އަލީގެފާނުގެ ކަނޑިކޮޅާއި ބެހޭ ފަސް ކަމެއް...

ކިޔުމަށް ހޭދަވާނީ 3މ 7ސ
އަލީގެފާނުގެ ކަނޑިކޮޅާއި ބެހޭ ފަސް ކަމެއް...
އަލީ ރަޟިއަﷲ އަންހު ގެ ކަނޑިކޮޅު "ޒުލްފިޤަރް" އަކީ ޚަންދަގު ހަނގުރާމައިގާ އެކަލޭގެފާނުގެ އަތްޕުޅަށް އެރުވުނު ކަނޑިކޮޅެކެވެ.

އިސްލާމީ ތާރީޚުގެ އެންމެ ޒަމާންވީ އެއް ކަނޑިކޮޅު ކަމަށްވާ ޒުލްފިޤަރް އަލީގެފާނަށް އެރުވުނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަރާތްޕުޅުން ޖިބްރީލް އަލައިޙިއްސަލާމްގެ އަތްޕުޅުންނެވެ. ޖިބްރީލްގެފާނު އެކަނޑިކޮޅު ދެއްވެވީ މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلمގެއަތްޕުޅަށެވެ.

އަލީގެފާނަކީ ކުޅަދާނަ ހުނަރުވެރި ހަނގުރާމަވެރިއެކެވެ. ބަދުރު ހަނގުރާމަ، އުޙުދު ހަނގުރާމަ އަދި ޚަންދަގު ހަނގުރާމައިގާ އެކަލޭގެފާނު ވަނީ އެތަކެއް ޤުރެއިޝުންނަކާއި ހަނގުރާމަ ކޮށްފައެވެ. އަދި އެކަލޭގެފާނަށް ވަނީ "މާތް ﷲ ގެ ސިންގާ" ގެ ލަޤަބު ވެސް ލިބިފައެވެ.

1- "ޒުލްފިޤަރް" ގެ މާނަ

ޒުލްފިޤަރް ގެ މާނައަކީ އިނގިރޭސިން ބުނާނަމަ "ކްލީވަރ އޮފް ސްޕައިން" އެވެ. މާނައަކީ މައިބަދައަށް އަމާޒުކުރެވިފައިވާ ބޮޑު ވަޅިއެވެ. މިކަނޑިކޮޅަކީ އެޒަމާނުގައި ގެންގުޅުނު ކަނޑިކޮޅުތަކުގެ ތެރެއިން، ދެކޮޅު ތޫނުކޮށް ތުނޑުތަކެއް ލެވިފައިވާ ހަމައެކަނި ކަނޑިކޮޅެވެ.

2- ޒުލްފިޤަރް ކަނޑިކޮޅު ލިބުނީ ކޮންތަނަކުން؟

ޚަންދަޤު ހަނގުރާމައިގާ އަބު ސުފްޔާންގެ 10000 މުޝްރިކުންގެ ލަޝްކަރާއި ކުރިމަތިލީ އެންމެ 3000 މުސްލިމުންނެވެ. މުޝްރިކުންގެ ލަޝްކަރު ބޮޑުވެ ބާރުގަދަވުމުގެ ސަބަބުން މާތް ރަސްކަލާންގެ ޙަޟްރަތުން އިތުރު އެކަލޭގެފާނު صلىاللهعليهوسلم މަދަދަށް އެދި ދުޢާ ދެންނެވިއެވެ.

އެހިނދު ޖިބްރީލުގެފާނުގެ އަތްޕުޅުން ކީރިތި ރަސޫލާ މުޙައްމަދު صلىاللهعليهوسلمއަތްޕުޅަށް ޒުލްފިޤަރް ކަނޑިކޮޅު ދެވުން ހިނދު، އަލީގެފާނުގެ އަތްޕުޅަށް އެކަނޑިކޮޅު ދެވުނެވެ.
އަބޫސުފްޔާން ގެ ބޮޑު ބިޔަ ލަޝްކަރުގެ ކިބައިން ނަސްރު ލިބުމުގެ އިތުރުން، ޚަންދަގު ހަނގުރާމައިގާ ބޮޑަށް ޒަޚަމްވެފައިވަނީ ވެސް މުޝްރިކުންނެވެ.

