ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަކީ، މިޤައުމުގެ އަންނަން އޮތް ޖީލަށް ވަރަށްވެސް ފައިދާ ހުރި ކަމަކަށް ވާނެކަން ޔަޤީނެވެ. އަޅުގަނޑުމެންގެ މުސްތަޤްބަލު ކަމުގައިވާ، އަޅުގަނޑުމެންގެ ޅަދަރިން، ދުންފަތުގެ ވަބާއިން ސަލާމަތް ކުރެވޭނެ ގޮތްތަކަކަށް ބަލާލާއިރު، އެކުދިންނަށް އެތަކެތި ނުގަނެވޭނެ ނުވަތަ އެފަދަ ވިޔަފާރިތައް އެކުދިންނާއިއެކު ނުކުރުމަކީ އޭގެތެރެއިން ކުރެވިދާނެ ވަރަށް މުހިންމު އެއްކަމެވެ.
ތަސްމަނިއަން ލެޖިސްލޭޗަރ އިން 2012 ވަނަ އަހަރުވަނީ މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ގަރާރެއް ފާސް ކޮށްފައެވެ. އެގަރާރުގައިވަނީ 2000 ވަނަ އަހަރަށް ފަހު އުފަންވެފައިވާ އެއްވެސް ފަރާތަކަށް (ކުއްޖަކަށް) ދުންފަތާއި ގުޅޭ އެއްވެސް އެއްޗެއް ނުވިއްކުމަށެވެ.
އެބިލް ހުށަހެޅުއްވީ އެޤައުމުގެ މަޖިލިސް މެންބަރެއް ކަމަށްވާ އިވާން ޑީން އެވެ. އިވާން ޑީނަކީ ކުރީގަ ޕޮލިސް އޮފިސަރެއްގެ އިތުރުން މޭޔަރެކެވެ. އޭނާގެ މިމަސައްކަތާއި މެދު ޑީން ބުނެފައިވަނީ އެފަދައިން ކަންތައް ކުރުމުން ކުޑަކުދިންނަށް ދުންފަތާއި ގުޅުން ހުންނަ އެއްވެސް އެއްޗެއް ނުގަނެވޭނެ ކަމަށާއި، އެކުދިންނަށް ނުގަނެވޭނެ އެއްޗެއް ބޭނުންވެސް ނުކުރެވޭނެ ކަމަށެވެ.
މިފަދަ ޤާނޫނެއް އަޅުގަނޑުމެންގެ ޤައުމުގައި އުފައްދައިފިނަމަ، 2018 ވަނަ އަހަރު 18 އަހަރު ފުރޭ ކުދިން ވެސް، މިހާރު މިއޮތް ދުވަސްތަކުގައި ވެސް ދުންފަތުގެ ވަބާއިން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި އަޅުގަނޑުމެންގެ އަންނަން އޮތް ޖީލު ދުންފަތުގެ ވަބާއިން ސަލާމަތްވެ އެކުދިންނަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްވެސް ލިބޭނެއެވެ.
ރިޕޯޓުގެ މަސްދަރު: އަފްޢާލް ބޮލޮގް