ރާއްޖޭގެ ހާލަތު ބަދަލުވަމުން އައިސް މިއަދު މިވަނީ ބިރުވެރި، އެއްވެސް އަމާންކަމެއް ނެތް ޤައުމަކަށް ވެފައެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. ދެކޮޅު ހެދެން ނެތް ހަޤީޤަތެކެވެ.
މިހާލަތުން ޤައުމު ސަލާމަތްކުރުމުގައި ކުރަންހުރި ކަންކަން ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން އަވަސް ފިޔަޅުތަކެއް އަޅަން އެބަޖެހެއެވެ. އެކަމުގައި ފަސްޖެހިއްޖެ ނަމަ ރާއްޖެ ބަދަލުވެގެންދާނީ ބިރުވެރި ހޮހޮޅައަކަށްކަން މިހާރުވެސް މިދަނީ ފެންނަމުންނެވެ.
މިގޮތުން ފާހަގަކުރެވޭ ބައެއް ކަންކަން:
ދީނީ ގޮތުން އަޤީދާ ބަލިކަށިވާ މީހުންނަށް މިހާރުވެސް އެމީހުން ނުވަތަ އެމީހުންގެ ޢާއިލާއިން އެދުމުން ދީނީ ނަޞޭހަތް އިސްލާމިކް މިނިސްޓްރީގެ އިލްމްވެރިން މިހާރުވެސް ދެއްވައެވެ.
އެހެން ނަމަވެސް އެވަރަކުން މިހާރަކު ފުއްދައިލެވޭކަށް ނެތެވެ. އެފަދަ މީހުން ކުރިއާލައި ދެނެގަންނަން އެބަޖެހެއެވެ. ދެނަގަތުމަށްފަހު އެމީހުންނާއި މަޝްވަރާކުރަން އެބަޖެހެއެވެ. އެމީހުންނަށް އިސްލާމް ދީނުގެ ހަޤީޤަތް އަންގައިދޭން އެބަޖެހެއެވެ.
އެފަދަ ފަރާތްތައް ދެނެގަތުމަކީ މިއަދު ނުކުރެވޭނެ ކަމެއް ނޫނެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުމުން އެމީހާ ދެނެގަތުމަކީ ފުލުހުންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ. ޔޫއާރުއެލް ލިބުމުން އަޕްލޯޑްކުރި ގޮތާއި އެކަންކުރަން ބޭނުންކުރި ވަސީލަތް ދެނެގަނެވެއެވެ. އެހެންކަމުން އެއީ ކާކުކަން ދެނެގަންނަން އެއްވެސް އުނދަގުލެއް ނެތެވެ. ރާއްޖެއިން ވަނީ މީގެ އެތައް އަހަރުކުރިންވެސް އެކަން ކޮށްފައެވެ. ރާއްޖޭގައި ނެރުނު އޮލްލައިން ބައެއް ނޫސްތައް ދެނެގަނެ ވަނީ ފިޔަވަޅު އަޅައިފައެވެ. މިހާރު މާގިނަ ވަސީލަތްތައް ހުރިއިރު އެކަން މާފަސޭހައިން ކުރެވޭނެއެވެ. ޓެކްނޮލޮޖީ އާއި ތަޖުރިބާކާރުން މާގިނަވީމައެވެ.
ދާދިފަހުން އިންޑިއާގެ 3 އެއާޕޯޓެއް ބަންދުކޮށް ކުއްލި ހާލަތަށް ގެނައީ މީހަކު ފޮނުވި އީމޭއިލެއްގެ ސަބަބުންނެވެ. އެންމެ 3 ދުވަހުގެ ތެރޭގައި އެކަންކުރި މީހާ ހޯދައި ވަނީ ހައްޔަރުކޮށްފައެވެ. މައްސަލަ އެގެންދަނީ ތަޙްޤީޤް ކުރަމުންނެވެ. ދިވެހި ފުލުހުންނަކީ ޓެކްނޮލިޖީގެ ގޮތުން ވަކިން ދަށުގައި ތިބި ބައެއް ނޫނެވެ.