3- މިކަނޑިކޮޅަށް ލިބުނު ތަޢުރީފުގެ ބަސްތައް

އަލީރަޟިޢަﷲ އަންޙު، އިސްލާމްދީނާއި ކީރިތި ރަސޫލާ މުޙައްމަދު صلىاللهعليهوسلمހިމާޔަތް ކުރެއްވުމަށް ޒުލްފިޤަރް ކަނޑިކޮޅު ހިއްޕަވައިގެން ހަނގުރާމަކުރައްވާއިރު ސުވަރުގޭގައި މިފަދައިން އަޑުގުގުމާލާ ކަމަށް އިސްލާމީ ތާރީޚުގައި ލިޔެވިފައިވެއެވެ.

"އަލީގެފާނަކީ ދެވަނައެއް ނެތްފަދަ މީހެކެވެ. ޒުލްފިޤަރް ފަދަ ކަނޑިކޮޅެއް ވެސް ނެތެވެ."

4- ކަރްބަލާގައި ޙުސެއިން ރަޟިޢަﷲ އަންހު މިކަނޑިކޮޅު ބޭނުން ކުރެއްވި

އަލީގެފާނު އަވަހާރުވުމުން އެކަލޭގެފާނުގެ ކަނޑިކޮޅު ޒުލްފިޤަރުން ދެން ހަނގުރާމަ ކުރެއްވީ އެކަލޭގެފާނުގެ ދޮށީ ފިރިހެން ދަރިފުޅު ޙަސަން ރަޟިޢަﷲ ޢަންހު ކަމަށް އިސްލާމީ ތާރީޚުގައި ފާހަގަކޮށްފައިވެއެވެ. ޙަސަންގެފާނު ޝަހީދުވުމުން ދެން އެކަނޑިކޮޅު ދެވުނީ އެކަލޭގެފާނުގެ ކޮއްކޯފުޅު އަދި އަލީގެފާނުގެ ތުއްޕުޅު ދަރިކަލުން ޙުސެއިން ރަޟިޢަﷲ އަންހު ގެ އަތްޕުޅަށެވެ. އިސްލާމީ ތާރީޚުގައިވާ ގޮތުގެ މަތިން، ކަރުބަލާގައި ޔަޒީދުގެ އާއިލާއާއި ޙުސެއިންގެފާނު ހަނގުރާމަ ކުރެއްވީ ޒުލްފިޤަރް ކަނޑިކޮޅު ހިއްޕަވައިގެންނެވެ.

5- މިހާރު މިކަނޑިކޮޅު ކޮބާ؟

އިތުރު ރަސޫލާ މުޙައްމަދު صلىاللهعليهوسلمމުޅިއަކު ނުވަ ކަނޑިކޮޅު ގެންގުޅުއްވިއެވެ. އޭގެތެރެއިން އަށް ކަނޑިކޮޅު ތުރުކީގެ ޓޮޕްކަޕީ މިއުޒިއަމްގައި ބެހެއްޓިފައިވާއިރު އަނެއް ކަނޑިކޮޅު ބެހެއްޓިފައިވަނީ މިސްރުގެ ކައިރޯގައެވެ.

ނަމަވެސް ޒުލްފިޤަރް ކަނޑިކޮޅު ވީތަނެއް އެއްވެސް ފަރާތަކަށް ނޭނގެއެވެ.

ބައެއް މުސްލިމުން ބުނާ ގޮތުގައި ޙުސެއިންގެފާނު ޝަހީދުވުމުން ޒުލްފިޤަރް ކަނޑިކޮޅު ނެންގެވީ އެކަލޭގެފާނުގެ ދަރިދަރިކަލުންނެވެ. އަދި އެކަނޑިކޮޅު މިހާރުވަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތުގައި ރައްކާތެރި ކުރެވިއެވެ. އަދި އިމާމް މަހްދީ ފާޅުވުމުން ޒުލްފިޤަރް ކަނޑިކޮޅު އިމާމް މަޙްދީގެ އަތްޕުޅަށް އެރުވޭނެއެވެ. ވﷲ ޢައުލަމް

(ތަރުޖަމާއެއް)


މިއަދު އޮންލައިން