ލިބިވަޑައިގެންނެވި މައުލޫމާތާއި ގުޅިގެން އާބާދީގެ %70 މީހުން ރޯދަ ނުހިފާ ރަށެއް ރާއްޖޭގައި އެބައޮތް ކަމަށް ވިދާޅުވުމުން ޝައިޚް ޢަލީ ޒައިދުގެ ބަޔާން ނެގިއިރު އާބާދީގެ 20% ނަމާދު ނުކުރާ ނަމަ ބަޔާން ނަގާނީ ކާކުގެ ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.
މިސާލަކަށް ރަށުގެ އާބާދީއަކީ 500 ކަމަށް ވާނަމަ 20 އިންސައްތަ އަކީ 100 އެވެ. 500 މީހުން ދިރިއުޅޭ ރަށެއްގައި ޖަމާއަތުގައި ކުރާ ނަމާދުގައި 20 އިންސައްތަ މީހުން ބައިވެރިވިކަމަށްވާނީ ޖަމާއަތުގައި 100 މީހުން ނަމާދުކޮށްގެންނެވެ. އާބާދީގައި 1000 ހަމަވާނަމަ 20 އިންސައްތައަކީ 200 އެވެ. ސުވާލަކީ އާބާދީގެ 20 އިންސައްތަ މީހުން ޖަމާއަތުގައި ނަމާދުކުރަނީ ކިތައް ރަށުގައިތޯއެވެ؟
މާލެެއަކީ އެންމެ ގިނަ ބައަކު ދިރިއުޅޭ އެންމެ ހޭލުންތެރި ރަށެވެ. މާލޭގައި ދިރިއުޅޭ މީހުންގެ މީހުންގެ އާބާދީ 100،000 އަށްވުރެ މަދެއް ނުވާނެއެވެ. މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ މީހުންގެ އަދަދު 20،000 ހަމަވާނެތޯއެވެ؟ މިހިރީ ހަމަ ބަލައިލުން ރަނގަޅު ކަންކަމެވެ.
ނަމާދުކުރާ މީހުންގެ އާބާދީ ބަލަންޖެހޭނީ ދޮންދޫނި މޫސުން ކަމަށް ބައަކު ހަދާ ރަމަޟާން މޫސުމަކުން ނޫނެވެ. އަހަރުގެ ހުރިހައި މަސްތަކެއް ހިމަނައިގެންނެވެ.
އާބާދީގެ ވަރަށް ގިނަ ބައަކު ޖަމާއަތުގައި ނަމާދުކުރާ ރަށްތައް ވެސް އެބަހުރިކަން ފާހަގަކުރަންޖެހެއެވެ. އެއީ އިންތިހާއަށް މަދު ރަށްކޮޅެކެވެ. ކަމެއްގައި ނިޞްބަތް ބަލަންޖެހޭނީ ހުރިހާ ރަށެއް ހިމަނައިގެންނެވެ.
ދިވެހިންނަކީ މުސްލިމުންނެވެ. އެގޮތް މިގޮތަށް ފިކުރުހުރި މީހުންގެ އަބާދީ 2 އިންސައްތައަށްވުރެ އަދިވެސް ގިނައެއް ނުވާނެއެވެ. ނަމަވެސް މުސްލިމުންގެ ގޮތުގައި އަދި ތިބި މީހުންގެ ނިޞްބަތް 98 ގައި ހުރި ނަމަވެސް މީގެތެރޭގައި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އަމަލުތައް ހުރި މީހުންގެ ދިރާސާއެއް މިވަނީ ކުރަންޖެހިފައެވެ.
މިފަދަ ދިރާސާތައް ކޮށް އަދި އަޅަންޖެހޭ ފިޔަވަޅުތައް ނުއެޅި ލަސްވާނަމަ 98 އިންސައްތަ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބައަކު ބަދަލުވެގެންދާނީ ކޮން ގޮތަކަށްކަމާއިމެދު މިވަނީ ވިސްނަން ޖެހިފައެވެ.
ސުވާލުކޮށްފިނަމަ ބުނާނީ މުސްލިމެއް ކަމަށެވެ. ނަމަވެސް އޭނާގެ އަމަލުތަކުން އެކަން ސާބިތުކޮށް ނުދެވޭނެ ގިނަ ބައަކު މިހާރު އެބަތިބިކަން ޤަބޫލު ނުކުރާނަމަ އަޅުގަނޑުމެންގެ ހާލަތު ބަދަލެއް ނުކުރެވޭނެއެވެ. ޙާލަތު ބަދަލުކޮށް ކަންކަން އިޞްލާޙްކުރެވޭނީ ހަޤީޤަތް ޤަބޫލުކުރުމާއިއެކު ކަންކަން އިޞްލާޙްކުރަން ކުރިމަތިލައިގެންނެވެ.
