މިދިއަ އަހަރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މުއައްސަސާތަކުން ކުރާ ޚިޔާލީ ކަންކަން ވަކިކުރަން ނޭނގުން: މިއަދުނޫސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
މިދިއަ އަހަރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މުއައްސަސާތަކުން ކުރާ ޚިޔާލީ ކަންކަން ވަކިކުރަން ނޭނގުން: މިއަދުނޫސް
މިއަދުނޫހަށް މިދިއަ އަހަރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ މުއައްސަސާތަކުން ކުރާ ޚިޔާލީ ކަންކަން ވަކިކުރަން ނުއެނގުމެވެ. އެކަމާއި ގުޅިގެން މިއަދުނޫހުގެ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ވެސް ވަނީ ހުހަޅިފައެވެ.

ސަރުކާރުގެ މުއައްސަސާތަކުން ކުރާ ޚިޔާލީ ކަންކަމާއި ހަޤީޤީ ކަންކަން ވަކިކުރަން އެނގޭނެ ގޮތެއް ހޯދަން މިއަދު މިވަނީ ޖެހިފައެވެ.

އެހެންކަމުން މިއަދުނޫހުން ގަސްދުކުރަނީ ކުރިއަށް އޮތްތަނުގައި ސަރުކާރުގެ މުއައްސަސާއަކުން ބަޔާނެއް ނެރެފިނަމަ އެއީ ހަޤީޤީ ބަޔާނެއްތޯ ސުވާލުކޮށް ކަށަވަރު ކުރުމަށެވެ. ތަނެއްގައި ވާހަކަ ދެއްކި ނަމަވެސް އެދެއްކީ ހަޤީޤީ ވާހަކައެއްތޯ ނުވަތަ ޚިޔާލީ ވާހަކައެއްތޯ ސުވާލުކުރުމަށެވެ. ޚާއްޞަކޮށް ޓީވީއިން ދައްކާ ކަމެއްގެ މައްޗަށް ޚަބަރެއް ހަދާނަމަ އެކަން ވަކިން ބޮޑަށް ކަށަވަރުކުރުމަށެވެ.

ޚިޔާލީ ކަންކަމާއި ހަޤީޤީ ކަންކަން ވަކިކުރަން ނުއެނގުމުން އޮޅުމެއް އެރިނަމަވެސް މިއަދުނޫހުގައި ޝާއިއުކުރި އެއްވެސް ޚަބަރެއް ފާއިތުވި 8 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން ދޮގުކޮށްފައި ނެތުމަކީ މިއަދުނޫހުން ޚަބަރު ލިޔާއިރު ހަޤީޤަތާއިއެއްގޮތަށް ލިޔަން މަސައްކަތްކުރާ ކަމުގެ ހެއްކަކަށް ފުދޭކަމަށް ޤަބޫލުކުރަމެވެ. ކުރިއަށް އޮތް ތަނުގައިވެސް މިއަދުނޫހުން މަސައްކަތްކުރާނީ ހަޤީޤަތް ހާމަކުރަން ވީހައި ބޮޑަށް ސަމާލުކަންދީގެންނެވެ.

ކަންބޮޑުވުން:

ކޮންމެ ނޫހަކުންވެސް މައުލޫމާތު ހޯދަން އެދޭނީ އަމިއްލަ ޚަބަރެއް ހެދުމަށެވެ. އެހެން ނަމަވެސް ކަމަކާއި ގުޅިގެން މައުލޫމާތު ސާފުކުރަން އެދުމުން ޚަބަރަކުން ޖަވާބުދޭނަމަ މައުލޫމާތު ހޯދަން އެދުމުގެ ބޭނުން ކެނޑޭކަމަށް ޤަބޫލުކުރެވެއެވެ.
މިފަދަ މައްސަލައެއް މިއަދުނޫހަށް ވަނީ ކުރިމަތިވެފައެވެ.

މިއަދުނޫހުން އިސްލާމިކް މިނިސްޓްރީއަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ވަރަށް އާންމު ކަމަކާއި ގުޅިގެން 2 ކަމެއްގެ މައުލޫމާތު ހޯދަން އެދި ސިޓީއެއް ފޮނުވުނެވެ. ސިޓީ ފޮނުވަންޖެހުނީ މީޑިއާ އޮފިޝަލާއި ތަކުރާރުކޮށް ގުޅުމުންވެސް މައުލޫމާތު ސާފުނުވުމުންނެވެ.
މިދިއަ ހަފްތާގައި ވެސް ޖަވާބު ހޯދަން ފޮނުވުނެވެ. ނަމަވެސް ލިބުނު ޖަވާބަކީ ޖަވާބުދޭނެކަމުގެ ޖަވާބެވެ.

ކަންކަމުގެ މައުލޫމާތު ލިބިގެން ނޫނީ ހަޤީޤަތާއި އެއްގޮތަށް ޚަބަރު ހާމަކުރުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. ކޮންމެ ކަމެއްގެ މައުލޫމާތު ސިޓީ ފޮނުވައިގެން ހޯދަންޖެހޭނަމަ ނޫސްވެރިކަން ކުރަން ދަތިތަކެއް ހުންނާނެއެވެ.