ހަމައެއާއިއެކު ބައެއް މީހުން މުރުތައްދު ބަސްތައް ބުނަމުން އެގެންދަނީ ފައުޅުގައެވެ. ކާކުކަން އެނގިތިބެއެވެ. އެފަދަ ބަސްތައް އެބުނަނީ އަޤީދާގެ މައްސަލައެއް ހުރުމުންނެވެ. އެފަދަ މީހުންނަށް އޮތީ ކުށްވެރިކޮށް އަދަބު ދިނުމެއް ނޫނެވެ. ނަޞޭޙަތް ދިނުމެވެ. ކަންކަން އަންގައި ދިނުމެވެ. ބުނެދިނުމެވެ. އެމީހުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތަކުގެ އަޑު އަހެންވެސް ޖެހެއެވެ. އެކަންކަމަށް މަޝްވަރާވެސް ކުރަންޖެހެއެވެ. އެފަދަ މީހުންގެ އަނގަ ހުޅުވަން ފުރުޞަތު ދޭންވެސް އެބަޖެހެއެވެ. އެމީހުންގެ ކަންބޮޑުވުންތަކަށް ސަމާލުކަންދޭން ވެސް ޖެހެއެވެ.
މިކަންކަން ކުރެވުނު ދުވަސްވަރެއްވެސް އައެވެ. އެއިރު ކަންކަން ދިއައީ ވެސް ރަނގަޅުވަމުންނެވެ. މިފަދަ ޚިޔާލުގެ މީހުން ހޯދައި އިސްލާމިކް މިނިސްޓްރީން ނަޞޭޙަތްތެރިވި ދުވަސްވަރެއްވެސް ފެނުނެވެ.
އެއިރު އެފަދަ ބައެއް މީހުން ހޯދައި ދައުވަތުދީގެން އިސްލާމިކް މިނިސްޓްރީއަށް ގެންގޮސް ދީނީ އިލްމުވެރިން ނަޞޭހަތް ދެއްވުމުން އެކަނި ފުއްދަވައެއް ވެސް ނުލައްވަވައެވެ. ޚުދު އިސްލާމިކް މިނިސްޓަރު އެމީހުންނާއި ބައްދަލު ކުރައްވައެވެ. ގިނަ ވަގުތުތަކެއް މިނިސްޓަރު އެމީހުންނާއިއެކު ހޭދަ ކުރައްވައެވެ. އެގޮތަށް ނަޞޭހަތް ދެވުނު 2 ޒުވާނަކު މިހާރު ވެސް ޤަވާއިދުން މިސްކިތްތަކުން ފެނެއެވެ. ޖަމާއަތަށް ނަމާދަށް ދެއެވެ. އަޚްލާޤް އެހައިމެ ރަގަޅެވެ.
އެއިގެ ތެރެއިން އެއް ކުއްޖަކު ދާދިފަހުން ފެނުނީ އަމިއްލައަށް މިސްކިތް ފޮޅާ ސާފުކުރަން ހުއްޓައެވެ. މިސްކިތުގައި ހުރި ސްޓޭންޑް ފަންކާތައް ފޮހެ ސާފުކުރުމުގައި އުޅެނިކޮށެވެ.
ދީނީ ފަތުވާ ދިނުން ފަސޭހަކޮށްދިނުން:
ރާއްޖޭގައި ދީނީ ފަތުވާ ދެވެނީ ދީނީ އިލްމުވެރިންނަށެވެ. އެއީ އެކަން ހަމަ ސައުދިއަރަބިޔާގައި ވެސް އަދި އިސްލާމީ ޤައުމުތަކުގައިވެސް އޮންނަ ގޮތެވެ.
