ދަތުރުވެރިންގެ މާރުކޭޓަކީ އެންމެ ގިނައިން މީހުން ޖަމާވާ އެއްތަނެވެ. ޚާއްޞަކޮށް ރަމަޟާން މަހުއެވެ.
ގެއަށްބޭނުންވާ ބައެއްކަހަލަ ތަކެތި ގަތުމަށް ރޭގަނޑު ގަޑީގައިވެސް ކޮންމެވެސް ވަރަކަށް އެ މާރުކޭޓަށް މީހުން ދާ އިރު، އެތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރު ޢާންމުކަމަކަށް މިވަނީވެފައެވެ.
މިކަން ގިނައިން ކުރަނީ ބިދޭސީންނެވެ. ނުވަތަ ބަންގާޅު މީހުންނެވެ. ރާއްޖޭގެ ޤާނޫނުގައިވެސް ޢާންމުން އެއްވެއުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމަކަށްވާ އިރު، "އެވެރިންނަށް" އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރެވެނީ ކޮން ހަމައަކުންބާއެވެ؟
ފަހަރުގައި އެއީވެސް ދަތުރުވެރިންކަމަށްވާތީ، އެބީދައިން ޚާއްޞަ ހުއްދައެއް އޮންނަނީ ކަމަށްވެސްވެދާނެ ދޮގެއްތޯއެވެ. ނޫނީ ދަތުރުވެރިންގެ މާރުކޭޓުވެސް ޙިޞާރުކޮށްފައިވަނީ "އެވެރިން" ކަމަށްވާތީ ވެގެންއުޅޭ ގޮތެއްކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް އަޅުގަނޑަށް އެނގޭ އެއްޗަކީ ނޫނީ ޤަބޫލު ކުރާނީ އެ ޤައުމެއްގައި އުޅެވޭނީ އެ ޤައުމެއްގައި ހަދާފައިވާ ޤާނޫނު އަސާސީއަކާއި އެއްގޮތަށް ކަމެވެ. ޤާނޫނުގެ ކުރިމަތީގައި އެވެރިންނެއް، މިވެރިންނެއް ތަފާތެއް ނުވާނެއެވެ. ނޫނީ ވެގެން ނުވާނެއެވެ.
އެހެންނަމަވެސް އަޅުގަނޑުމެން ޤައުމުގައި މިވަނީ އެހެނެއް ނޫނެވެ. ބިދޭސީން އެވެރިންގެ ޤައުމުގައި އޮންނަ އާދަކާދަތަކުގެ ބާރު މިތަނުގައި ގަދަވަނީއެވެ.
ދެވަނަ ސިންގަޕޫރަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް މަސައްކަތްކުރާ އިރު، މިފަދަ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަންތަކެއް ނޫނެވެ.
ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ތާޒާ ތަރުކާރީއާއި މޭވާއެއް ހޯދުމަށް ދަތުރުވެރިންގެ މާރުކޭޓަށް ދިއުމުންވެސް އެނބުރި އަންނަން މިޖެހެނީ ގައިގާ ދުންފަތުގެ ދުންވަސް ޖައްސައިގެންނެވެ.