ރާއްޖޭގެ އާބާދީގެ 10 އިންސައްތަ ޖަމާއަތުގައި ނުކުރާކަން ޤަބޫލުކުރަން ބޭނުމެއް ނޫނެވެ. ނަމަވެސް މިސްކިތަށް އަރައި ތިބޭ މީހުންގެ އަދަދު ގުނުމުން ގިނަ ސުވާލުތަކެއް އުފެދެއެވެ. މަންޒަރު ލޮލަށް ފެންނާނެއެވެ!
މާލޭގައި މިސްކިތްތައް ހުރި ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގައި ދިރިއުޅޭނެ އާބާދީ އާއި ޖަމާއަތަށް އަރާ މީހުންގެ އަދަދު ބަލައިލުމުން މިދެންނެވި ކަންކަން ވަރަށް ސާފުކޮށް ހާމަވާނެއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ތައުލީމީ ވުޒާރާއިން ވެސް މިހާރު ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސއްކަތްތަކަށް އެންމެންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވެއެވެ.
ރާއްޖޭގެ ހާލަތު މިހިސާބަށް ގޮސްފައި މިވަނީ އެއް ދުވަހަކުން ނުވަތަ އެންމެ ދެ ތިން އަހަރަކުން ނޫނެވެ. ދެންވެސް ސަލާމަތްކަމެއް އޮތީ ހާލަތު ބަދަލުކޮށްގެންނެވެ. އެކަމަށް ހުރި ހުރަސްތައް ނައްތާލައިގެންނެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްގެންނެވެ.
މިލިޔުމާ ދެކޮޅު މީހުން ދައްކާނެ 3 ވާހަކަ:
1 އާބާދީގެ ދެބައިކުޅަ އެއް ބައަކީ އަންހެނުންނެވެ. އެމީހުން ޖަމާއަތުގައި ނަމާދަކަށް ނުދާނެއެވެ!
ޖަވާބު 20 އިންސައްތަ 10 އިންސައްތައަށް މަދުކޮށްލައްވާފައި 500 މީހުން ދިރިއުޅޭ ރަށްރަށުގައި 50 މީހުން ޖަމާއަތަށް އަރާތޯ ބައްލަވާށެވެ!
2- އޮފީސް ވަގުތު ގިނަ މީހުންނަށް ނަމާދަކަށް ނުދެވެއެވެ!
އޮފީސް ވަގުތުގައި ބަންގި ގޮވައިފިނަމަ ނަމާދަށް ދިއުން ހުއްޓުވޭނެ ޤާނޫނެއް ނުހެދޭނެއެވެ. ޑިޔުޓީގައި އެވަގުތަކު ތިބެން ޖެހޭ ސަލާާމަތީ ބާރުތަކުގެ މީހުން ފިޔަވައެވެ.
ޖަމާއަތަށް ނުދިއުމުގެ ހުއްދައަށް އެދުނު ލޯފަން މުސްކުޅި މީހާއަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކުރެއްވެވި އަމުރުފުޅުން ހިދާޔަތްހޯއްދަވާށެވެ.
3 މީހުން ނަމާދުނުކުރާތީ މީހެއްގެ ބަޔާން ނަގަން ޖެހޭ ހެއްޔެވެ؟
ނަމާދު ނުކުރާ މީހުންނަށް ވެރިކަމުގެ ފަރާތުން ދޭންޖެހޭ އަދަބު އިސްލާމް ދީނުގައި ވަނީ ބަޔާންވެގެންނެވެ. މިހާރަކަށް އައިސް އިސްލާމީ ޤައުމުތަކުގައި އެކަން ނުކޮށް މިހާރު ތިބި ވެރިންނަކީ ނަމާދު ބާވައިލެއްެވެވި މާތްﷲގެ އަމުރުފުޅުިތައް ތަންފީޒު ނުކުރާ ބައަކަށް ވުމަކީ މާތްﷲގެ ހަޟްރަތުގައި ރެކެވޭނެ ކަމެއް ނޫނެވެ.