ފަތުވާ ދެވޭ އިލްމުވެރިއަކަށް ރަޖިސްޓްރީ ކުރެވެނީ އިލްމުވެރިޔާގެ ހުރިހާ ލިޔުންތައް ހުށަހަޅައި އިސްލާމިކް މިނިސްޓްރީން ބަލައިގަތުމަށްފަހު އަދި އެހެންކަންކަން ވެސް ބެލުމަށްފަހުގައެވެ. އެހެންކަމަށްއިރުު ފަތުވާ ދެއްވަން ހުއްދަ ދެއްވާފައިވާ އިލްމުވެރިން ފަތުވާ ދެއްވަން ބޮޑެތި ހުރަސްތަކެއް އޮތުމަކީ ވިސްނަންޖެހޭ ކަމެކެވެ.
މިސާލަކަށް ބައެއް ޝައިޚުންނަކީ ޤަވާއިދުން މިސްކިތްތަކުގައި ދީނީ ދަރުސް ދެއްވަވާ ބޭފުޅުންނެވެ. އެހެންކަމަށްވުމާއިއެކުވެސް ކޮންމެ ދަރުސަކަށް ޚާއްޞަ ހުއްދައެއް ނަގަން އެބަޖެހެއެވެ. ހަމަ ހުރިހާ ވަނަވަރެއް ހުށަހަޅައިގެން އައު ފަހަރު ފަދައިންނެވެ.
އެގޮތަށް ވަނަވަރާއި ފޯމްތައް ހޯމަ ދުވަހުގެ 12:30 ގެ ކުރިން ހުށަނުއަޅައިފިނަމަ އެ ހަފްތާއަކު ދަރުހެއް ނުދެވެއެވެ. އެއިގެ މާނައަކީ ހުއްދައަށް އެދެން 2 ދުވަސް ހުއްދަ ދޭން 3 ދުވަސް ބޭނުންވުމެވެ. މި ހުރަސްތަކުގެ ސަބަބުން ޤަވާއިދުން ހުކުރު ދުވަހު ދަރުސް ދެމުން އަންނަ މިސްކިތެއްގައި މިދިއަ ހަފްތާގައި ވަނީ ދަރުސް ނުދެވިފައެވެ. ވަނަވަރު ކަރުދާސްތައް ގަޑިޖެހުމުންނެވެ.
މިސްކިތެއްގައި ހުކުރު ދުވަހު ދަރުސް ދިނުމަށް ހުއްދަ ނަގާފައި އޮތް ދީނީ އިލްމުވެރިއަކު ބަލިވެގެން ނުވަތަ އެހެން ކަމެއް މެދުވެރިވެގެންވެސް ވާކަށް ނެތެވެ. ހޯމަ ދުވަހުގެ 12:30 އަށްފަހު ބަލިވެއްޖެ ނަމަ އެމިސްކިތެއްގައި އެ ހަފްތާގައި ދަރުސް ދެވޭނެ ގޮތެއް މިހާރު އޮތް ޤަވާއިދަކު ނެތެވެ.
ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރަން އިންތިހާއަށް ޖެހިފައިވާއިރު މިފަދަ ކަންކަން މިއަށްވުރެ ލުއި އުޞޫލަކުން ހަމަ ނުކުރެވޭނެބާވައެވެ!
ދެން އޮތީ ދީނީ އިލްމްވެރިންގެ މަހާސިންތާ ތަކުގެ ނިންމުންތައް ތަންފީޒު ކުރުމާއި ދީނީ އިލްމުވެރިންގެ ގޮވައިލުންތަކަށް އިޖާބަ ދިނުމެވެ.
ދީނީ އިލްމުވެރިންގެ ފުރަތަމަ މަހާސިންތާގައި ނިންމި ނިންމުންތަކަށް އަހަރު ފުރިގެންދިއައިރު އަމަލުކޮށްފައި ނެތުމުން ދެވަަނަ މަހާސިންތާގައި އިލްމުވެރިން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. މިދިއަ ރަމަޟާންމަހު ދީނީ އިލްމުވެރިން ގޮވާލެއްވި މުހިންމު އެއްވެސް ކަމަކަށް އިޖާބަ ނުދެވި އޮވެ އަނެއް ރަމަޟާން މަސް އައިސް ކުރިމަތިވަނީއެވެ.
