ފަހަކަށް އައިސް ފެނުނު އެންމެ އުފާވެރި މަންޒަރު: ފަތިސް ނަމާދަށްފަހު ބައްޕަ ދަރިފުޅަށް މިސްކިތުގައި ޤްރްއާން ކިޔަވައިދޭ މަންޒަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފަހަކަށް އައިސް ފެނުނު އެންމެ އުފާވެރި މަންޒަރު: ފަތިސް ނަމާދަށްފަހު ބައްޕަ ދަރިފުޅަށް މިސްކިތުގައި ޤްރްއާން ކިޔަވައިދޭ މަންޒަރު!
މީގެ 4 ރެއެއް ކުރިން ފެނުނީ ފަތިސް ނަމާދަށްފަހު މިސްކިތުގައި ޒުވާން ބައްޕައަކު އޭނާގެ އުމުރުން 3 އަހަރުވަރުގެ ކުޑަ ދަރިފުޅު އުނގުގައި ބައިންދައިގެން އިނދެ ޤްރްއާން ކިޔަވައިދޭ ތަނެވެ. އެމަންޒަރު ވެގެން ދިއައީ ފަހަކަށް އައިސް ފެނުނު އެންމެ އުފާވެރި މަންޒަރަށެވެ.

ފަތިސް ނަމާދުގެ ޖަމާއަތަށް ކުޑަ ދަރިފުޅު ގޮވައިގެން އައިކަން އެއީ ހާދަ ބޮޑު އުފަލެކެވެ. އަދި ފަތިސް ނަމާދަށްފަހު ކުއްޖާއަށް ޤްރްއާން ކިޔަވައިދިނުން، ޚާއްޞަކޮށް ލޯބިން އުނގުގައި ބައިންދައިގެން ކިޔަވައިދިނުމަކީ އެއަށްވުރެ މާބޮޑު އުފަލެކެވެ.

ބައެއް ޢާއިލާތަކަށް މާލޭގައި ދިރިއުޅެން ޖެހިފައިވާ ގޮތުން ދިރިއުޅޭ ތަނުގައި އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ގިނަ ބައަކު އެއްކޮޓަރީގައި އުޅޭނަމަ އެހެން މީހުންނަށް އުނދަގޫވެދާނެތީއެވެ. ފަތިސް ނަމާދަށް ހޭލަން ނުޖެހޭ އުމުރުގެ ކުދިން ނިދާފައި ތިބުމަކީވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ.

ތިމާއަށް ކިޔަވައިދޭން އެނގޭނަމަ ކުޑަކުދިންނަށް އަމިއްލައަށް ކިޔަވައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދެބަފައިން، ދެމައިންގެ މެދުގައި ގުޅުން ބަދަހިވާނެއެވެ. ކިޔެވުމަށް މައިން ބަފައިން ދޭ ސަމާލުކަން ދަރިންނަށް އިޙްޞާޞްވުމަކީ ކިޔެވުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުވާނެ ކަމެއްކަން ދިރާސާތަކުން އެނގެއެވެ.

ދަރިންގެ ކިޔެވުމަށް ބައްޕަ ސަމާލުކަން ދިނުމަކީ ވެސް ކިޔަވަން ކުދިންގެ ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ. އެހެންކަމުން ތިމާގެ ކިބައިގައި ޤާބިލުކަންހުރި މިންވަރަކުން ދަރިންގެ ކިޔެވުމަށް ސަމާލުކަން ދިނުމަކީ ޚާއްޞަކޮށް ބައްޕައިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިއަދު އޮންލައިން