ޒަމާނުއްސުރެ "ވަން އެޓޯލް، ވަން އައިލެންޑް" (އެއްމެ އަތޮޅެއް، އެއްމެ ރަށެއް) ގެ ލަޤަބުން ނަން މަޝްޙޫރު ވެފައިވާ ޏ. ފުވައްމުލަކު ވަނީ 2016 ވަނަ އަހަރު "ސިޓީ" އެއްގެ ގޮތުގައި ހަމަޖެހިފައެވެ.
އެރަށުގެ ބޮޑުމިނާއި ރީތި ކަމަކީ، އެންމެންގެ ތުންތުން މަތިންވެސް އިވެމުންދާ ހަޤީޤީ ވާހަކައެކެވެ. އެރަށުގައި ގަސްތަކާއި ރުއްތަށް ނުހަނު ގިނައެވެ. އަޖައިބެއްފަދަ ރީތި ތުނޑިއަކާއި ވަރަށް ވެސް ހައިރާން ކުރުވަނިވި ކިޅިތަކެއް ވެސް ވެއެވެ. އަދި ކުދިވެރިން ހަވީރު ގޮސް ދުވެ ކުޅެލާ ހެދޭނެ ޕާކުތައް ވެސް އެހާމެ ގިނައެވެ.
ނަމަވެސް މިފަދަ ރީތި ރަށެއްގައި، ދިމާވާ ބޮޑު އެއް ކަންތައް ވެއެވެ. އެއީ ފުވައްމުލަކު ސިޓީގެ މަގުތަކު ހާލަތެވެ.
ނައިބު ތުއްތު މަގުން ހެރަހަ މަގާއި ހަމައަށް ތާރު އަޅާފައިވާއިރު، ހެރަހަ މަގުން ފެށިގެން ޕޮލިސް ސްޓޭޝަންއާއި ހަމައަށް އޮންނަނީ ގައު ޖަހާފައެވެ. އަދި ހޮސްޕިޓަލު ހުންނަ މަގާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒު ވަށާ ހުންނަ މަގުތަކުގައި ވެސް ހުންނަނީ ގައު ޖަހާފައެވެ. ނަމަވެސް އެހެން މަގުތަކަށް ބަލާލާއިރު ފެންނަނީ ވަރަށް ބޮޑެތި އަޑިގަނޑު ގަނޑެވެ.
ފުވައްމުލަކަކީ ބޮޑު ރަށަކަށް ވުމާއި އެކު ތަނަކަށް ދާން ބޭނުން ވެއްޖެނަމަ، ގިނަ ރައްޔިތުން އުޅެނީ ސައިކަލު ފަދަ އެއްގަމު އުޅަނދު ފަހަރުގައެވެ. ނަމަވެސް މަގުތަކުގެ ހާލަތު މިފަދަ ގޮތަކަށް ހުރުމުގެ ސަބަބުން، ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހެއެވެ.
ފުވައްމުލަކުގެ މަގުތަކާއި ބެހޭ ގޮތުން "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ފުވައްމުލަކު ސިޓީ ގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ލިރާރް ވިދާޅުވީ، ފުވައްމުލަކު ސިޓީ އަކަށް ބަދަލުވީ ފަހުން، ކައުންސިލް ތަކުގެ މާބޮޑު ބާރެއް ނޯންނަ ކަމަށާއި، ހުރިހާ ކަމެއްހެން ހިންގުމާއި ހަވާލުވެ ހުންނަވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަމަށެވެ.
"އެކަން ހިނގާ ނުހިނގާ ގޮތެއް މާބޮޑަކަށް އެނގޭ ކަހަލަ ގޮތަކަށް ނޫން އަދި މިއޮތީކީއެއް."
ސިޓީ އެއްގެ ގޮތުގައި ފުވައްމުލަކު ބަދަލުވެފައިވާއިރު ކުރިއާއި މިހާރާއި ހުރި ތަފާތަކަކީ ކޮބާތޯ ސުވާލު ކުރުމުން ވިދާޅުވީ "ހަމަ ނަމެއްގޮތުގައި އަދި 'ސިޓީ' މިއިނީ. ހައުސިންގް މިނިސްޓްރީ ގެ ތިންް އޮފީހެއް ފުވައްމުލަކުގެ ތިން ދާއިރާގައި ޤާއިމް ކުރެވިފައިވަނީ. އަދި އެތަންތަނުން ރަނގަޅަކަށް ޚިދުމަތްް ލިބެން ފެށިކަމެއް ވެސް އަޅުގަނޑަކަށް އެނގިފައެއް" ނުވާ ކަމަށެވެ.
މީގެ އިތުރުން ލިރާރް ވިދާޅުވީ ފުވައްމުލަކުގައި އަށް ކައުންސިލް އިދާރާއެއް އުވާލާ، އެތަނުގައި ތިބި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސް އެއް ދީފައިވާ ކަމަށެވެ.
"ފުވައްމުލަކުގައި އޮތް އަށް ކައުންސިލް، ފުވައްމުލަކު ސިޓީ އަކަށް ބަދަލުވުމުން މިވަނީ އުވާލެވިފަ. އެހެންވެ އެއަށް ކައުންސިލްގައި މަސައްކަތް ކުރަމުން އައި 80 ވަރަކަށް ސިވިލް ސަރވިސަސްގެ މުވައްޒަފުންނަށް މިވަނީ ތިން މަސް ދުވަހުގެ ނޯޓިސް އެއް ދީފަ." ލިރާރް ވިދާޅުވިއެވެ.
ފުވައްމުލަކުގެ މަގުތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ލިރާރް ވިދާޅުވީ ހައުސިންގ މިނިސްޓްރީ އާއި މާބޮޑު ގުޅުމެއް ނޯންނަ ކަމަށާއި މަގުތައް ހެދުމުގެ ވާހަކައެއް ހައުސިންގ މިނިސްޓްރީ އިން ދައްކާފައިވާ ކަމެއް އެނގިފައި ނެތް ކަމަށެވެ.