތަކެވެ. އާއްމުގޮތެއްގައި ގަޑިން ގަޑިއަށް ނިދާމީހަކު ފަހަކަށް އައިސް ދަންގަޑިތަކުގައި ވެސް ނުނިދި އޮންނަ ވާހަކަ ބުނާނަމަ، ނުވަތަ އެކަން މާގިނައިން ތަކުރާރުވާނަމަ، މިއީ ޑިޕްރެޝަންގެ ނިޝާނެކެވެ.

މާޔޫސްވެފައިވާ މީހަކު ވަރަށް ގިނައިން، އަމިއްލައަށް މަރުވާ ވާހަކަ ދައްކާނެއެވެ. ނުވަތަ އަމިއްލަ ނަފްސަށް ކުދި އަނިޔާތައް ވެސް ކުރާނެއެވެ. އެއީ އެމީހުން ވިސްނާ ނުވަތަ ފިކުރުކުރާ ކަންތައްތަކުން ސަލާމަތްވާނެ ކަމަށް ހީކޮށް ކުރާކަންތައްތަކެވެ.

ސަލާމަތް ކުރާނަން! އެކަމަކު ކިހިނެއް؟

މާޔޫސްވުމުގެ ބަލިން ތިމާގެ އާއިލާ މީހަކު ނުވަތަ ގާތް މީހަކު ސަލާމަތް ކުރަން ބޭނުންނަމަ މިއީ ކުރެވިދާނެ ކަންތައްތަކެކެވެ.

ފުރަތަމަ ކަމަކަށް އޭނާއަށްޓަކައި ތިމާ ހުރިކަން އޭނާއަށް އަންގައިދޭށެވެ. އޭނާގެ ހަޔާތުގެ ވާހަކަ ނުވަތަ ދިމާވެފައިވާ ކަމެއްގެ ވާހަކަ ކިޔާދޭނަމަ، ކަނުލާ އަޑުއަހާށެވެ. އޭނާއަށް ވަގުތު ދޭށެވެ.

ކައިރީގައި އިނދެ ރޯނަމަ، އެއީ ހާދަ ބޮޑު ފިނޑިއެކޭ ހިތައް ނާރުވާ، ތިމާގާތު އޭނާއަށް ރޮވިވެސް ދާނެކަން އޭނާއަށް އިޙްސާސްކޮށް ދޭށެވެ. އޭނާ ދައްކާ ވާހަކަ އަޑު އަހާށެވެ.

ކުރެވިދާނެ އެހެން ކަމަކީ ކުދި ކުދި ކަންތައްތައް ކޮށްދީ އުފާކޮށްދިނުމެވެ. މިސާލަކަށް ބުނާނަމަ، އޭނާ މާބޮޑަށް ދެރަވެފައި ހުންނަނަމަ، އުފާކޮށް ދިނުމުގެ ގޮތުން ކުދިކުދި ހަދިޔާ ނުވަތަ ކާޑެއް ދިނުން، އޭނާއަށްޓަކައި ވަކިން ޚާއްސަ ކެއުމެއް އަމިއްލައަތުން ކެއްކުން ފަދަ ކަންކަން ހިމެނެއެވެ. އޭނާއަކީ ތިމާއަށް މުހިންމު މީހެއްކަން އިޙުސާސްކޮށްދިނުން ވަރަށް މުހިންމެވެ.

މީގެ އިތުރުން، މާޔޫސްވުމުގެ ބަލި ތަޙައްމަލު ކުރަމުން އަންނަ ފަރާތެއް، އޭނާގެ މައްސަލަ ކިޔާދިނުމުން، އެއީ ހަމައެކަނި އޭނާގެ ބޮލުތެރޭގައި ހިނގާ ކަމެކޭ ނުބުނާށެވެ. ކަންތައް އަސްލުގައިވަނީ ތިހެނެއް ނޫނޭ، މިފަދައިން އޭނާއާއި ދިމާލަށް ނުބުނާށެވެ. މިހެން ބުނެފިނަމަ، އޭނާއަށް ވިސްނޭނީ އޭނާގެ އިޙުސާސްތައް ތިމާއަށް ނުވިސްނޭ ކަމަށެވެ. އަދި އޭނާ ފިކުރުކުރާ ކަންތައްތައް ކިޔާދިނުން ހުއްޓާލާނެއެވެ.

ބައެއް މީހުންނަކީ، އެހެން މީހަކު އެމީހަކަށް ދިމާވާ ކަމެއް މާގިނައިން ކިޔާ ދިނުމުން ފަސޭހައިން ބޮލަށް އުނދަގޫވާ މީހުންނެވެ. މީގެ ތެރެއިން އެއްބައި މީހުން، ވަރަށް ހަރުކަށި އިބާރާތް ވެސް ބޭނުން ކުރެއެވެ. މިސާލަކަށް ބުނާނަމަ، މާގިނަ މައްސަލަތަކެއް ކިޔާދޭނަމަ، "ތިއީ ހާދަ ޑްރާމާ ބޮޑު މީހެކޭ" ނުވަތަ "އަބަދު ތިހެން ނުވިސްނަ ބަލާށޭ" ، "ތިހެން ވިސްނަންޏާ ދެން އަހަރެން ވާހަކައެއް ނުދައްކާނަމޭ" މިހެން ބުނެ އުޅެއެވެ. ބައެއްފަހަރު މިހެން އޭނާއާއި ދިމާލަށް ބުނަނީ ކޮންމެހެން އޭނާ ދެރަކޮށް ހިތުގައި ޖައްސާކަށް ނޫނެވެ. ނަމަވެސް މަޑުމައިތިރިކޮށް ވިސްނާދީދީ ނުވިސްނުމުން، ދެން މަޖުބޫރު ކުރުވައިގެން ހުއްޓުވާނީއޭ ހިތައް އަރާފައެވެ. ނަމަވެސް މިފަދައިން ކަންތައް ކުރުމުން ކަންތައްވާނީ އިތުރަށް ގޯހެވެ. އޭނާ މާބޮޑަށް ހިތުގައި ޖެހޭނެއެވެ. ވީމާ ކެތްތެރިވާން ވާނެއެވެ.



މިއަދު އޮންލައިން