ބަންގިއާމެދު ރައީސް ޔާމީންގެ ވިސްނުންފުޅާ ކުޅިވަރާބެހޭ ވަޒީރުންގެ ވިސްނުފުޅުގަ ތަފާތު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
ބަންގިއާމެދު ރައީސް ޔާމީންގެ ވިސްނުންފުޅާ ކުޅިވަރާބެހޭ ވަޒީރުންގެ ވިސްނުފުޅުގަ ތަފާތު ބޮޑު!
ބަންގިއާއިމެދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވިސްނުންފުޅާއި ކުޅިވަރާއިބެހޭ ވަޒީރުންގެ ވިސްނުންފުޅުގައި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރިކަން ހާމަވެއްޖެއެވެ.

ޕީޕީއެމުން އިންތިޒާމުކޮށްގެން މާލޭ ސިނާޢީ އަވަށުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޢަބްދުﷲ ޔާމީން ވަނީ ބަންގީގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވައިފައެވެ. މީގެ 900 ވަރަކަށް އަހަރު ކުރީންސުރެ ރާއްޖެ އިސްލާމްވީންސުރެ މިއަދާއި ހަމައަށް ރާއްޖޭގެ އެއްވެސް ރަށަކުން ބަންގީގެ އަޑު ނުކެނޑޭ ކަމާއި އަޅުގަނޑުމެން އެންމެން ވާންޖެހޭނީ އެކަން ހިމާޔަތްކޮށް ދަމަހައްޓާ ބައަކަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ބަންގީގެ އަޑު ކަނޑުވާލަން އުޅޭ ބައަކަށް ނޫނެކޭ ބުނަންޖެހޭނެކަންވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވައިފައެވެ. މިއީ ހަމަ ކޮންމެ ދިވެހިރައްޔިތަކުވެސް ހިތުގެއަޑިން ތާއީދުކުރާނެ ކަންކަމެވެ. އެހެންކަމުން ބަންގިއަށް އެމަނިކުފާނު ދެއްވަވާ ސަމާލުކަމާއި ދިވެހިންނަކީ ނަމާދުކުރާ ބައަކަށް ހެއްދެވުމަށް އެމަނިކުފާނު ބޭނުންފުޅުވާ މިންވަރު މިވަނީ ކިތަންމެ ރަނގަޅޤަކަށްވެސް ހާމަވެފައެވެ.

ދެން ބަލައިލަންވީ ކުޅިވަރާއިބެހޭ ވަޒީރުންގެ އަމަލުފުޅުތަކަށެވެ.

ކޮންމެ ދިމާއަކުން ވައިޖެހުނު ނަމަވެސް އަދި ވައި ނުޖެހުނު ނަމަވެސް ބަންގީގެ އަޑު އެންމެ ގަދަވާ އެއްސަރަހައްދަކީ މާފަންނު ސްޓޭޑިއަމްއެވެ. އެއްފަރާތުން އާސަހަރާ މިސްކިތުގެ އަޑެވެ. ޖެހިގެން ދާދި ކައިރިން ކަޅުތުއްކަލާ ކޮށީގެ ބަންގީގެ އަޑެވެ. އެއީ ޖެހިގެން ވިޔަފާރިވެރިންގެ މިސްކިތުގެ އަޑެވެ.

ބަންގީގެ އަޑު މިހައި ގަދަ ނަމަވެސް ބަންގީގެ އަޑަށް ނުވަތަ ދެ ނަމާދު ދޭތެރެއަށް ދެވެނީ ކޮން ހުރުމަތެއްތޯއެވެ؟ މަޣްރިބް ނަމާދާއި އިޝާ ނަމާދުކުރުމަށް އެޅެނީ ކޮން ބާރެއްތޯއެވެ؟ ކުޅިވަރުތައް މެދުކަނޑައިލެވޭތޯއެވެ؟

މިވަރުން ފުދުނީއެއް ނޫނެވެ. ދެނަމާދު ދޭތެރޭގައި ކުޅިވަރުގެ ރަސްމިއްޔާތުތައް ބޭއްވުމަކީ އެއްވެސް ސަރުކާރަކުން ކުރަމުން އަންނަ ކަމެއް ނޫނެވެ. ޚާއްޞަ ހާލަތެއް މެދުވެރިވެގެން މެނުވީއެވެ.

