''ބޭބީ ބޫ''، ތައުރީފް ހައްޤު ވިޔަފާރިއެއް.

ކިޔުމަށް ހޭދަވާނީ 6މ 38ސ
''ބޭބީ ބޫ''، ތައުރީފް ހައްޤު ވިޔަފާރިއެއް.
ކުދިބޮޑު ތަފާތު އެކި ވައްތަރުގެ ވިޔަފާރިތަށް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފް ވަމުން އަންނަ ޒަމާނެއްގައި، އަންހެނުން އިސްނަގައިގެން ކުރަމުން އަންނަ ވިޔަފާރިތަށް ވެސް މިހާރު މިދަނީ ދުުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިއީ އަޅުގަނޑުމެން އެންމެން ވެސް ނުހަނު އުފާވެ، މިފަދަ ކަނބަލުންނަށް ތައުރީފް ހައްޤު ކަމެކެވެ.



މިއީ ވެސް މިފަދަ ހީވާގި ކަނބަލެއް ކުރަން ފަށާފައިވާ ވަރަށް ވެސް ތަފާތު ވިޔަފާރިއެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން ލިބޭ ހުސް ވަގުތުގައި، މުޅިން އަލަށް ވިޔަފާރީގެ މައިދާނަށް ނިކުތް އައިޝަތު ނުޒުހާ ޝަރީފު (ނުޒޫ) އަކީ ތުއްތު ކުދިން ދެކެ ވަރަށް ލޯބިވާ އަދި ރައްޔިތުންނަށް ފަސޭހަ ހިދުމަތް ދިނުމުގެ ޝައުޤުވެރިކަން ގެންގުޅޭ ހިތްވަރުގަދަ ޒުވާނެކެވެ.

“މިއަދުނޫހަށް” ދިން އެކްސްކްލޫސިވް އިންޓަރވިއު އެއްގައި ނުޒޫ ވަނީ އޭނާ ކުރާ ވިޔަފާރި އާއި ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު ހިއްސާކޮށް އެކަމުގައި އެފަދަ ވިޔަފާރިއެއް ކުރަން ގަސްދުކުރި ސަބަބުވެސް ބަޔާން ކޮށްދީފައެވެ.

ނުޒޫ ކުރާ ވިޔަފާރިއަށް ކިޔަނީ “ބޭބީ ބޫ” އެވެ. ނަމަށް ވިސްނާލުމުން ވެސް މިއީ ތުއްތު ކުދިންނަށް ނުވަތަ ކުޑަ ކުދިންނަށް ޚާއްސަ ކުރެވިފައިވާ ވިޔަފާރިއެއްކަން ހާމަ ވެގެން ދެއެވެ. ނަމަވެސް މިވިޔަފާރި ބަހާލެވިފައިވަނީ ތިން ޕެކޭޖަކަށެވެ. އެއީ ‘ބޭބީ ބޯން ޑޭ ބާސްކެޓް’ އާއި ‘ބޭބީ ޝަވަރ’ އަދި ‘ބްރައިޑަލް ޝަވަރ’ ގެ ޕެކޭޖުތަކެވެ.



ސ. މިފަދަ ތަފާތު ވިޔަފާރިއެއް ކުރަން ފެށުނީ ކޮންއިރަކު؟

ޖ. "މިފަދަ ވިޔަފާރިއެއް ކުރަން ފެށުމުގެ ހިޔާލު އަސްލު ގެންގުޅެން ފެށީ މިދިޔަ އަހަރު ފަހު ކޮޅުން ފެށިގެން. ޓާގެޓް ކުރިން އައު އަހަރާއި އެކު މިމަސައްކަތް ކުރަން ފަށަން. އައު އަހަރު ފެށުނުއިރު މަސައްކަތް ނުފެށުނު ކަމުގައި ވިޔަސް ފެބްރުއަރީ ގައި ފެށިން. ހަމަ ހިތެއް އެރީ މިއީ އަދި ރާއްޖޭގައި ވަރަށް ނުކުރާ ތަފާތު ކަމެކޭ، އެހެންވީމަ ވެއްޖޭ މިކަން ކުރަން. އެހެންވެ އަޅުގަނޑާއި އަދިވެސް އެހެން ގާތް ކުއްޖަކާ ވިސްނައިގެން ދެމީހުންގެ ހިޔާލުން މިމަސައްކަތް ފެށުނީ."

