ރީތިކޮށް ޤުރްއާން ކިޔަވާ މުއައްޒަފުން ތިބުމަކީ ކުންފުންޏެއްގެ މުސްތަޤުބަލަށް ވަރަށް މުހިންމު ކަމެއްކަމަށްއޭޑީކޭ ކޮމްޕެނީގެ ސީއީއޯ އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ނާޝިދު މިހެން ވިދާޅުވީ އޭޑީކޭ ކޮމްޕެނީގެ މުއައްޒަފުންގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާ "އޭޑީކޭ ސިނަރޖީ" އިން ބޭއްވި ޤުރްއާން ކިޔެވުމުގެ ފުރަތަމަ މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމުދިނުމަށް ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފްވެރިކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ކުޅިވަރުގެ އިތުރުން ވަރަށް ރީތިކޮށް ކީރިތި ޤުރްއާން ކިޔަވަން ދަންނަ ކުދިން އެކުންފުނީގައި އެބަތިބި ކަމަށެވެ. މިކަމަކީ ކުންފުންޏެއް ކުރިއަރައިދިއުމުގައި ވަރަށް މުހިންމު ބައެއް ކަމަށެވެ.
ޤުރްއާން މުބާރާތުގެ އެއްވެސް ވާހަކައެއް އޭނާ އާއިހަމައަށް ނާންނަ ކަމަށާއި ހުރިހާ ކަމެއްވެސް ރާވާ ހިންގީ ސިނަރޖީން ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ހިނގުމުން އެނގިގެންދަނީ ސިނަރޖީގެ އެ ކުންފުނީގައި މިހާރުތިބި މުއައްޒަފުންނަކީ ވަރަށް ހީވާގި، ވަރަށް ހިންގުންތެރި ބައެއްކަން ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.
"ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ އިތުރުން މިފަދަ މުބާރާތެއް ރޭވުމަކީ ވަރަށް ހިތްވަރާއި ފަންވަރު ހުރެގެން ކުރެވޭނެ ކަމެއް. ސިލްސިލާއެއްގެ ގޮތުގައި މި މުބާރާތް ދެމިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި މިފަދަ މުބާރާތެއް ރާވާ ހިންގާފައިވާތީ ސިނަރޖީގެ ހުރިހާ މެމްބަރުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން" ނާޝިދު ވިދާޅުވިއެވެ.
އޭޑީކޭ ކުންފުނީގެ މުއައްޒަފުންގެ ފަރާތުން އުފައްދާފައިވާ މުއައްޒަފުންގެ ޖަމިއްޔާ ސިނަރޖީން މިހާތަނަށް ވަރަށް އަގުހުރި މުބާރާތްތަކެއް ވަނީ ބާއްވާފައެވެ.
އޭގެ ތެރޭގައި ދޮންކަލޭފާނު ފުޓްބޯޅަ މުބާރާތާއި ޑރ. ޕާންޑިއަން މެމޯރިއަލް ކްރިކެޓް މުބާރާތާއި ތަފާތު އެތައް މުބާރާތްތަކެއް ހިމެނެއެވެ.