ހަނގާ ކުރުމޭ ބުނުމުން ގިނަ މީހުންނަށް އެބަހުގެ މާނަވެސް ނޭނގެއެެވެ. ހަނގާ ކުރުން، ނުވަތަ އާއްމުކޮށް ކިޔާ ގޮތުންނަމަ، "ބުލީ" ކުރުމަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިނގަމުންދާ ވަރަށް ނޭދެވޭ އަދި ހިތާމަވެރި ކަމެކެވެ.
އަޅުގަނޑުމެންގެ މިކުޑަ ދިވެހި ރާއްޖޭގައިވެސް މިކަން ވަނީ ވަރަށް ހަލުވި ސްޕީޑެއްގައި ފެތުރިފައެވެ.
މިއީ ދިވެހި ޒުވާން ފިރިހެނަކަށް ދިމާވިކަންތައް ތަކެކެވެ.
"ހަނގާ ކުރުމާއި ދިމާކުރުމާއި ބެހޭ ގޮތުން މިއަދު މީހުން ވާހަކަ ދައްކާއިރު، އަހަރެން އަހާލަން ބޭނުންވަނީ ހަނގާކުރުމުގެ ޝިކާރައަކަށް "އަހަރެން" ވީދުވަހު އެންމެން ތިބީ ކޮންތާކުހޭ؟
ކުލާހުގެ އެހެން ދަރިވަރުންނާއި އަދި ބައެއް ޓީޗަރުންވެސް އަހަންނަށް އެހެން ހެދީ ކީއްވެ ހެއްޔެވެ؟ އަދި އެމަންޒަރު ބަލަން އެތަނުގައި އެވަގުތު ތިބި އެހެން މީހުންވެސް އެކަމާއިމެދު އެއްވެސް ކަމެއް ނުކުރީ ކީއްވެ ހެއްޔެވެ؟
އާނ އެކެވެ. އެމީހުން އަހަރެން ހަނގާ ކުރިއެވެ. އަދި އެވާހަކަ އެހެން މީހުންނާއި ހިއްސާ ކުރާކަށް މިހާރު އަހަރެން ޖެހިލުމެއް ނުވެއެވެ.
ހަނގާކުރުމާއި އަހަރެން އެންމެ ފުރަތަމަ ވެސް ކުރިމަތިލާން ޖެހުނީ އުމުރުން އެންމެ 10 އަހަރުގައެވެ. އަހަންނަކީ އަބަދުވެސް ވަރަށް މަޑުމައިތިރިކޮށް ހުންނަ މީހެކެވެ. މީހުންނާއި މާބޮޑަށް ސަކަރާތްޖަހާ އުޅޭކަށް އަހަންނަކަށް ނުކެރެއެވެ.
އެއިރު އަހަންނަށް ވަރަށް ފަސޭހައިން ރޮވެންވެސް ރޮވެއެވެ. ހަނގާކުރި ކުދިންނަށް މަޖާވީ އެހެންވެއެވެ. އެކުދިން އަހަރެން ގައިގާ ފަތިގަނޑުން ތަޅާފައި، އަހަރެން ރޯން ފެށުމުން މަލާމަތް ކުރިއެވެ. ޓީޗަރު ކައިރީގައި ބުނާކަށް އަހަންނަކަށް ނުކެރެއެވެ. އެކުދިން އަހަންނަށް އިތުރަށް އަނިޔާ ކޮށްފާނެތީ ބިރުންނެވެ. ނަމަވެސް އެއްދުވަހު ޓީޗަރު އިންދާވެސް އެކުދިން އަހަރެން ރޮއްވާލިއެވެ. އެކުދިން ހުއްޓުވުމުގެ ބަދަލުގައި ޓީޗަރު އައިސް އަހަރެން ގާތު ބުނީ ކުލާސްކުދިން އެހެން ކުރާ ކަންތައްތަކާއި އެހާފަސޭހައިން ރޯން ނުފެށުމަށެވެ.
އޭގެފަހުން ކޮންމެ އަހަރަކުވެސް އަހަރެން އުޅެން ޖެހުނީ އެފަދަ ހާލެއްގައެވެ. ކޮނޑުކަށިގަނޑުގައި ދެއަތުންނާއި އެކި އެއްޗެހިން ތެޅުމުގެ ސަބަބުން އަދިވެސް އެތަދުތަކެއް ނުފިލައެވެ.