ސ. ފެބްރުއަރީގައި ފަށައިގެން އޭޕްރިލް މަހާއި ހަމަޔަށް ވިޔަފާރި ކިހާ ވަރަކަށްތޯ ކުރިއަށް ގޮސްފައިވަނީ؟

ޖ. "އަސްލު ވިޔަފާރި ފެށިތާ ނުވޭ އެހާ ގިނަ ދުވަހެއް. ނަމަވެސް އަޅުގަނޑު ބުނާނީ ފެށި އިރާއި ބަލާފަ ހަމަ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައޭ ވަނީ. އެއީ ފެބްރުއަރީ އިން ފެށިގެން އޭޕްރިލް މަހާއި ހަމަޔަށް ބަލާއިރު ގާތްގަނޑަކަށް 15 އަށް ވުރެ ގިނަ "ބާސްކެޓް" ތައްޔާރުކޮށް ޑެލިވަރ ކޮށްފިން."



ސ. މާލެ ތެރޭގައި އެކަނިތޯ ބޭބީ ބޯން ޑޭ ބާސްކެޓް އޯޑަރުތައް ނަގަނީ؟

ޖ. "ނޫން މާލެ ތެރެއިން އެކަންޏެއް ނޫން. އަޅުގަނޑުމެން އަތޮޅުތެރެއިން ވެސް ހަމަ އޯޑަރ ނަގަން. ނަގާފަ އެބޭފުޅުން ބުނާތާކަށް ނުވަތަ ދޯންޏަކަށް ލާދޭން ބުނެފިނަމަ ދޯންޏަކަށް ވެސް ހަވާލުކޮށްދެން. އެގޮތުން އޭޕްރިލް މަހާއި ހަމައަށް އަތޮޅުތެރޭގެ ވެސް ގާތްގަނޑަކަށް ހަތަރު ވަރަކަށް އޯޑަރސް އަޅުގަނޑުމެން ނަގާފައިވާނެ"

"ބޭބީ ބޫ" ވިޔަފާރި އާއި ބެހޭ ތަފްސީލެއް ދެމުން ނުޒޫ ބުނެފައިވަނީ:

"ބޭބީ ބޫ" ގެ ނަމުގައި ހިންގާ ވިޔަފާރިއެއް މި ވިޔަފާރިއަކީ. ދެން ބޭބީ ބޫ ގެ ޕެކޭޖް ތަކުގެ ތެރޭގައި މި ހިމެނެނީ ބޭބީ ބޯން ޑޭ ބާސްކެޓާއި، ބޭބީ ޝަވަރ ގެ އިތުރުން އަޅުގަނޑުމެން އަލަށް ތަޢާރަފްކުރި ބްރައިޑަލް ޝަވަރ. އެންމެ ފުރަތަމަ ބޭބީ ބޯން ޑޭ ބާސްކެޓާއި ބެހޭ ގޮތުން ކިޔާލަ ދޭނަން.



