ނަޢީމާއި ޒުލޭޚާ: ދެމަފިރިންގެ ލޯބި، ގަދަ ކަނޑަށްވުރެ މާވަރުގަދަ!

ކިޔުމަށް ހޭދަވާނީ 3މ 59ސ
ނަޢީމާއި ޒުލޭޚާ: ދެމަފިރިންގެ ލޯބި، ގަދަ ކަނޑަށްވުރެ މާވަރުގަދަ!
އެކަކު އަނެކަކު ދެކެ ލޯބިން، އަދި ދިރިއުޅުމުގައި ދިމާވާ ހުރިހާ ދައްޗެއްގައިހެން އެކު އެކީގައި އުޅޭނީ މަދު ބައެކެވެ. ކަމަކަށްވާ ކަހަލަ ބޮޑު ކަމެއް ދިމާވުމުން ނުވަތަ އެކަމަކާއި ހެދި ތިމާ މީހާގެ އަމިއްލަ ނަފްސު ބިރުން ތުރުތުރު އެޅިނަމަވެސް، ބައިވެރިޔާއަށް ހިތްވަރުދީ އޭނާއަށް ފުރިހަމައަށް އަޅާލުން ދިނުމުގެ ޤާބިލްކަން ހުންނާނީ ވެސް މަދު ބައެއްގެ ކިބައިގައެވެ. އެފަދައިން ކަންތައް ކުރާނީ ވަރަށް ވަރުގަދަ ލޯތްބެއްވާތީކަން ހަމަ ޔަޤީނެވެ.

މިއީ މިފަދަ ދެމަފިރިންނެވެ. މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، ކަނޑުގެ ބިޔަ ރާޅުތަކާއި އެކު ބެހިގެން ދިޔަ ކޮޅުވެއްޓީގައި އެކަކު އަނެކަކާއިއެކު ވީދެމަފިރިންނެވެ. އެހީއަށް އެދި ހިތް ކިތަންމެ ވަރަކަށް ރުއި ނަމަވެސް ރޭންޖު ނުލިބުމުގެ ސަބަބުން އެއްވެސް ފަރާތަކަށް މަދަދަށް އެދި ނުގޮވުނެވެ.

މިދިޔަ އަންގާރަ ދުވަހު ކ. ތުލުސްދޫ އިން ފުރައިގެން ލ. ގަމަށް ދަތުރުކުރި "މާރިޔާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓި ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ތ. ވިލުފުއްޓަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ވިލުފުށީ ފިނިޔާގެ އާދަމް ނަޢީމު އާއި އޭނާގެ އަންހެނުން އެރަށު ކޮށިބިއްލޫރިގެ ޒުލެއިޚާ އުސްމާން ގެ އިތުރުން ބިދޭސީ ހަތަރު ފަޅުވެރިންނާއި އެކު، ދަތުރުކުރި އެކޮޅުވެއްޓި ފެނިފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހު އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓަށެވެ. އާދަމް ނަޢީމަކީ އެކޮޅުވެއްޓީގެ ކެޕްޓަން ވެސް މެއެވެ.

މިއީ ލޯބިވާ ފިރިމީހާއާއިއެކު ޒުލައިޚާ ކަނޑުމައްޗަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް އޭނާ ސިފަ ކުރިގޮތުގައި މިފަހަރު މިކުރިމަތިވީ "ނާމާން އަދި ބިރުވެރި" ދަތުރެކެވެ. ދަތުރަށް ފެށި އިރުވެސް ކަނޑުގަދަ އެވެ. ނަމަވެސް އެއިރު ޒުލެއިޚާ ބިރެއް ނުގަނެއެވެ.

ބިރު ގަންނަން ފެށީ ކޮޅިގަނޑުގައި ޖެހުމުން ބެހިގެން ދާން ފެށުމުންނެވެ. ފިކުރަކަށްވީ ދަރިންނެވެ.

"ކުރިން ވެސް ދަތުރު ކޮށްފައި ހުރުމުން ކަނޑުގަދަ ވުމުން އެހާ ބިރެއް ނުގަނޭ. އެކަމަކު ކޮޅިގަނޑުގައި ޖެހި، ބެހިގެން ދާން ފެށީމާ ހިތައް އެރީ ދެން އެއްވެސް ކުއްޖަކާ (ދަރިއަކާ) ބައްދަލެއް ނުވާނޭ" ހަތަރު އަންހެން ދަރިންނަށްޓަކައި ހާސްވި މަންމަ ޒުލެއިޚާ ބުންޏެވެ.

އާނ އެކެވެ. ހަމަ ޔަގީނުންވެސް އެފަދަ ވަގުތެއްގައި ކޮންމެ މީހެއް ނަމަވެސް ވަރަށް ބިރު ގަންނާނެވެ. އެއް ދުވަސް ތެރޭގައި ނިމޭނެ ކަމަށް އުއްމީދު ކޮށްގެން ފެށި ދަތުރު، ކަނޑު ގަދަވެގެން ގޮސް ކޮޅުވެއްޓީގެ ރޭމްޕު ހަލާކުވެގެން، ދެވޭ ނުދެވޭ ތަނެއް ނޭނގި މާސިންގާ ކަނޑުގައި ބެހިގެން ދިޔައެވެ. ކޮޅުވެއްޓީގެ ކެޕްޓަން އަދި ޒުލެއިޚާ ގެ ފިރިމީހާ އާދަމް ނައީމު ބުނީ ދެދުވަސް ވަންދެން މ. އަތޮޅާއި 35 މޭލުގައި ހިފެއްޓި ކަމަށެވެ.

