އިންސާނުންގެ ތެރޭގައި އުޅެނީ ތަފާތު މިޒާޖުގެ މީހުންކަން ޤަބޫލު ކުރަމެވެ. އެކި މީހުންނަށް މަޖާވާނީ އަދި އެކި މީހުންނަށް ކަމުނުގޮސް ސީރިއަސް ވާނީ ވެސް ވަކި ކަންތައްތަކެއްކަން ޤަބޫލު ކުރަމެވެ.
ނަމަވެސް ޖަނަވާރުން މެރުމަކީ، މަޖާކަމެއް ބާއޭ، މަޖާނަމަ އެކަން މަޖާވަނީ ކޮންގޮތަކުން ބާއޭ ހިތައް އަރައެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ޖަނަވާރުން ދެކެ ލޯބިވާ ޖަނަވާރުން ގެންގުޅޭ ހިތްވާ މީހުންނެވެ. ޖަނަވާރުންގެ ތެރެއިން ވެސް އާއްމުގޮތެއްގައި އެންމެ ގިނަ މީހުން ގެންގުޅޭ ހިތްވާ އެކައްޗަކީ ބުޅަލެވެ.
އަޅުގަނޑުމެންގެ ތެރޭގައި ބުޅާ ދެކެ ބިރުގަންނަ މީހުންވެސް އުޅެއެވެ. ނަމަވެސް، އޭތި ދެކެ ބިރުގަތަސް، އެއަށް އެއްވެސް ގެއްލުމެއް ދޭން ބޭނުންވާނެހެން ހިއެއް ނުވެއެވެ.
ޖަނަވާރުންނަށް އެކި ކަހަލަ އަނިޔާތައް ދީ ވޭންހުރި ގޮތްގޮތަށް އެއެއްޗެހި މަރާފައި ހުންނަ ފޮޓޯތަކާއި ވީޑިއޯ ތައް ފެނެއެވެ. ސޯޝަލް މީޑިއާގައި ވެސް އެފަދަ ފޮޓޯ ތަކާއި، ވީޑިއޯ އަދި ޚަބަރުތައް ވަރަށް ގިނައިން ފެތުރިފައިވެއެވެ.
ބޭރު ޤައުމެއްގައި، ހިމާރުން ތަކެއްގެ ގަޔަށް މީހަކު އެސިޑް ޖެހިވާހަކަ އެވެ. ނުވަތަ ކުކުޅެއް މާދުރުގައި ބަނދެފައި ބައިންދާފަ އޭގެ ކުރިމަތީގައި އޭތީގެ ފިޔޮއްތައް ކަތިލާ މަންޒަރެވެ. ރާއްޖޭގައި ނަމަ ބަނޑުހައި ވެގެން އަންނަ ބުޅަލެއްގެ ގައިގާ ކޮޅު ފައިން ޖަހާ އެއްލާލާ މަންޒަރެވެ. ނުވަތަ މަސްޓޭންކަކަށް ލާފައި ހުންނަ މަސްތައް އިރުއިރުކޮޅާ ފެނުން ނަގާ އޭތި ތަޅުވަތަޅުވާފައި، ނޭވާއަށް ހާސް ކޮސްލުވާފައި އަލުން ޓޭންކު ތެރެއަށް ލާ މަންޒަރެވެ.
މިފަދަ ކިތަންމެ ކަމެއް އެބަހުއްޓެވެ. މިފަދަ ވާހަކަތައް ދައްކަން ނުވަތަ ލިޔަން، އަޅުގަނޑުގެ ހިތައް އުނދަގޫވީ ނަމަވެސް، ހައިރާންވާން ޖެހޭ ހިތާމަވެރި އެއް ކަމަކީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް މިކަންކަން ކުރަން ވަރަށް ފަސޭހަ ވާތީ އެވެ. ފަސޭހަ ވުމުގެ އިތުރުން، އެމީހުންނަށް މިކަންތައް ވަނީ މަޖަލެވެ. އެއެއްޗެހި މަރަށް ތެޅޭ ތެޅުން، އަދި އަނިޔާ ލިބިގެން ރޯއުރިމުގެ އަޑު، މިފަދަ މީހުންނަށް ޖޯކަކަށް ވަނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނުވިސްނެއެވެ.
ޖަނަވާރުންނަކީ ވެސް އިންސާނުން ފަދައިން ފުރާނަ ލައްވާފައިވާ އެއްޗެހި ނޫންހެޔެވެ؟ ޖަނަވާރުންގެ ހިތުންވެސް ވިންދު ޖަހައެވެ. އެއެއްޗެހި ވެސް ދިރިހުރުމަށްޓަކައި ނޭވާ ލައެވެ. ވީއިރު، އިންސާނުންނަށް މިފަދަ އަނިޔާތައް ވުމުން އަޅާ ވޭން ޖަނަވާރުންނަށް ވެސް އަޅާނެކަން ނުވިސްނެނީ ކީއްވެބާއެވެ؟ އެއެއްޗެހީގެ ވޭނާއި މަރު ޖޯކަކަށްވެ މަޖާ ވަނީ ކީއްވެބާއެވެ؟
މިސުވާލު ތަކުގެ ޖަވާބު ލިބޭނީ މިފަދަ ނޭދެވޭ އަމަލުތައް ހިންގާ ބައެއްގެ ފަރާތުން އެކަންޏެވެ. ހަމަ ޔަގީނުންވެސް މިކަހަލަ ކަންތައްތައް ކުރުމަކީ ވަރަށް ރަހުމްކުޑަ، އަދި ވީހާވެސް އަވަހަށް ހުއްޓަން ޖެހޭ ކަމެކެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުން ކުށްވެރިކުރުމަކީ ވެސް މިކަމަށް ލިބިދާނެ ހައްލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.