ބާސްކެޓްގައި ވަކިން ޚާއްސަ ފޮޓޯއެއް ނީންނާނެ. އެއީ މިއީ އެއްވެސް ހާލެއްގައި ރެޑީ މޭޑް އެއްޗަކަށް ނުވާތީ. އަޅުގަނޑުމެންނަށް އޯޑަރ ދިނީމަ ނުވަތަ އެބޭފުޅަކު ބާސްކެޓް ތައްޔާރުކުރަން ބޭނުންވާ ދުވަސް ބުނީމަ އަޅުގަނޑުމެން ދައްކާދެނީ އަޅުގަނޑުމެންނަށް ލިބިފައިހުރި މަދަރ ބޭގް ޑިޒައިންތައް. ބާސްކެޓްގައި ހިމެނޭނެ ތުއްތު ކުދިންގެ ރީތިވާ ސާމާނާއި ފެންވަރާ ސާމާނު. އެކަމަށް އަޅުގަނޑުމެން ގެންގުޅެނީ ތިން ބްރޭންޑެއް. އެއީ ޖޯންސަންސް އެން ޖޯންސަންސް، ކެއާ ފޮ ބޭބީ އަދި ކިއޯ ރޭޝް. އެތަނުން އެބޭފުޅަކު ބޭނުން ބްރޭންޑެއް ބުނުމުން އެބްރޭންޑެއްގެ އެއްޗެހި އަޅުގަނޑުމެން ތައްޔާރު ކުރާނީ. ދެން ހެދުން ކޮޅާއި އެއްޗެއްސަށް އަޅުގަނޑުމެން ހޯދާފައިވާނީ ބޭބީ ކޮޓަން ގެ ރީތި އެއްޗެހި. ބައެއް ހެދުން ކޮޅު ތަކުގައި ހުންނާނެ އަމިއްލައަށް 'އައި ލަވް މަންމީ' ފަދަ ލިޔުންކޮޅުތައް ޖަހާލަދީފައިވެސް. އޯޑަރ ދޭ ބޭފުޅަކު ސެލެކްޝަން ހަދާލީމަ އަޅުގަނޑުމެން ފޮނުވާނަން އެބޭފުޅަކަށް އިންވޮއިސް. އިންވޮއިސް އަށް އެޑްވާންސަށް ފައިސާ ދެއްކީމަ އޯޑަރ ޔަގީން ވާނީ. ބޭބީ ބޯންޑޭ ބާސްކެޓް ޕެކޭޖުގެ ޖުމްލަ އަގަކީ 1999 ރުފިރާ. އޭގެތެރެއިން އެޑްވާންސަށް 1000 ރުފިޔާ ޓްރާންސްފަރ ކޮށްގެން ވިޔަސް ދިނީމަ އޯޑަރ ޔަގީންވި ކަމަށް ބަލާފައި އަޅުގަނޑުމެން ބާސްކެޓް ތައްޔާރު ކުރާނީ. ދެން ބާކީ އިންނަ 999 ރުފިޔާ ދައްކާލަން ޖެހޭނީ ބާސްކެޓް ހަވާލު ކުރާ ދުވަހު ހަމަ އެވަގުތުގައި.

ދެން އިން ޕެކޭޖަކީ ބޭބީ ޝަވަރ. ބޭބީ ޝަވަރ ގެ ބެކް ޑްރޮޕް އާއި ޑެކޮރޭޓިންގ ގެ މަސައްކަތް ވެސް ފެށީފެބްރުއަރީ ގައި. ބޭބީ ޝަވަރ ވެސް އިންނާނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް. ބޭބީ ޝަވަރ ޕެކޭޖުގައި އިންނާނީ 3999 ރުފިޔާ. އެއަދަދުގެ ދަށުން އެފައިސާ އަށް ވާވަރަށް ހުރިހާ ކަމެއްވެސް ކޮށްދެނީ، އެއީ ދެފަރާތުން ވެސް ވާހަކަ ދައްކައިގެން. ބޭބީ ޝަވަރ ޕެކޭޖުގައި ހިމެނެނީ ބެކްޑްރޮޕް އާއި ޑެޒަރޓް ޓޭބަލް ހެދުން، ޑެކޮރޭޝަންސް، ޝޯޓްއީޓްސް އާއި ބުއިންތައް، ފޮޓޯ ބޫތު ގެ އިތުރުން ވިޝްލިސްޓު. އޯޑަރ ދެއްވާ ބޭފުޅުން ޑިޒައިން އާއި ލޮކޭޝަން ފޮނުވީމަ އަޅުގަނޑުމެން ބެކްޑްރޮޕް އާއި އެއްޗެހި ތައްޔާރު ކޮށްދެނީ. ދެން ހަމަ ޑިޒައިން ބަދަލު ކޮށްލަން ބޭނުން ކަމުގަވަންޏާ އެމަސައްކަތް ވެސް އަޅުގަނޑުމެން ކޮށްދެން. އަޅުގަނޑުމެންނާއި ގުޅޭނެ ހަމަ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް. ބޭބީ ޝަވަރ އަކީ ވެސް ކަސްޓަމަރުންގެ އެއްޗެއް.