ގާތްމީހުންގެ ލަފާގެ ދަށުން ކިޔެވުމަށް ބޮޑަށް އިސްކަން ދެވޭތޯ އަހަރެން ބެލީމެވެ. ނަމަވެސް ސްކޫލަށް ދާ ކޮންމެ ދުވަހަކު އެފަދަ ވޭން ލިބެން ފެށުމުގެ ސަބަބުން އަހަރެންގެ ނަފްސު ބަލިކަށިވާން ފެށިއެވެ.
ކްލާހުގައި އުޅުނު އަންހެން ކުދިންވެސް ހަމައެވަރެވެ. އަހަންނަކީ ވިޔާނުދާ ގޮތްގޮތަށް އެއްވެސް އިރަކު އުޅުނު މީހެއް ނޫނެވެ. އެއިރުވެސް އަދި މިހާރުވެސް، އަންހެންކުދިންނާއި ގައިގޯޅިވެ، އެފަދަ ބޭއަދަބީ ގޮތްގޮތަށް އަހަރެން ނޫޅެމެވެ. ނަމަވެސް އަހަރެން މަޑުން އިންނާތީ، ކުލާހުގައި އުޅުނު ވިޔާނުދާ އަންހެން ކުދިންތައް، އަހަރެން ކުލާހަށް ވަނުމާއިއެކު އެކިކަހަލަ ގޯސްވާހަކަތައް އަހަންނާއި ދައްކަން އުޅުނެވެ. ނަފްސާނީ ބިރުވެރިކަމަކަށް އަހަރެން ގޮސްފައި އިންއިރު، އެކުދިން ބުނީ އެއީ 'މަޖާ' ކަމުގައެވެ.
މިވަރަކުން ނިމުނީކީ ނޫނެވެ. ކުލާހުގައި އަހަރެން އިންނަ ޑެސްކުގައި ހަޑިހުތުރު އެއްޗެހި ލިޔެ ކުރަހާ ހެދިއެވެ. މިހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެން ދެރަވީ، އެއިރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާވެސް މިކަންތަކުގައި ބައިވެރިވުމުންނެވެ. އޭނާއަކީ އެމީހުން އަހަންނަށް ގޮތްގޮތް ހެދުމުން އެވާހަކަތައް އަހަރެން އެންމެ ގިނައިން ހިއްސާކުރި މީހާއެވެ. ނަމަވެސް އޭނާ ގަސްދުކުރީ އެމީހުންގެ 'މަޖާ ކުރުމުގައި' ބައިވެރިވެ އަހަންނަށް ހިތާމަ ދޭށެވެ.
ހުއްޓުމެއްނެތި ލިބެމުން ދިޔަ އަނިޔާތަކަށް ކެތް ނުކުރެވިގެން، އަދި އިތުރު ފަރާތަކުން އެހީތެރިކަން ވެސް ނުލިބިގެން އަހަރެން ސްކޫލަށް ދިޔުން ހުއްޓާލީމެވެ. ސްކޫލަކަށް އެންމެ ފަހުން ދިޔައީ ގްރޫޑު 10 އަކަށް ބަދަލުވީ އަހަރުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހުވެސް ސްކޫލުކުދިން އަހަރެން ހަނގާކުރުމުން ދެން އަހަރެން ނިންމީ އެހާ ހިސާބުން ކިޔެވުން ހުއްޓާލާ ސްކޫލަށް ވެސް ނުދާށެވެ. އެހެންކަމުން، މައިންބަފައިން އެކަމާއި ކިތަންމެ ވަރަކަށް ނުރުހުން ކަމުގައި ވިޔަސް، އަހަރެން ދެން ސްކޫލަކަށް ނުދަމެވެ.
އަހަންނަށް އެއިރު ލިބުން ޒަޚަމްތަަކާއި ވޭންތައް އަދިވެސް އަހަރެންގެ ހަށިގަނޑުއާއި ހިތުގައި އޭގެ އެންމެ ތާޒާކަންމަތީގައި ވެއެވެ. އަހަންނަށް ލިބުން ފަދަ އަނިޔާތަކެއް، އަދި މިނޫންވެސް ހަނގާ ކުރުމުގެ ސަބަބުން ލިބިފައިވާ އަނިޔާތައް، އިރާދަކުރެއްވިއްޔާ އެހެން އެއްވެސް ފަރާތަކަށް ނުލިބުމަށް އެދި އަހަރެން މާތް ﷲ ގެ ޙަޟްރަތުން ދުޢާ ކުރަމެވެ."