ޤާނޫނުގެ ދަށުން ސިޓީތަކަށް ޖަވާބުދޭން 21 ދުވަހުގެ މުއްދަތެއް ލިބެއެވެ. އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ހުށަހެޅެނީ 21 ދުވަހުން ޖަވާބު ނުލިބުމުންނެވެ. އެހެންކަމުން ޤާނޫނާއި އެއްގޮތަށް މައުލޫމާތު ހޯދައިގެން ޚަބަރެއް ހެދޭނީ މަސްދުވަހުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ނޫސްވެރިކަން ކުރެވޭނެ ގޮތެއް ނޫންކަމަށް ޤަބޫލުކުރެވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ނެތްކަމަށް ބޭރުގެ ޖަމައަތްތަކުން ކަނޑައަޅަމުން ގެންދަނީ ހަމައެކަނި އަބުރުގެ މައްސަލައިގައެއް ނޫނެވެ. ނޫސްވެރިކަން ކުރުމަށް ދަތިތަކެއް ހުރުމުންނެވެ.

މިއަދުނޫހުގެ އެދުން:

1- ނޫސްތަކާއި ޓީވީ އަދި ރޭޑީއޯތަކުގެ ބެލެނިވެރިފަރާތް ވަކިވުން.

މިއަދުނޫހާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއިމެދު އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް މިއަދުނޫހުގެ ނޫސްވެރިން ބްރޯޑްކާސްޓިންގ ކޮމިޝަނުން ފާހެއް ހޯދަންޖެހޭ ގޮތަށް އޮތުމަކީ އުޞޞޫލެއްގެ ގޮތުން ޤަބޫލުކުރާ ކަމެއް ނޫނެވެ. މިއަދުނޫހަކީ އެއްވެސް ޚަބަރެއް ބްރޯޑްކާސްޓްކުރާ ނޫހަކަށް ނުވާތީއެވެ.

މިއަދުނޫސް ޤަބޫލުކުރާ ގޮތުގައި ނޫސް މަޖައްލާތަކުގެ ނޫސްވެރިން ފާހެއް ހޯދަންޖެހޭނަމަ ޖެހެންވާނީ މީޑިއާ ކައުންސިލުންނެވެ.
2- މީޑިއާ ކައުންސިލުގައި ހުރިހާ ނޫސްވެރިން ރަޖިސްޓްރީ ކުރެވެންޖެހޭނެއެވެ. އަދި ނޫސްވެރިކަމުގެ ކާޑެއް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ދޭންވެސް ޖެހޭނެއެވެ.

މީޑިއާ ކައުންސިލުން ދޫކުރާ މީޑިއާ ފާސް އޮންނަންޖެހޭނީ ހަމައެކަނި މަގުމައްޗަށް ނުކުންނަ ނޫސްވެރިންގެ އަތަކު ނޫނެވެ. ކޮންމެ ނޫސްވެރިއަކީވެސް ކޮންމެ ވަގުތަކު ނަމަވެސް މަގުމައްޗަށް ނުކުންނަން ޖެހޭނެ ނޫސްވެރިން ކަމަށްވާތީއެވެ.

މިހާރަކަށް އައިސް އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ކުއްލިކުއްލިއަށް ނޫސްވެރިން އުފެދުމުން ފުލުހުންނަށް އެއީ ކޮންބައެއްކަން ނުއެނގުމުގެ މައްސަލައެވެ.

3- ދައުލަތުގެ މުއައްސަސާތަކާއި ނޫސްވެރިންނާއި ގާތްގުޅުމެއް އުފައްދަން މިވަނީ މަޖުބޫރުވެފައެވެ. އެހެންކަމުން މީޑިއާ ކައުންސިލުން އިސްނަގައިގެން މަދުވެގެން ކޮންމެ 3 މަހުން އެއްމަހު މިފަދަ ބައްދަލުވުމެއް ބޭއްވުން ވަރަށް މުހިންމުކަމަށް ފެނެއެވެ.

4- މީޑިއާ ކައުންސިލާއި ނޫސްވެރިންނާއިމެދުވެސް ގާތް ގުޅުމެއް އުފައްދަން އެބަޖެހެއެވެ. މީޑިއާ ކައުންސިލަކީ ހަމައެކަނި ބަޔާންނެރޭ ކައުންސިލެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރަން އެބަޖެހެއެވެ. ނޫސްވެރިންނާއި ބައްދަލުކުރަން އެބަޖެހެއެވެ.

އެހެންކަމުން މީޑިއާ ކައުންސިލުން ރާއްޖޭގައި މަސައްކަތްކުރާ އެޑިޓަރުންނާއި މަހަކު އެއްފަހަރު އަދި ނޫސްވެރިންނާއި 2 މަހުން 1 މަހު ބައްދަލުކޮށް މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް މިއަދުނޫހުން ދެކެއެވެ.

ނޫސްވެރިކަން ކުރުމަށް ރާއްޖޭގައި ހުރަސްތަކެއް އެބަހުއްޓެވެ. ނަމަވެސް އެއީ ގިރާ ނުކުރެވެންވީ ހުރަސްތަކެއް ނޫނެވެ. ހުރިހާވެސް މައްސަލައެއް ކަމަށް ބެލެވެނީ މީޑިއާތަކުގެ މެދުގައި ގުޅުން ކުޑަވުމެވެ. ދަރުބޮނޑި ބަނދެލެވިއްޖެނަމަ ގިނަ މައްސަލަތައް ހައްލުކުރެވޭނެއެވެ.

މިސާލަކަށް، މައުލޫމާތު ދިނުމުގައި ދަތިކުރާ އޮފީސްތަކުން ބާއްވާ އިވެންޓްތަކަށް އެއްވެސް މީޑިއާއަކުން ނުދާން ނިންމައި އަމަލުކޮށްފިނަމަ އަދި އެފަދަ އޮފީސްތަކުގެ ޚަބަރުތައް އެއްވެސް މީޑިއާއަކުން ގެނެސް ނުދޭން ނިންމައިފި ނަމަ ދަތިކުރުން ހުއްޓޭނެއެވެ.
މިއަދު އޮންލައިން