"އެސްޓީއޯ ލައްކަ ސާމާނު ޕްރޮމޯޝަން"ގެ ނަމގައި 500،000 (ފަސް ލައްކަ) ރުފިޔާގެ އިނާމު ލިބޭ ޕްރަމޯޝަނެއް އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ފަށައިފިއެވެ.
އެސްތީއޯ 6 ނަމްބަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޕްރަމޯޝަން ފަަށްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރުއެވެ، މިޕްރަމޯޝަނަކީ 16 މެއި އިން ފެށިގެން 5 މަސްދުވަހަށް ކުރިއަށް ގެންދާ ޕްރަމޯޝަނެކެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ޢަބްދުލްވާޙިދު މުޙްޞިން މިއަދު ވިދާޅުވީ މި ޕްރަމޯޝަން ކުރިއަށް ގެންދާއިރު ފައިސާ ދައްކައިގެން ކުރާ ކޮންމެ 5.000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކްރެޑިޓް ކަސްޓަމަރުން 10،000 ރުފިޔާގެ ވިޔަފާރި ކުރުމުން ކޫޕަނެއް ލިބޭނެ ކަަމަށާއި ކޮންކްރީޓް އެޅުމަށް އެސްޓީއޯ އިން ވިއްކާ ރެޑީ މިކްސް ގަތުމުން ގަންނަ ކޮންމެ ކިޔުބިކް މީޓަރަކަށް ވެސް ކޫޕަނެއް ލިބޭނެ ކަމަށެވެ.

ޢަބްދުލްވާޙިދު ވިދާޅުވީ ޕްރަމޯޝަން ނިމުމުން ނަޞީބުވެރިންގެ ގޮތުގައި ހޮވޭ 5 ފަރާތަކަށް، ކޮންމެ ފަރާތަކަށްވެސް 100،000 ރުފިޔާގެ ތަކެތި ހިލޭ ލިބޭނެ ކަމަށާއި އެހެންކަމުން ޕްރަމޯޝަންގެ ތެރެއިން ޖުމުލަ ބައި މިލިއަން ރުފިޔާގެ ތަކެތި އިނާމުގެ ގޮތުގައި ލިބޭނެ ކަމަށެވެ.
ޢަބްދުލްވާޙިދު ވިދާޅުވީ ރެޑީ މިކްސް ތަޢާރަފްކުރުމަށް ބޭއްވި ޕްރަމޯޝަނަށްފަހު މިއީ ބާއްވާ މިފަދަ އެންމެ ބޮޑު ޕްރަމޯޝަން ކަމަށެވެ. އަދި ބޭނުމަކީ ކަސްޓަމަރުންނަށް އަގުހުރި ހަދިޔާތަކެއް ދިނުން ކަމަށެވެ.

ޢަބްދުލްވާޙިދު ވިދާޅުވީ މިހާރުވެސް ރެޑީ މިކްސްއަށް ވަރަށް ބޮޑު ތަރްޙީބެއް ލިބެމުން އަންނަ ކަމަށާއި ކޮންމެ ރެއަކުވެސް 60 ކިޔުބިކް މީޓަރުގެ ރެޑީ މިކްސް ތައްޔާރުކޮށް ސަޕަލައިކުރަމުން ގެންދާ ކަމަށެވެ.
"އޯޑަރުތައް ވަރަށް ގިނައިން ލިބެމުން ދަނީ. ސަޕްލައިކުރަންޖެހޭ ތަންތަން ގިނަވެ އެހެން ރެއަކަށް ތާވަލްކުރަންވެސް އެބަޖެހޭ. ނަމަވެސް އެއްވެސް ފަރާތެއްގެ އޯޑަރު ކެންސަލް ކޮށްފައެއް ނުވާނެ. އެދޭ ހުރިހާ ފަރާތްތަކަށް ސަޕްލައިކޮށްދެމުން މިގެންދަނީ.|"

މަގުތަކުގައި ތަކެތި އަތުރައިގެން ކޮންކްރީޓް އެޅުމުން ކުރިމަތިވާ ދަތިތައް އަދި ސިމެންތި ބުރައި ލިބޭ ގެއްލުންތައް މީހުންނަށް މިހާރު ވިސްނެން ފަށައިފިކަމަށްވެސް ޢަބްދުލްވާޙިދު ވިދާޅުވިއެވެ.

އެސްޓީއީ އިން ސަޕްލައިކުރާ ރެޑީ މިކްސް އަކީ ތައްޔާރުކޮށްގެން ސައިޓަށް ސަޕްލައިކޮށްދޭ އެއްޗަކަށްވާތީ އެފަދަ މައްސަލައެއް ކުރިމައްޗެއް ނުވާނެއެވެ. އެސްޓީއޯ ރެޑީ މިކްސްއަކީ އެއް ފެންވަރެއްގައި ކޮލިޓީ ހިފެހެއްޓި ގަރަންޓީ ކުރެވިގެން ސަޕްލައިކުރެވޭ އުފެއްދުމެކެވެ.