މޫނު ރީތި ކުރުމާއި ހަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަކީ އެންމެންވެސް ކުރަމުން އަންނަ ކަމެކެވެ.
ހަށިގަނޑަށް ސަމާލުކަން ދީގެން، ރީތިކޮށް ހަށިގަނޑު ބެލެހެއްޓުމަށްޓަކައި ގިނަ މީހުން ތަފާތު އެކިއެކި ކަންތައް ކުރެއެވެ. ބައެއް މީހުން ސެލޫންތަކަށް ގޮސް އަގުބޮޑު ފޭޝަލްތަކާއި އެއްޗެހި ހަދާއިރު، އަނެއްބަޔަކު ގޭގައި ތަފާތު އެކި ވައްތަރުގެ ފޭޝަލް ފަދަ ތަކެތި އަމިއްލައަށް އުފައްދައެވެ.
ހަންގަނޑު ރީތިކުރަން މޮއިސްޗިރައިޒަރ ބޭނުން ކުރުމަކީ ގިނަ ބަޔަކު ކޮށްއުޅޭ ކަމެކެވެ. މޮއިސްޗުރައިޒަރ ބޭނުން ކުރުމުން ހަންގަނޑު އޮމާންވެ، ރޫތައް ފިލާ، ޒުވާންކަމަށް ދައްކުވާދެއެވެ.
ރަނގަޅު މޮއިސްޗުރައިޒަރ އެއް ބޭނުން ކުރަން އަގުބޮޑު ތަކެތި ގެންގުޅުން މުހިންމެއް ނޫނެވެ. ގޭގައި ވެސް ފަސޭހައިން ބޭނުން ކުރެވިދާނެ މޮއިސްޗުރައިޒަރ ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޒައިތޫނި ތެޔޮ
ބަދިގެ ތެރެއިން ވެސް ފަސޭހައިން ލިބިދާނެ ޒައިތޫނި ތެލަކީ ހަންގަނޑަށް ވަަރަށް ވެސް ފައިދާހުރި މޮއިސްޗުރައިޒަރ އެކެވެ. ވިޓަމިން އޭ ގެ މާއްދާ އެކުލެވިގެންވާ ޒައިތޫނި ތެލުން ހަންގަޑު ކުރަކިވުން ވެސް ރަނގަޅު ކޮށްދެއެވެ. ޒައިތޫނި ތެޔޮފޮދެއް ހޫނުކޮށްލުމަށްފަހު ހިހޫ ވުމުން މޫނާއި، ދެއަތް އަދި ދެފައިގާ ވެސް އުނގުޅާށެވެ. އުނގުޅާނީ މަޑުމަޑުން، ހަންގަނޑުގެ އެތެރެއަށް ތެޔޮތައް ވަންނަ ވަރަށެވެ. އެއަށްފަހު 30 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ފެންވަރާށެވެ. ދުވާލަކު އެއްފަހަރު ނުވަތަ ހަފްތާއަކު ހަތަރު ވަރަކަށް ފަހަރު މިފަދައިން މަސާޖު ކޮށްލަން ވާނެއެވެ.
- ކާށިތެޔޮ
ޒައިތޫނި ތެލެކޭ އެއްފަދައިން ކާށިތެލަކީ ވެސް ހަންގަނޑަށް ވަރަށް ފައިދާހުރި ތެލެކެވެ. ކާށިތެލުން ހަންގަނޑު މަޑުވުމުގެ އިތުރުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ވެސް ދެއެވެ. ކަށިތެޔޮ ފޮދެއް ވަރަށް ކުޑައިރުކޮޅެއް ވަންދެން މައިކްރޮވޭވް އަކަށްލާ ހޫނު ކޮށްލުމަށްފަހު، އެތެޔޮފޮދު ކުޑަކޮށް ހިހޫވުމުން ހަންގަނޑުގެ އެތެރެއަށް ވަންނަވަރަށް ގައިގާ އުނގުޅާލާށެވެ. ގާތްގަނޑަކަށް 10 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ފެންވަރާށެވެ. ދުވާލަކު އެއްފަހަރު މިފަދައިން ކާށިތެޔޮ އުނގުޅުން އެދެވިގެންވެއެވެ.
- މާމުއި
ސައި ނުވަތަ ކޮފީ އަށް ހަކުރުގެ ބަދަލުގައި މާމުއި އަޅުމަކީ ސިއްޙަތަށް ވަރަށް ފައިދާ ހުރި ކަމަކެވެ. މާމުއި އަކީ ތިމާގެ ހަންގަނޑަށް ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. ކިރުފޮދަކަށް ދެ ސަމްސާ މާމުއި އެއްކޮށްލާށެވެ. އެއަށްފަހު ހަންގަނޑުގައި އޭތި އުނގުމަށްފަހު 10 މިނެޓު ވަންދެން ބަހައްޓާ، އެއަށްފަހު ފެންވަރާށެވެ.
- ފާވެފަ ހުންނަ ދޮންކެޔޮ
ދޮންކޭލަކީ ހަންގަނޑަށް ފައިދާހުރި އެއްޗެއް ކަމެއް ގިނަ ބަޔަކަށް ނޭންގެއެވެ. ނަމަވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭ މޮއިސްޗުރައިޒަރ އެއްގެ ގޮތުން، ފާވެފައި ހުންނަ ދޮންކެޔޮ ވެސް ބޭނުން ކުރެވިދާނެއެވެ. ފާވެފައި އޮތް ދޮންކޭލެއް އުލަކުން ޗިސް ކުރުމަށް ފަހު (ބޭނުންނަމަ) މާމުޔާ އެއްކޮށްލާށެވެ. ޕޭސްޓަކަށް ވުމުން، ގައިގާ އުނގުޅުމަށް ފަހު 30 ވަންދެން ބަހައްޓާށެވެ. އަދި އެއަށްފަހު ތާފެނާ ފެންފޮދަކުން ގައިދޮންނާށެވެ. ދުވާލަކު އެއްފަހަރު މިފަދައިން ކަންތައް ކުރުންވެސް ފުދެއެވެ.