ވަކިވިޔަސް، ދަރިންނަކީ މައިންބަފައިންގެ ޒިންމާއެއް

ކިޔުމަށް ހޭދަވާނީ 2މ 29ސ
ވަކިވިޔަސް، ދަރިންނަކީ މައިންބަފައިންގެ ޒިންމާއެއް
އާއްމުކޮށް ވާގޮތަކީ، ދަރިން ލިބުމަށްފަހު ވަރިވުމުން، ދަރިންގެ މައްޗަށް ޒިންމާތަކެއް އޮންނަކަން ގިނަ މީހުން ހަނދާންނެތެނީ އެވެ.

ދަރިންނާއި މެދު އަޅާލާ، ދަރިންނަށް ދޭންޖެހޭ ލޯތްބާއި އޯގާތެރިކަން އަދި ޚަރަދުވެސް ފުރިހަމައަށް ދޭން ގިނަ ބެލެނިވެރިން އުޒުރުވެރިވެއެވެ.

ދެމަފިރިން ވަކިވުމުން ހަމަޔަޤީނުންވެސް އޭގެ އެންމެ ބޮޑު އަސަރެއް ކުރާނީ އެދެމަފިރިއެއްގެ ދަރިންނަށެވެ. އެއްވެސް ދަރިއަކު (ރަނގަޅު ސަބަބަކާއި ނުލާ) އެކުއްޖެއްގެ މައިންބަފައިން ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. ހަގީގަތުގައި މައިންބަފައިން ވަކި ވުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު ހިތާމައެކެވެ. ނަމަވެސް އެއްކޮށް ނޫޅެވޭފަދަ ސަބަބަކާއި ހެދި ދެމަފިރިން ވަކިވިނަމަވެސް، އެންމެ ބުއްދިވެރި ގޮތަކީ ދަރިންގެ ޒިންމާ ފުރިހަމައަށް އަދާކޮށްދީ ދަރިންނަށް އެއްވެސް ކަމެއް އުނި ނުކުރުމެވެ.

ނަމަވެސް، މިޒަމާނުގައި މިކަން ކުރަނީ މަދު ބައެކެވެ. މިޒަަމާނުގައި ދަރިން ބެލުން ކަމުގައި ބެލެވެނީ މަދު ފަހަރަކު ދަރިންނާއި ބައްދަލުކޮށް، ރީތި ފޮޓޯއެއް ނަގައި ފޭސްބުކް ނުވަތަ އެނޫންވެސް ސޯޝަލް މީޑިއާގައި ރީތި ލިޔުން ކޮޅަކާއި އެކު ފޮޓޯ ޕޯސްޓު ކޮށްލުމެވެ. މަހަކު އެއްފަހަރު ދަރިން ފެނިފައި ބާކީ އޮންނަ 29 ނުވަތަ 30 ދުވަހު ދަރިންގެ ހާލު ބަލާލަންވެސް ހަނދާން ނުވިޔަސް، މިފަދަ ބެލެނިވެރިންނަށް ފަރުވާލެއް ނެތެވެ.

ދެން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ވަރިވުމުން އެކަކު އަނެކަކު ދެކެ އަންނަ ރުޅީގެ ދެމެދަށް ދަރިން ވެއްދުމެވެ. މިސާލަކަށް ދަރިން ތިބެނީ މައިމީހާ ގާތު ކަމުގައިވަނީ ނަމަ، ދަރިންގެ ބައްޕަ ކަންތައް ކުރި ގޮތުން ބައްޕަ ދެކެ ރުޅިއައިސްގެން އެބައްޕައާއި ބެހޭގޮތުން ނޭދެވޭ ވާހަކަތައް ދަރިންގާތު ނުވަތަ ދަރިންނަށް އަޑުއިވޭ ހިސާބު އެހެން މީހުން ގާތުވެސް ދައްކައެވެ.

މިއީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. ތިމާއާއި ތިމާގެ ވަރިކުރިފުޅާއި ދެމެދު ޖެހޭ މައްސަލަތައް ދަރިންގެ ކަންފަތުގައި ޖައްސާކަށް ނުޖެހެއެވެ. އަދި އެދަރިން އެކުދިންގެ ބައްޕައާއި ދުރުކޮށް، ބައްދަލު ނުކުރުވާ ބެހެއްޓުން ވެސް ރަނގަޅެއް ނޫނެވެ. ދެމަފިރިންގެ ކައިވެނި ރޫޅުނުކަމުގައިވީ ނަމަވެސް، އެމީހަކީ ހަމަ ރަނގަޅު ބެލެނިވެރިއަކަށް ވެސް ވެދާނެއެވެ. އެހެންކަމުން އެޙައްޤު އެމީހެއް އަތުން ނިގުޅައިގަންނާކަށް ނުވާނެއެވެ. އެފަދައިން ކަންތައް ކުރުމުން، ދަރިންގެ ހިތުގައި ބައްޕަ ނުވަތަ މަންމަ އާއި މެދު ވިޔަސް ނަފުރަތު އުފެދި، ބޮޑުވެގެން އަންނައިރު މަގުން ކައްސާލާ ގޮތްވެސް ވެދާނެއެވެ. މައިންބަފައިން ވަކިވުމަކީ ދަރިންނަށް ނަފްސާނީ ގޮތުންވެސް ވަރަށް ފުން އަސަރުތަކެއް ކުރުވާނެ ކަމެއްކަން ޗައިލްޑް ސައިކޮލޮޖިސްޓުން ވެސް ވަނީ ހާމަކޮށްފައެވެ.

ވީމާ، ދެމަފިރިން ވަކިވިޔަސް، ދަރިންގެ ޒިންމާތައް ދެމީހުންވެސް ފުރިހަމައަށް އަދާކުރުން ބުއްދިވެރިއެވެ. ދަރިން ސްކޫލަށް ގެންދިޔުމާއި، ބަލިވީމަ ބޭސް ކޮށްދިނުމުގެ އިތުރުން ކޮންމެ ދުވަހަކު ވެސް ދަރިންގެ ހާލުބަލާ ވީހާވެސް ގިނައިން ދަރިންނަށް ވަގުތު ދީ ދަރިންނާއިއެކު ވަގުތު ހޭދަކުރުމަކީ އެކުދިންގެ މުސްތަޤްބަލު އުޖާލާވެ އުފާވެރިވާނެ ކަމެކެވެ.
މިއަދު އޮންލައިން