އާސަންދަ ކަނޑާލި ގޮތާމެދު އިތުރު މާބޮޑެތި ސުވާލުތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
އާސަންދަ ކަނޑާލި ގޮތާމެދު އިތުރު މާބޮޑެތި ސުވާލުތަކެއް!
މިދިއަ ހޮނިހިރު ދުވަހު އާސަންދައިގެ ޚިދުމަތް ދިނުމަށް އާސަންދަ ކުންފުނިން ގެނައި ބަދަލުތަކާއިމެދު އިތުރު ސުވާލު އުފެދިއްޖެއެވެ.

އާސަންދަގެ މެނޭޖިންގ ޑިރެކްޓަރު މައުމޫން ޢަބްދުއްޞަމަދާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ "އެއީ ވޯޓާ ދިމާކޮށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެ ދުވަހު ހިދުމަތް މެދުކަނޑާލަން ނިންމިކަން ހޮނިހިރު ދުވަހު ހަވީރު އީމެއިލް މެދުވެރިކޮށް ހުރިހާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވޯޓު ލުން އޮތީ ވެސް ހޮނިހިރު ދުވަހު" ކަމަށެވެ.

މިހިސާބުން ރައްޔިތުން އުފައްދާ ސުވާލަކީ ރައްޔިތުންނަށް ދެމުން އައި ޚިދުމަތެއް މެދުކަނޑާލަން ކުއްލިއަކަށް ހަމަޖައްސައި އެކަން ރައްޔިތުންނަށް ނުއެންގީ ކީއްވެގެންކަމާއިމެދުގައެވެ.

"އާސަންދަ އިން ބޭނުންވީ ރައްޔިތުން ލަދު ގަންވަންތޯ؟ ޖެއްސުންކުރަންތޯ؟ އެރޭ އެ ޚަބަރު ކޮންމެވެސް ގޮތަކުން ހާމަނުވިނަމަ ހެނދުނު ޑޮކްޓަރަށް ދައްކަން ނޫނީ ޓެސްޓް ހަދަން ދިއުމުން ޚިދުމަތް މެދުކަނޑާލިކަމަށް ބުނީމާ އެނބުރި ދާންޖެހުމުން ލަދު ގަންނާނީ އާސަންދަތޯ؟ އެކަމުގެ ތަކުލީފްތައް އުފުލަންޖެހޭނީ އާސަންދައަށްތޯ؟" ރައްޔިތުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އާސަންދަގެ ޚިދުމަތް ކުއްލި ގޮތަކަށް މެދުކަނޑާލަން އަންގައި އެކަން ޢާންމުކޮށް އިއުލާނުކުރިނަމަ ވޯޓުގެ ނަތީޖާ އާއި އެކަމާއި ގުޅުވައިގެން ވާހަކަ ދެއްކުމުގެ ފުރުޞަތެއްވެސް ނުލިބުނީހެވެ. އެހުރިހާ ފުރުޞަތުތަކެއް އިދިކޮޅު ފަރާތްތަކަސް ލިބުނީ ހަމަ އާސަންދައިން ކަންތައް ކުރި ގޮތުންނެވެ.

އާސަންދަ މިއަދު ގުޅިފައިވަނީ ރައްޔިތުންގެ ޞިއްޙީ ފަރުވާ އާއި އެކަންޏެއް ނޫނެވެ. މުޅި ދިރިއުޅުމާއިއެވެ. ގޭގެ ކުއްޔާއި ބިލްތައް ދައްކާފައި 1 އިރު ކައިގެން ތިބެވެނީ ބައްޔެއް ވެއްޖެނަމަ އާސަންދަގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ. ހުސްނުވާ އާސަންދަގެދަށުން ބޭސްފަރުވާ ކުރެވޭނެކަމުގެ ޔަޤީންކަން އޮތުމުންނެވެ.

