މަޣްރިބް ނަމާދާ އިޝާ ނަމާދަށް ދަރިން ސްޓޭޑިއަމަަށް- ތަރުބިއްޔަތު ބަރާބަރު!
މިހާރަކަށް އައިސް ރޭގަނޑު 8 ޖަހާއިރު ސްޓޭޑިއަމް ކައިން އަމީނީ މަގުން ދުއްވުމަކީ ފަސޭހަކަމެއް ނޫނެވެ. ދަނޑުގައި "ދެ ނަމާދުކޮށް ނިންމާ ކުޑަކުދިން" ބަލައި އައިސް ތިބޭ ބެލެނިވެރިން މަގުގެ އެއްފަޅީގައި ދަރިން ނުކުންނަންދެން މަޑުކޮށްގެންތިބޭތީއެވެ. އެކަމުގެ ސަބަބުން މަގުގެ ދެކޮޅަށް ވެހިކަލް ނުދުއްވިގެންނެވެ.
ޤައުމީ ޓެނިސް މުބާރާތް ފެށުމާއި ނިންމުމުމުގެ ރަސްމިއްޔާތު ބޭއްވީ އިރުއޮއްސި 7:00 ގައެވެ. މިރަސްމިއްޔާތުގައި ބައިވެރިވުމާއި ޓެނިސް ކުޅުމަކީ ނަމާދުން މަހްރޫމްވުމަށް މާތްﷲ އުޒުރުވެރިކުރައްވަވާ ކަމަކަށްވަނީ ހެއްޔެވެ؟
މިހާރަކަށް އައިސް އެންމެ ގިނައިން މިއިވެނީ ޤައުމީ ލޯބި އުފެއްދުމާއި އަޚްލާޤް ރަނގަޅުކުރުމާއި އެކަކުއަނެކަކަށް އިޙްތިރާމް ކުރުމާއި ރިވެތިބަހުން މުޢާމަލާތުކުރުން ފަދަ ކަންކަމުގެ ވާހަކަތަކެވެ. ޖުމުލަ ގޮތަކަށް ދަންނަވާނަމަ ރިވެތި އަޚްލާޤްގެ ވާހަކަތަކެވެ.
މުސްލިމުންގެ ހުރިހައި ކަމެއްގެ އެންމެ މުހިންމު އަސާސަކީ އަޤީދާ އާއި ނަމާދެވެ. އަޤީދާއަކީ ހިތުގައިވާ އެއްޗެކެވެ. އެއިގެ މައްޗަށް ބަހުސްކުރެވޭނީ މީހުންގެ ކިބައިން ފެންނަ އަމަލުތަކަށެވެ. ނަމަވެސް ނަމާދަކީ ހިތުން ކުރެވޭ ކަމެއް ނޫނެވެ. އަމަލުން ކުރާ ކަމެކެވެ. ޢާންމު ގޮތެއްގައި މިސްކިތަށް ގޮސްގެން ކުރާ ކަމެކެވެ.
ދިވެހި މުޖުތަމައުން އެންމެ ބޮޑަށް އުނިވަމުން މިދަނީ ނަމާދުކުރުމެވެ. ނަމާދުކުރުމަށް ދެވޭ ސަމާލުކަމެވެ. އެކަން ރަނގަޅު ނުކޮށް އަޚްލާޤާއި ގުޅުންހުރި ހަމައެއްވެސް ކަމެއް ރަނގަޅުކުރެވޭނެ ކަމަށް ދީނީ އިލްމުވެރިން އެއްބަސްވެވަޑައެއް ނުގަންނަވައެވެ.
މީގެ ކުރީގެ އަހަރުތަކުގައި ދިވެހިންގެ އަޚްލާޤް ރަނގަޅު ކަމުގެ ވާހަކަ ދައްކާއިރު އެއިރު އެދުވަސްވަރު ނަމާދުކުރުމަށް ދިން ސަމާލުކަމުގެ ވާހަކަ ދެކެވޭބާވައެވެ! ޚާއްޞަކޮށް ދެ ނަމާދު ދޭތެރެއަށް ދެވުނު ސަމާލުކަމުގެ ވާހަކަ އެއްވެސް ވަރަކަށް ދެކެވޭބާވައެވެ!
އެންމެ ގިނަ ބައަކު ކުޅިވަރު ކުޅެނީ މާފަންނު ސްޓޭޑިއަމްގައެވެ. ދެ ނަމާދު ދޭތެރޭގައި ހުހަށް އެންމެ ދަނޑެއްވެސް އޮވޭތޯއެވެ! ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ގެނުވައިގގެން ކުޅިވަރު ނުކުޅުވާތޯއެވެ!
ގެއްލެމުންދާ އަޚްލާޤް އަނބުރާ އިޢާދަ ކުރުމަކީ ކޮމިޓީއަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ އެަކން ކުރުމަށް އަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށްގެންނެވެ. އެކަން ކުރުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ އިސްލާމް ދީނާއި ގާތްވުމެވެ. އިސްލާމް ދީނާއި ގާތް ވެވޭނީ ނަމާދުކުރުމަށް ސަމާލުކަން ދެވޭވަރަކުންނެވެ.