ނިމިގެންދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއިމެދު ގިނަ ބައަކު ދަނީ ވަރަށް ފުންކޮށް ވިސްނަމުންނެވެ. އިދިކޮޅު ފަރާތްތަކުގެ ބަހުރުވައިންނަމަ އިންތިޚާބުގެ ނަތީޖާ އަންގައިދިނީ ދިވެހިން އަޅުވެތިކަން ބޭނުން ނުވާ ކަމެވެ. އަދުލު އިންސާފާއި ނުލައި ތަރައްޤީ ބޭނުން ނޫން ކަމަށެވެ. ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ތަރައްޤީ ކަމަށް ޤަބޫލުނުކުރާ ކަން ކަމަށެވެ.
ނިމިގެންދިއަ އިންތިޚާބަކީ އިންތިޚާބަކާއި ގުޅުވައިގެން ސަރުކާރަކުން އެންމެ ގިނަ ކެންޕޭނު ކުރި އިންތިޚާބެވެ. އެންމެ ގިނަ މަޝްރޫއުތައް ފެށި ކެންޕޭނެވެ. ސަރުކާރު އެކުގައި ހެން ނުކުމެ، ވަޒީރުންވެސް ހިމެނޭ ގޮތަށް ނުކުމެ ރައްޔިތުންގެ ގާތަށް ގޮސްގެން ކެންޕޭނުކުރި އިންތިޚާބެވެ.
މިހުރިހައި ކަންކަމާއިއެކުވެސް ބޮޑު ތަފާތަކުން މިހުރިހައި ކަންކަމަށް ރައްޔިތުން ނޫނެކޭ ބުނީ ހަމަ އެންމެ ސަބަބަކާއިހުރެއެވެ. ރާއްޖޭގައި އަދުލު އިންޞާފް ލިބޭކަން ބަަލައިގަންނަން އުނދަގޫވުމުންނެވެ.
މިސާލަކަށް ބައްލަވާށެވެ. ދާދިފަހުން ސިވިލް ކޯޓުން ވިލާ ގްރޫޕްގެ މައްސަލަތައް ނިންމުމުން ހައިކޯޓުން ވަނީ ހަމަ އެހުރިހައި މައްސަލަތަކެއް ބާޠިލްކޮށްފައެވެ. މިކަމުން ފެނުނީ ކޮން ނަތީޖާއެއްތޯއެވެ! ސިވިލް ކޯޓޫން ހުރި ހުރިހާ ހުކުމެއް ބާޠިލުކޮށްލުުމުން ރައްޔިތުންނަށް އެނގުނީ ކޮންމެވެސް އެއް ކޯޓެއްގައި ވަރަށް ބޮޑު މައްސަލައެއް އެބަހުރިކަމެވެ. ކޮންމެވެސް އެއް ކޯޓެއްގައި ތިއްބެވި ފަނޑިޔާރުންގެ ބޮޑެތި މައްސަލަތަކެއް އެބަހުރިކަމެވެ.
މައްސަލަތައް ހުރީ ކޮން ކޯޓެއްގައިކަން އެނގިގެންދާނީ ސްޕްރީމް ކޯޓުން މިމައްސަލަތައް ނިންމެވުމުންނެވެ.
ދެން އޮތީ ކާނަލް ނާޒިމްގެ މައްސަލައެވެ. މައްސަލައިގެ ބޮޑު ގޮލާ، ފިސްތޯލައަކީ ކާނަލް ނާޒިމް އާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއްކަން ސާބިތުކުރަން ދެއްކޭނެ އެއްވެސް ހެއްކެއް ނެތްއިރު އެއީ އަދީބްގެ އެއްޗެއްކަން ސާބިތުވާ ހެކި ޙޯދައި ހާމަކުރީ ފުލުހުންނެވެ. މައްސަލައިގައި ހުކުމް ކުރީ ތަޙްޤީޤް ނުނިންމަނީސްކަމަށް ބުނީ ވެސް ހަމަ ފުލުހުންނެވެ.
މިހުރިހައި ކަމަކާއިއެކު ނާޒިމް އަދިވެސް އެހުންނެވީ ހަމަ ކުޑަގޮޅީގައެވެ. އަޅައިލާނެ މީހަކުވެސް ނެތެވެ. އެމެރިކާގެ ގިޓްމޯ ޖަލުގެ ގައިދީންގެ މައްސަލަތައް ވެސް ކޮންމެވެސް ވަރަކަށް ބަލައެވެ. ނަމަވެސް ކާނަލް ނާޒިމްގެ މައްސަލަ ހަމަ އަފަލާތަންހަރެވެ.
ޝައިޚް އިމްރާންގެ މައްސަލައަށް ބަލާއިރު ދިފާޢީ ވަކީލުން ހުށަހަޅަމުން ގެންދާ ކަންކަމަށް ރިއާޔަތްކުރެވެނީ ކިހައި ވަރަކަށްބާވައެވެ! މަޚްލޫފްގެ މައްސަލަ އިސްތިއުނާފްކުރަން ހުށަހެޅުމުން 6 މަސް ދުވަސް ވެގެން ދިއައީ އަޑު އެހުމެއް ނެތިއެވެ. އެހެންކަމުން އެޙުކުމް ތަންފީޒުވެ ނިމުނީއެވެ. ދެވަނަ ހުކުމް ނިމެން މަހެއްހައި ދުވަހަށް ކައިރިވަނީއެވެ. އަދި ހަމަ މައްސަލަ އޮތީ އަފަލާތަންހަރުވެފައެވެ.