ދެން އިންނާނީ ބްރައިޑަލް ޝަވަރ. ބްރައިޑަލް ޝަވަރ ގަ އަދި އަނެއްހެން ވަކި އަގެއް ކަނޑައަޅާފައެއް ނީންނާނެ. ނަމަވެސް އަޅުގަނޑުމެންނާއި ގުޅައިގެން އެބޭފުޅުން ހިމަނަން ބޭނުންވާ ކަންތައްތަށް ކިޔާލަދީ މިސާލަކަށް ބައެއް މީހުން ބޭނުން ވެދާނެ ގޭމްސް ވެސް ހިމަނަން. ދެން މީހުން އަންނަ އަދަދު ބުނީމަ އަހަނީ ބަޖެޓް ކިހާ ވަރެއްތޯ. އޯޑަރ ދޭ ފަރާތުން ކަނޑައަޅާ ބަޖެޓަށް އަޅުގަނޑުމެންނަށް ތައްޔަރު ކޮށްދެވޭނެހެން ހީވަންޏާ، ބަޖެޓަށް ފިޓް ވާވަރަށް ބްރައިޑަލް ޝަވަރ ގަ އޯޑަރ ނަގަނީ."

ސ. މިވިޔަފާރި އިތުރަށް ކުރިއަރުވަން ދެކިފައިވާ ހުވަފެން ތަކަކީ ކޮބާތޯ؟

ޖ. "ވިޔަފާރި ފުޅާވުމުން އެސޯސިއޭޓެއް ނުވަތަ އެސިސްޓަންޓެއް ހޯދަން ހިޔާލު ކުރަން. އަޅުގަނޑުމެންގެ ވިޔަފާރި ސްޕޮންސަރ ކުރަން ބޭނުން ކަމުގައި ވަންޏާ ސްޕޮންސަރ ވެސް ކުރެވޭނެ. ދެން ކުދަކުދިންގެ ހަވީރެއްވެސް ބާއްވަން ހިޔާލުކޮށްފަ އިނީ. އެކުޑަކުދިންގެ ހަވީރު ބާއްވަން ވެސް ސްޕޮންސަރުން ހޯދަން ހިޔާލުކުރަން."

ސ. މިފަދަ ވިޔަފާރިއެއް އެންމެ ފުރިހަމަ ގޮތުގައި ކުރުމުގައި ހިތްވަރިދީ އެހީތެރިކަން ލިބެނީ ކޮންފަރާތެއްގެތޯ؟

ޖ. "އެންމެ ފުރަތަމަ ބުނެލަން ބޭނުމީ އަލްޙަމްދުލިﷲ އޭ މިފަދަ ކަމެއް ފެށުނީމަ. ދެން މަންމަ މެންނާއި އާއިލާގެ އެންމެންގެ ފަރާތުންވެސް ވަރަށް ހިތްވަރާއި އެހީތެރިކަން ލިބޭ. އެއެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން މިފުރުސަތުގަ"

ނުޒޫ ބުނި ގޮތުގައި، މިފަދަ ވިޔަފާރިއެއް ކުރަން އޭނާ ވިސްނާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އަދި މިއީ އޭނާގެ ހުވަފެންތައް ހަގީގަތަކަކަށް ވުމުގެ އިތުރުން މިކަން އޭނާ ކުރަނީ އަމިއްލަ ފައިދާއެއް ހޯދުމަށް އެކަންޏެއް ނޫނެވެ.

"މިކަން ކުރަނީ އަމިއްލަ ފައިދާއަކަށް ބަލާފައެއް ނޫން. މިކަން ކުރަނީ ހަމަ މީހުންނަށް ހިތްހަމަ ޖެހުމެއް ދިނުމަށްޓަކައި، ޚާއްސަކޮށް ކުޑަކުދިންނަށް. ނުޒޫ ދެކެނީ މިއީ ތުއްތުކުދިންނަށާއި ކުޑަ ކުދިންނަށް ވެސް ކޮށްދެވޭ ކަމެއްގެ ގޮތުގައި" ބަސްދީގަތުން ނިންމާލަމުން ނުޒޫ ބުނެފައިވެއެވެ.
މިއަދު އޮންލައިން