މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މިއިން ޒަމާނެއްގައިވެސް ރާއްޖެއަށް ލިބިފައި ނުވާފަދަ ބޮޑެތި ގެއްލުންތަކެކެވެ.
ރަށްރަށަށް ނަގޫ ރޯޅިއަރަނީއެވެ. ގަދަވައިޖެހެނީއެވެ. ބޯކޮށް ވާރޭ ވެހެނީއެވެ. ގެތަކާއި އިމަރާތްތަކުގެ ފުރާޅުތައް އެއްލައިލަނީއެވެ. ދަނޑުތައް ބިމާއި ހަމަވަމުން ދަނީއެވެ. ގަސްތައް ވެށްޓި ކާބޯތަކެތި ލިބުމަށް ދަތިތަކެއް ކުރިމަތިވަމުންދަނީއެވެ.
ނަގޫ ރޯޅިއާއި ގަދަވައިގެ ސަބަބުން ގެތަކަށް އަދި މިހައިތަނަށް ގެއްލުންވީ މަދު ރަށެއްގައެވެ. ނަމަވެސް ދަނޑުތަކަށް ގެއްލުންވި ރަށްތައް ވަރަށް ގިނައެވެ.
މީގެ ކުރިންވެސް ހުޅަނގު މޫސުން އާދެއެވެ. ރޯނު ނަކަތްވެސް އާދެއެވެ. މިވަރެއް ނުވެއެވެ. 55 މޭލަށް ވައިގަދައެއް ނުވެއެވެ. ނަމަވެސް މިއަހަރު ވެގެންމިދިއައީ ވަރަށް ތަފާތު އަހަރަކަށެވެ.
ދަނޑުބިންތައް ހަލާކުވެ، ގަސްތައް ވެށްޓިގެން ދިއުމުން ޤައުމުގެ އުފެއްދުންތެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. އުފެއްދުންތެރިކަން ދަށަށްދެއެވެ. ހަމައެއާއިއެކު ދަނޑުވެރިން ދަނޑު ހައްދަން ކުރި ހޭދަތައް ގެއްލިގެންދެއެވެ. މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެއެވެ.
އެކަމުގެ ގެއްލުން ލިބެނީ ހަމައެކަނި ދަނޑުވެރިންނަކަށް ނޫނެވެ. އެންމެންނަށެވެ. އުފެއްދުންތެރިކަން މަދުވުމަކީ ތަކެތީގެ އަގުތައް އުފުލިގެންދާ އެއް ސަބަބެވެ. ތަކެތީގެ އަގުތައް އުފުލުމަކީ އެކަމުގެ ގެއްލުން އެންމެންނަށް ލިބޭނެ ކަމެކެވެ.
އެހެންކަމުން ރާއްޖެ މިހާރުވެސް މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. އެންމެންގެ މައްޗަށް ޢާންމުވެފައިވާ ބޮޑެތި ގެއްލުންތަކެއް މިވަނީ ކުރިމަތިވެފައެވެ. މާތް ﷲ ގެ ޢުޤޫބާތްތައް މިވަނީ ކުރިމަތިވެފައެވެ.
ހާލަތު މިގޮތަށް އޮތްއިރު ދީނީ އިލްމުވެރިން ވިދާޅުވަނީ ޤްދްރަތީ ކާރިސާތަކުން ސަލާމަތްވެވުމާއި ލިބޭ ގެއްލުންތައް މަދުވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އަށް ކަމަށްވާއިރު ރާއްޖޭގެ ހާލަތުގެ މައްޗަށް ޤައުމީ ފެންވަރުގައި ވިސްނައި ދުޢާކުރުމުގެ ވަގުތު އައިސްޖެހިފައިވާ ކަމަށެވެ. ހަމައެއާއިއެކު އަޅުގަނޑުމެންގެ އަމަލުތައް ސީދާކުރުމަށް އިތުރަށް މަސައްކަތްކުރަން ޖެހިފައިވާކަން ޤަބޫލުކުރުމުގެ ވަގުތުވެސް އައިސް ޖެހިފައިވާ ކަމަށެވެ.
މީސްތަކުންގެ ހައްޤުތައް ހިމާޔަތްކޮށްދިނުމާއި އަދުލު އިންޞާފް ޤާއިމުކުރުމުގައި ހުރި އުނިކަންތައްތައް އިޞްލާޙްކުރަން ޖެހިފައިވާކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އެކަންކަން ނުކުރާނަމަ މާތްﷲ ފޮނުއްވަވާ ކޯފާ ދާނީ އެންމެންގެ މައްޗަށް ޢާންމުވަމުން ކަމަށެވެ.