ވަރިކައިވެނީގެ ކަންކަމާއި މުދާ ބެހުމުގެ ކަންކަން ކިތަންމެ ރަނގަޅަށް ކުރިއަށް ގެންދިއަ ނަމަވެސް ޤައުމުގައި ހުރިކަމަށް ރައްޔިތުން ޤަބޫލުކުރާ ބޮޑެތި މައްސަލަތަކާއިމެދު މިފަދައިން އަމަލުކުރާނަމަ ރައްޔިތުން އެކަންކަމަށް ވިސްނާނެއެވެ.
3 ބާރު ވަކިވެ ޖޫޑިޝަރީ މިނިވަންކޮށްފައި އޮތް ނަމަވެސް ޖޫޑިޝަރީ ހިނގަމުންދާ ގޮތުން ޖޫޑިޝަރީ އޮތީ މިނިވަންކޮށް ކަމާއިމެދު ރާއްޖޭގެ އެންމެންހެން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
މިސާލަކަށް ކްރިމިނަލް ކޯޓަށް ސިޔާސީ ލީޑަރެއްގެ މައްސަލައެއް ހުށަހަޅައިފިނަމަ ކުރިއަށް ގެންދާ ބާރުމިނާއި އެހެން މައްސަލަތައް ކުރިއަށް ގެންދާ ބާރުމިނަށް ބެލުމުން މިފަދަ ސުވާލުތައް ނުއުފެދޭކަމަށް ބުނުމުގެ ފުރުޞަތު އެބައޮތްބާވައެވެ! ސިޔާސީ ލީޑަރެއްގެ މައްސަލައެއް ހުށަހަޅައިފިނަމަ ވީހައި އަވަހަކަށް ނިންމަންޖެހޭ ކަމަށް ކަނޑައަޅާ އެއްވެސް މާއްދާއެއް ޖޫޑިޝަރީގެ އެއްވެސް ޤަވާއިދެއްގައި އެބައޮތްތޯއެވެ؟ އެފަދަ މާއްދާއެއް އޮންނަކަން އަދި އެނގިފައެއް ނުވެއެވެ.
ވަކި ގޮތަކަށް ވޯޓުދޭން ވިދާޅުވިކަމަށްބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅު މިވަނީ ކުށްވެރިވެފައެވެ. ރިޝްވަތަކަށް ވެފައެވެ. ރިޔާސީ އިންތިޚާބުތަކުގައި ވަކި ގޮތަކަށް ވޯޓު ދިނުމުން ރައްޔިތުންނަށް ކޮށްދޭން ބުނާ ކަންތައްތައް ރިޝްވަތަކަށް ނުވެއެވެ. ޕާޓީތަކުން ނެރޭ ވިޕްލައިންއަކީ ވަކި ގޮތަކަށް ވޯޓުލުމަށް މަޖުބޫރުކުރުން ކަމަކަށްވެސް ނުވެއެވެ. އެކަމަކު ޕާޓީ ނުބުނާ ގޮތަކަށް ވިޕްލައިނާއި ދެކޮޅަށް ވޯޓުލުމުން ޕާޓީން ވަކިކުރެއެވެ. މިކަންކަން ދިމާވާ ކަމަށް ރައްޔިތުން ޤަބޫލެއް ނުކުރެއެވެ.
ރައްޔިތުން މިދިއަ އިންތިޚާބުގައި ވޯޓު ދިނީ އެމީހުންގެ މިފިކުރުތަކަށެވެ.
ކޮންމެއަކަސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު މިކަންކަން މިނޫން ގޮތަކަށް ރައްޔިތުންނަށް ޤަބޫލުކުރެވޭފަދަ ބަދަލުތަކެއް ގެނެސް ރައްޔިތުންނަށް ދައްކަން އެބަޖެހޭ ދޮގެއްތޯއެވެ!
މިކަމަށް ޖަދަލުކުރުމުގެ ފުރުޞަތެއް ދެން ނެތެވެ. ނަތީޖާ އެވަނީ ހާމަވެފައެވެ. ސަރުކާރަށް އޮތީ މިކަންކަމަށް ވިސްނައި ކަންކަން ބަދަލުކޮށްދިނުމެވެ. އިތުބާރު ހޯދުމެވެ! އަދުލުވެރިވުމެވެ. އަބަދުވެސް ދަންނަވާ ފަދައިން އަދުލުވެރިވުމަކަށް އެއްވެސް ލޯނެއް ބޭނުމެއް ނުވެއެވެ. އަދުލުވެރިވުމުން އެކަން ނިމުނީއެވެ!
"ދިވެހިންނެއް ނުތިބޭނަން ވެގެނެއް ދެން އަޅުދާސް!" ލަވަ