ކޮޅުވެއްޓިގެ ރޭމްޕު ހަލާކުވީ އެގޮތަށް ތިއްބާ އިތުރަށް ކަނޑު ގަދަ ވެގެން ޖެހި ރާޅެއްގައެވެ. ރޭމްޕު ހަލާކު ވުމުން އުޅަނދު ދުއްވުން ހުއްޓުނެވެ.

ދެމަފިރިންނާއި ހަތަރު ބިދޭސީ ފަޅުވެރިން ބެހިގެން ގޮސް ހާލުގައި ޖެހުން އިރުވެސް ސެޓު މެދުވެރިކޮށް، އެއްވެސް ފަރާތަކާއި ގުޅޭތޯ ނައީމް ވަރަށް މަސައްކަތް ކުރިއެވެ.

"އެމްއެންޑީއެފް އާއި އެެހެނިހެން ފަރާތްތަކަށް ވެސް ގުޅަން ވަރަށް މަސައްކަތް ކުރިން. ނަމަވެސް ވީއެސް ސެޓުން ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވީ ރޭންޖު ނުލިބުމުގެ ސަބަބުން" ހިތްވަރުގަދަ ކެޕްޓަން އާދަމް ނައީމް ބުންޏެވެ.

ހާލުގައި ޖެހިގެން އުޅުނު ދުވަސްތަކުގައި އެއްވެސް މީހެއްގެ ހާލު ގޯސްވެފައެއް ނުވެއެވެ. ނަމަވެސް ނަފްސާނީ ގޮތުން ބުނާނަމަ، އެންމެންވެސް ތިބީ ބިރުގަނެ ހާސްވެފައެވެ. އޭގެ ތެރެއިން އެކަކީ ކެޕްޓަން ނައީމުގެ އަންހެނުން ޒުލެއިޚާ އެވެ.

ކަނޑުގެ ބިޔަރާޅުތައް ކޮޅުވެއްޓީގެ ތެރެއަށް އެރިއެވެ. އެވަގުތުތަކުގައި ކޮޅުވެއްޓި އަޑިއަށް ފައްތާލިއެވެ. މަތީގައި ހުރި ކުޑަކޮޓަރިއެއްގެ ތެރޭގައި ޒުލެއިޚާ އިން އިރު، އޭނާއަށް މިމަންޒަރުތައް ސާފުކޮށް ފެނުނެވެ. އެފަދަ ވަގުތެއްގައި ބިރުގަންނާނެ ވަރު ހިތައްވެސް ނުގެނެވެއެވެ. ޒުލެއިޚާ ވެސް އިނީ ވަރަށް ބިރުންނެވެ. ނަމަވެސް އޭނާއަށް ހިތްވަރުދިނީ އޭނާގެ ފިރިމީހާ ނަޢީމެވެ.

"އަޅުގަނޑު ވަރަށް ރުއިން. އެކަމަކު ކޮންމެ ފަހަރަކުވެސް އޭނާ (ނައީމު) އައިސް، ސަލާމަތްވާނޭ ބުނެ ހިތްވަރުދީ ހަދާނެ" އުފަލާއިއެކު ޒުލެއިޚާ ބުންޏެވެ.

ނައީމު ދިނީ ތެދު ހިތްވަރެކެވެ. ކަނޑުމަތީގައި ފަސް ދުވަސް ހޭދަ ކުރުމަށްފަހު އެމީހުން ސަލާމަތްވިއެވެ. އެފަދަ ބިރުވެރި ވަގުތެއްގައި އެހާ ހިތްވަރުގަދަކޮށް ނައީމު އަށް ވެސް ހުރެވުނީ އޭނާގެ އަންހެނުން ފެންނަ ހިސާބުގައި ހުރުމުންނެވެ.

"އެންމެ އުފާވީ މިފަދަ ހާދިސާއެއް ދިމާވި އިރު އަންހެނުން ކައިރީގައި ހުރެވުންކަން. ހުރިހާވެސް ހިތްހަމަ ޖެހުމަކީ އަންހެނުން ކައިރީގައި ހުރުން. އެހެން ނޫންނަމަ ހާލަތު މާދެރަވީސް" ލޯތްބާއި ހިތްވަރުގަދަ ކަމާއިއެކު ނައީމު ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުން:
މާރިއާ 3 ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެނެސްފި
ހާލުގައި ޖެހިގެން އުޅުނު އިރުވެސް ގުޅަން މަސައްކަތްކުރިން. ނަމަވެސް ރޭންޖެއް ނުލިބޭ: މާރިއާގެ ކެޕްޓަން
މިއަދު އޮންލައިން