ފުޓްބޯޅަ ފަދަ މުބާރާތެއް އިތުރު ވަގުތު ކުޅެންޖެހިގެން ގިނަ ވަގުތުތަކެއް އިތުރަށް ބޭނުންވެގެން ކުރިއަށް ގެންދިއަ ނަމަވެސް މަޣްރިބް ނަމާދުގެ ބަންގިއަށް މެދުކަނޑާލައެވެ. ތަށިދީ ނިންމާފައި އަވަސް އަވަހަށް ނިންމައިލައެވެ. ނަމަވެސް އެކަންވެސް މިއަދު މިވަނީ މުޅިން ބަދަލުވެފައެވެ.
އެންމެ ގާތުން ހަނދާންކޮށްލަންވީ ނިމިގެންދިއަ ޤައުމީ ޓެނިސް މުބާރާތެވެ. ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ ވަގުތެވެ.

އެކަމުގައި އުޅުނު މީހުންނާއި ކުޅުންތެރިންގެ ދެ ނަމާދު ކޮބައިތޯއެވެ! ބަންގީގެ ހުރުމަތް ކޮބައިތޯއެވެ! 7:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ތަށި ދެއްވީ ކުޅިވަރާއިބެހޭ ވަޒިރު ނޫންތޯއެވެ! ނިމިގެން ދެވުނީ ކޮން އިރަކުތޯއެވެ! އެކަމުގައި އުޅުނު އެކަކުވެސް މަޣްރިބް ނަމާދު ކުރިބާވައެވެ! އުޅުނީ އަަވަދި ނެތި އިންތިޒާމުތައް ކުރުމުގަ އާއި މިނިސްޓަރަށް މަރުހަބާކިޔަން ނޫންބާވައެވެ! އެވަގުތުތަކުގައި އެތަނުގައި ގެންގުޅުނު އެއްވެސް ކުއްޖަކު އެންމެ ނަމާދެއް ކުރިބާވައެވެ!

ކުޑައިރު ޅަފަތުގައި ދެވޭ ތަރުބިއްޔަތަކީ ވަގުތުގައި ނަމާދުކުރުމަށް ހިތްވަރު ނުލިބޭ ތަރުބިއްޔަތަކަށްވުމުން އެކުދިން ބޮޑެތިވުމުން ނަމާދު ވަގުތުގައި ކުރަން އޮންނާނީ ކޮން އަޒުމެއް ބާވައެވެ!!

ދެން މިސަރުކާރު ވެފައިވަނީ ދެނަމާދު ދޭތެރޭގައި ކުޅިވަރުކުޅުމަށް އެންމެ ވަރުގަދައަށް ހިތްވަރުދޭ ސަރުކާރަށެވެ. އިތުރުވެގެންދިއަ ފުޓްސެލް ދަނޑުތަކާއި އެހެނިހެން ވަސީލަތްތަކާއިއެކު ދެ ނަމާދު ދޭތެރޭގައި ކުޅިވަރުކުޅުމަށް އެންމެ ބޮޑަށް ހިތްވަރުދީ އެންމެ ގިނަ އަލިތައް ދިއްލައިދޭ ސަރުކާރަކީ މިސަރުކާރެވެ.

ހަމަ އެކަނި މާލޭ މާފަންނު ސްޓޭޑިއަމަށް ބެލި ނަމަވެސް ދެ ނަމާދު ދޭތެރޭގައި ކުޅެނީ ވެސް ހަމައެކަނި ޒުވާނުންނާއި ބޮޑެތި މީހުންނެއްވެސް ނޫނެވެ. ކުޑަކުދިންތައް ގެންދުވައިގެން ތަފާތު ކުޅިވަރުތައް ކުޅުވައެވެ. އެކުދިންގެ ހިތްތަކުގައި ދީނަށާއި ނަމާދުކުރުމަށް ލޯބިޖެއްސުވޭނީ ނަމާދާއި ދުރުކުރުވައިގެންތޯއެވެ! ނަމާދު ނުކުރެވޭނެ ގޮތަށް ރާވައި ކަންކަން ކޮށްގެންތޯއެވެ!

މިހުރިހާ ކަންކަމުން އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދީނީ ވިސްނުންފުޅާއި ކުޅިވަރާއިބެހޭ ވަޒީރުންގެ ވިސްނުންފުޅު ދިމާނުވާ ކަމެވެ. ދީނީ ވިސްނުމުގައި ރައިސް ޔާމީނާއި އެއްސަފެއްގައި ހިފަހައްޓައިލެވޭ ވަރުގެ ވަޒީރުން ތިބެގެން ނޫނީ ރައީސް ޔާމީނުގެ ބާރު ދުވެލީގައިި، ރޮކެޓް ސްޕީޑްގައި ކުރިއަށް ވަޑައިގަންނަވަން ދަތިތަކެއް ހުންނާނެއެވެ.
މިއަދު އޮންލައިން