މިއަދުގެ ހުކުރު ޚުޠުބާ އަޑުއެހުމަށްފަހު ގިނަ ބައަކު ބުނީ ޤައުމުގެ ހާލަތާއިމެދު ޚުޠުބާ ކަންބޮޑުނުވާ ކަމަށެވެ. ރާއްޖޭގެ ތާރީޚުގައިވެސް ކުރިމަތިނުވާ ފަދަ ނުރައްކާތެރި ހާލަތެއް ޤައުމަށް ކުރިމަތިވެފައިވާކަން ވެސް ޚުޠުބާ ހަނދާން ނެތް ކަމަށެވެ. ނުވަތަ ނުވެސް އެނގޭ ކަމެވެ.
މީހުން ބުނާ ގޮތުގައި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީއަށްވުރެ މިހާރުގެ ހާލަތު މާނުރައްކާތެރިއެވެ. ވިއްސާރައިން ގެއްލުން ލިބުނު މީހުންގެ އަދަދާއި ލިބުނު އިިޤްޠިޞާދީ ގެއްލުންތައް މާ ބޮޑެވެ.
ސުނާމީ އައީ ދާދި ކުޑައިރުކޮޅަކަށެވެ. މިފަހަރުގެ ވިއްސާރަ މެދުކެނޑުމެއް ނެތި ކުރިއަށްދާތާ 2 ހަފްތާއަށްވުރެ ގިނަދުވަސްވީއެވެ. މިފަހަރުގެ ވިއްސާރަ ކުރިމަތި މިވީ ހަމަ ދާދިފަހުން މުޅި ރާއްޖެއަށް ބޮޑު ވިއްސާރައެއް ކުރިތާ ހަމަ ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައެވެ.
މީގެ ކުރިންވެސް ނަގޫ ރޯޅީ އަރައެވެ. ނަމަވެސް މިހައި ބޮޑެތި ގެއްލުންތަކެއް ނުލިބެއެވެ. މީގެ ކުރިންވެސް ވައި ގަދަވެއެވެ. ނަމަވެސް 55 މޭލަށް އަދި ބާރުވެފައެއް ނެތެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އިއްޔެ ވަނީ ވައިގަދަވާ މިންވަރާއިމެދު ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. މިހާރު އަންނަ ކޮޅިގަނޑުގައި ލަފާވެސް ކުރަންނުއެނގެ، އިންތިހާއަށް ބާރުމިނުގައި ވައި ހުންނަކަން ފާހަގަކުރައްވައިފައެވެ.
ރާއްޖޭގެ ރައްޔިތުން މިވަގުތު ތިބީ ރަށު ބަންދެއްގައި ކަމަށް ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. ކުއްލިކުއްލިއަށް ތަފާތު އެލަރޓްތައް ނެރެމުން ގެންދާތީ ދެން ގޮތެއް ނެތިގެން ނޫނީ ހުރި ރަށުން ފުރަން ކޮންމެ މީހަކުވެސް ޖެހިލުންވެއެވެ. ރޭ ވެސް ވަނީ އުތުރަށް ޔެލޯ އެލަރޓް ނެރެފައެވެ.
ދަނޑުބިންތައް ފުނޑުފުނޑުވެގެން ދިއައީއެވެ. ލިބެންހުރި ތަރުކާރީ އާއި މޭވާކޮޅު ގެއްލިދިއައީއެވެ. ވައިކަރަދޫއަށް ލިބުނު ގެއްލުންތައް އެކަނިވެސް އެތައް މިލިއަން ރުފިޔާއަކަށް އަރާނެއެވެ.
ތަކެތި ލިބެން ނެތުމާއި މާލެ ގެނެވޭނެ ގޮތެއް ނެތުމުން މާރުކޭޓުގައި އަގުތައް އުދުހެނީއެވެ. ރަމަޟާން މަހު ފަޤީރުން ތިބީ ބަނޑަށް ކުޅުޖަހައިގެންނެވެ.
ޤައުމުގެ ކަންކަން މިހާލަތައް ދިއައިރުވެސް ހުކުރު ޚުޠުބާއަކަށް މިކަމެއް ނުއެނގުނެވެ. އިމާމުންނަށް އެނގިވަޑައި ނުގެންނެވި ކަމަކަށް ނުދެންނެވޭނެއެވެ. ސަބަބަކީ ޚުޠުބާ ކިޔަން ޖެހެނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އޮންނަ ގޮތަށް އަކުރުން އަކުރަށް ކަމަށްވާތީއެވެ!
މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަމަށް ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވާއިރު ޤައުމަށް ކުރިމަތިވެފައިވާ މިނިކަމެތި ހާލަތުގައިވެސް ހަތިޔާރު ނުނަގަން ޚުޠުބާ ނިންމީ ކީއްވެގެން ކަމާއިމެދު ގިނަ ބައަކު ސުވާލުއުފައްދައެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އިއްޔެ އެމަނިކުފާނުގެ ވާޖިބު އަދާކުރައްވައިފައެވެ. ލިބެމުން އަންނަ ގެއްލުންތައް ހާމަކުރައްވައި ސަމާލުވެ ރައްކައުތެރިވުމަށް އިލްތިމާސްކުރައްވައިފައެވެ.
ރައްކައުތެރިކޮށްދެއްވެވުން އެދި ބޮޑެތި ޖަމާއަތްތަކުގައި ދުޢާކުރުމަކީ އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. އެކަން ކުރެވޭތަނެއް އަދި ނުފެނެއެވެ.
ޔަޤީންވާ ކަމަކީ ދެން މިފަދަ ބޮޑު ޖަމާއަތެއް ލިބުނަސް ލިބޭނީ އަންނަ ހުކުރު ދުވަހަކަމެވެ.
ބުދަ ދުވަހުގެ ރޭ ވައިކަރަދޫއަށް އެރި ކޮޅިގަނޑުގައި 50 އަށްވުރެ ގިނަ ދަނޑު އެވަނީ ބިންމަތިވެފައެވެ. ބުރާސްފަތި ވިލޭރޭ ތިނަދޫއަށް އައި ކޮޅިގަނޑުގައި ލިބުނު ގެއްލުންތައް ނުބެލިގެން އުޅެނިކޮށް އިއްޔެ ވަނީ ނިލަންދޫއަށް ނަގޫރޯޅީއަރައި ގެއްލުންތަކެއް ލިބިފައެވެ.
ކަނޑުމައްޗަށް އަރައިފިނަމަ އޮޑިފަހަރު ދަނީ ފަޅައިގެންނެވެ. އިއްޔެވެސް ވަނީ ދޯންޏެއް ފަޅައިގެން ގޮސް އަޑިއަށް ދިއުމުން ފަޅުވެރިން ކަނޑުވެފައެވެ.
ޤައުމަށް ކުރިމަތިވެފައިމިވާ މިފަދަ ނިކަމެތިކަމުގައިވެސް ޚުޠުބާ ރައްޔިތުންގެ މަތިން ހަނދާން ނެތުނީ ކަމަށް ބުނެ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމަށް ހުކުރަށް ދިއަ ގިނަ ބައަކު ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.