ޚިޔާލު ފައުޅުކުރުން ދުލުން ފޯނަށް ބަދަލުކުރުން:
ރައްޔިތުންގެ ހިތްތަކުގައި ދީނީ ގޮތުން ކަންކަމުގައި އުފެދޭ ސުވާލުކުރުމާއި ޚިޔާލު ފައުޅުކުރުން މިހާރު މިވަނީ ދުލުން ކުރުމުގެ ބަދަލުގައި ފޯނުން ކުރެވޭ ގޮތަށް ބަދަލުކޮށްފައެވެ.
މިއީ ވެސް ހައްދުފަހަނައަޅައިދިއުން އިތުރުވާ ސަބަބެކެވެ. އިންސާނުންނަކީ އެމީހުންގެ އިހްސާސްތައް ބޭރުކުރަން ބޭނުންވާ ބައެކެވެ. އިޙްޞާޞްތައް ބޭރުކުރެވުމުން ހިތަށް ފިނިކަން ލިބި ހިތްހަމަޖެހުން ލިބޭ ބައެކެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވައިލުމުން އެ ފުރުޞަތުގެ ބޭނުން ގިނަ ބައަކު އައީ ކުރަމުންނެވެ. ނަމަވެސް އެ ފުރުޞަތު މިވަނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ.
މިހާރު ސުވާލުކުރަން ދޫ ކަމަކު ނުދެއެވެ. ޖެހެނީ ފޯނުން އެސްއެމްއެސްއެއް ފޮނުވާށެވެ. ފޮނުވީމާ ޖަވާބު ލިބެނީ ޕެނެލްއަށް ކަމުދާ ސުވާލުތަކަށެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ މީހަކު އެމީހާގެ ދުލުން ސުވާލުކުރާއިރު ކުރެވޭ ގޮތާއި މޮޑަރޭޓަރު ކިތަންމެ ބަލާޣާތްތެރި ނަމަވެސް ކުރާ ގޮތާއި ތަފާތުތަކެއް ހުންނާނެ ކަމެވެ.
ހުރިހާ ގޮތަކުން މިވަނީ ދޫ ބަންދުވެފައެވެ. ބޮޑު ތަޅެއް ލެވިފައެވެ. މިތަޅު މިގޮތަށް ބައިންދާހާ ދުވަހަކު ދާނީ މައްސަލަތައް އިތުރުވަމުންނެވެ. ބިރުވެރިކަން އިތުރުވަމުންނެވެ. މައްސަލަތައް ހައްލުކުރެވޭނީ ދޫ ހުޅުވައިގެންނެވެ. އެކަމަށް ފުރުޞަތު ދީގެންނެވެ. ކަންބޮޑުވުންތަކަށް ޖަވާބު ލިބިގެންނެވެ. ހިތުގައި އުފެދޭ އުދާސްތައް ނައްތައިލުމުގެ ފުރުޞަތު ދީގެންނެވެ.
ސައުދިއަރަބިޔާގެ ހާލަތަށް ބައްލަވާށެވެ. ގެންނަމުން އެގެންދާ ބަދަލުތަކަށް ބައްލަވާށެވެ. ކުވައިތުގެ އަމީރުގެ ބަސްފުޅަށް ވިސްނަވާށެވެ. ކުވައިތުގެ އަމީރު ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެވަޑައިގެންފައިވަނީ އެޤައުމުގައި ހައްދުފަހަނައަޅައި ދިއުން އިތުރުވީ ވެރިކަމުގެ އިހްމާލުން ކަމަށެވެ. ޒުވާނުންގެ އެދުންތަކާއި އެއްހަމައެއްގައި ސަރުކާރަށް ފައިތިލަ ސާބިތު ނުކުރެވުމުން ކަމަށެވެ. ޒުވާނުންގެ ސުވާލުތަކަށް ޖަވާބު ނުދެވުމާއި ޒުވާނުންނަށް ދޭންޖެހޭ ދީނީ ތައުލީމް ނުދެވުމުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ އަމިއްލަފުޅަށް އުފުއްލަވާ ކަމަށާއި ކަންކަން ރަނގަޅު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.