ދުނިޔޭގައި ތަފާތު އެކިއެކި ކަންތައްތައް ވަމުން އަންނަ މަންޒަރު ފެނެއެވެ. މިފަހަރު މިއޮތީވެސް އެކަހަލަ ކަމެކެވެ.
ޔޫގަންޑާގެ މުކޮނޯ ޑިސްޓްރިކްޓްގެ ކަބިމްބިރީ އަވަށުގައި ދިރިއުޅޭ މޭރިއަމް ނަބަޓަންޒީ ބާބިރްޔޭ ގެ އުމުރުން އެންމެ 11 އަހަރުގައި އޭނާގެ މައިންބަފައިން އޭނާ ވިއްކާލިއެވެ. އޭނާގެ އުމުރުން މިހާރު 37 އަހަރެވެ. ނަމަވެސް 38 ދަރިން މިހާރުވެސް އެބަ ތިއްބެވެ.
އެއަވަށުގެ މީހުން މޭރިއަމް އަށް ދީފައިވާ ވަނަމަކީ "ނަލޮންގޯ މުޒާލާ ބަނާ" އެވެ. މާނައަކީ "އެއްމާބަނޑު ހަތަރު ދަރިންވިހާ އެއްމާބަނޑު އަންހެނާ" އެވެ.
މޭރިއަމް ވަނީ 6 ފަހަރު މަތިން އެއްމާބަނޑު ދެކުދިން (12 ކުދިން) ނާއި ހަތަރު ފަހަރު މަތިން އެއްމާބަނޑު ތިން ކުދިން (12 ކުދިން) ނާއި ތިން ފަހަރު މަތިން އެއްމާބަނޑު ހަތަރު ކުދިން (12 ކުދިން) ނާއި އަދި އާއްމުކޮށް ވިހާފަދައިން ދެ ކުދިން ވިހާފައެވެ.
"އަަހަރެންގެ ބައްޕަގެ ވެސް މުޅިއަކު 45 ދަރިން ތިބޭ. އެއީ ބައްޕަ އެކި މީހުންނާއި އިނދެގެން ލިބުން ދަރިން. އެކަމަކު އެމީހުންނަށްވެސް ދަރިން ލިބިފައިވަނީ އެއްފަހަރާ ފަސް ކުދިން، ހަތަރު ކުދިން، ތިން ކުދިން، ދެ ކުދިން، މިއުސޫލުން" އިންޓަރވިއުއެއްގައި މޭރިއަމް ބުނެފައިވެއެވެ.
މުލާގޯ ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ޝަލްސް ކިގުންޑު ބުނެފައިވަނީ "މޭރިއަމް އަށް އެއްފަހަރާ އެހާ ގިނަ ދަރިން ލިބުމަކީ އޭނާގެ ބައްޕަ ފަރާތުން ލިބިފައިވާ ޖެނެޓިކަލް ކަމެއް ކަމުގައި ވެދާނެ" ކަމަށެވެ.
މޭރިއަމް ބުނިގޮތުގައި އޭނާ ކައިވެނި ކުރީ ވަރަށް ޅައުމުރުގައެވެ. ފުރަތަމަ ފަހަރަށް ބަލިވެ އިން އިރު އޭނާގެ އުމުރަކީ އެންމެ 13 އަހަރެވެ. އެފަހަރު އޭނާއަށް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ.
އޭނާ ބުނިގޮތުގައި އެހާގިނައިން ދަރިން ހޯދުން ހުއްޓުވަން ސިއްޙީ މާހިރުންގެ އެހީހޯދަން މޭރިއަމް މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން ބުނީ މޭރިއަމްގެ ހަށިގަނޑުގައި މާގިނައިން ބިސް އުފެދޭތީ ވިހެއުން ހުއްޓުވައިފިނަމަ މޭރިއަމް ގެ ފުރާނައަށް ނުރައްކާވާނެއެވެ.
މިކަމާއިމެދު ޑރ. ކިގުންޑު ބުނީ އެއީ ސިއްޙީ އެއްވެސް ބޭފުޅަކު ދީގެން ވާނެ ލަފާއެއް ނޫން ކަމަށާއި، ފުރާނައަށް ގެއްލުން ނުވާނެފަދަ ގޮތްގޮތަށް ވިހެއުން ހުއްޓުވޭނެ ވަސީލަތްތައް މިހާރު އެބަހުރި ކަމަށެވެ.
މޭރިއަމް ގެ ފިރިމީހާއަކީ ވެސް އެހާ ހަރުދަނާ އަޅާލާ ފިރިއެއްނޫން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އުމުރުން 23 އަހަރުގެ އެމީހުންގެ ދޮށީ ދަރިފުޅު ޗާލްސް މުސިސީ ބުނީ "އަހަރެންގެ ކޮއްކޮމެންނަކަށް ނޭނގެ ބައްޕަ ހުންނަ ސިފައެއްވެސް. އަހަންނަށް ވެސް ބައްޕަ ތަންކޮޅެއް ރަނގަޅަށް ފެނުނީ އެއްމެ ރެއަކު، އެއިރު އަހަންނަށް 13 އަހަރު" ކަމަށެވެ.
އެހެން ބެލެނިވެރިންނަށް މޭރިއަމް ދޭ ނަސޭޙަތަކީ، ދުވަހަކުވެސް އެމީހެއްގެ ދަރިން އެހާ ޅައުމުރުގައި މީހުންނަށް ވިއްކާނުލުމަށެވެ. އަދި ޅައުމުރުގައި އެކުދިން ކައިވެނި ވެސް ނުކުރުވުމަށެވެ. ފިރިހެނުންނަށް މޭރިއަމް ދޭ ނަސޭޙަތަކީ އަނބިދަރިންނަށް އަބަދުވެސް ރަނގަޅަށް އަޅާލާ ބެލެހެއްޓުމަށެވެ.