"ބަލަ ފަޤީރުންނަށް އައިޖީއެމްއެޗުން އެންމެ ރުފިޔާއެއްވެސް ނުދީ ޚިދުމަތް ލިބޭނެ" ކަމަށް ބުނެވިދާނެއެވެ. އެކަންވެސް އެއީ ހަމަ ތެދެކެވެ. ސަލާންޖަހައިގެން ނަމަވެސް ފައިސާ ހޯދައިގެން އަގުގެ ބައެއް ހިއްސާކޮށްގެން އަމިއްލަ ތަންތަނުން ގިނަ ބައަކު ފަރުވާހޯދަމުންދާއިރުވެސް އައިޖީއެމްއެޗްގެ ކިޔޫތައް އެވަނީ މަސްތަކަށް ދިގުލައިފައެވެ. ހަމަ އެންމެ ސްޕެޝަލިސްޓަކަށް ދައްކަން ނަން ނޯޓުކޮށްގެން ތިބި އެންމެން މަގުމަތީގައި އަަތުރައިފިނަމަ އައިޖީއެމްއެޗް ކޮށިވަށައިި ދެބުރު ޖެހޭހައި މީހުން އެތިބީ ނަން ނޯޓުކޮށްގެންނެވެ.

"ބައްލަވަ މިވެނިތަނަކުން މިޓެސްޓް ހަދަން އާސަންދަ ކެނޑީމާ މިވަރު އެބަ ދައްކަންޖެހޭ. އަޅުގަނޑަށް މިކަންކޮށްލަ ދެއްވާ" ކިޔައި ސަލާންޖަހަމުން އެ ހިނގަނީ ކޮންމެ ދުވަހަކު ކިތައް ރައްޔިތުންތޯއެވެ! އެމީހުން އެކަން ކުރަނީ އެއީ ކުރަން ފަސޭހަ އަދި ރީތި ކަމަކަށް ވެގެނެއް ނޫނެވެ. އެހެން ގޮތެއް ނެތިގެންނެވެ.

ވީމާ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލާފައި އެންމެން އައިޖީއެމްއެޗަށް ދާން ބުނުމަކީ ރައްޔިތުންނަށް ކުރެވޭ ކިހައި ވެރެއްގެ ބޮޑު އަނިޔާއެއްކަން ނުއެނގުނު ބައަކު އާސަންދައިގަ ރައްޔިތުންނަށް ޚިދުމަތްދޭން ބައިތިއްބަން ހެޔޮވާނެބާވައެވެ! އިންސާނުންގެ ފުރާނައާއި ގުޅިފައިވާ ކަންކަމުގައި ޚިދުމަތްދޭން ބޯޑުތަކުގައިވެސް ތިބެން ޖެހޭނީ މިހައިވަރު ވިސްނޭ ބުއްދި ސަލާމަތުން ހުރި އަދި އިންސާނުންގެ މައްޗަށް ރަހުމާއި ކުލުނު ހުިރި ބައެއް ކަމަށް ޤަބޫލުކުރަންޖެހެއެވެ.

ރައީސް ޔާމީނަކީ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދެއްވަން ބޭނުންފުޅުވާ ބޭފުޅެއްކަން އައިޖީއެމްއެޗަށް މިހައި ކުރު އެމަނިކުފާނު ގެންނެވި ތަރައްޤީ އިންވެސް ވަނީ ހާމަވެފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޕޭނުގެ އެންމެފަހު ޖަލްސާގައި އެމަނިކުފާނު ވިދާޅުވިފަދައިން އެމަނިކުފާނުގެ ސަރުކާރުގައި ކުރިއަށް ދެވޭނީ އެމަނިކުފާނާއި އެއް ސަފެއްގައި އެއްހަމައެއްގައި ފައިތިލަތައް ސާބިތުކޮށްގެންނެވެ. އެހެން ނޫންނަމަ ދާނީ މިފަދަ މައްސަލަތައް ކުރިމަތިވަމުންނެވެ.

"މިއީ އެއްގޮތަކަށް ވެސް ވޯޓާ ދިމާކޮށް ކުރިކަމެއް ނޫން. އިންތިހާބުގެ ވޯޓު ފޮށިތައް ގުނުމުގެ ކުރިން އަޅުގަނޑުމެން އެކަން އަންގަން ޖެހޭ ހުރިހާ ފަރާތްތަކަށް އީމެއިލް ފޮނުވީ،" ކަމަށް މައުމޫން ވިދާޅުވުމުން ވެސް އުފެދެނީ އިތުރު ސުވާލުތަކެވެ. އެކަން އެދުވަހު ރައްޔިތުންނަށް ސިއްރުކުރި ސަބަބާއިމެދުގައެވެ.
މިއަދު އޮންލައިން