އެމްއެމްއޭ އިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ފިނޭންސް އެކްސްޕޯ 2017 އަށް ޒިޔާރަތްކުރި އެންމެން ފަދައިން އެކްސްޕޯގައި ހުރި ދިވެހިރާއްޖޭގެ ޤައުމީ ބޭންކް (ބީއެމްއެލް) ގެ ސްޓޯލަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދި ކަމަށް އެބޭންކުން ބުނެފިއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް/ މާކެޓިންގ ޑިވިޜަން މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލްއަކީ ހުރިހާ ގޮތަކުން ވެސް ރާއްޖޭގައި އެންމެ ފުޅައު ދާއިރާއެއްގައި ޚިދުމަތްދޭ އަދި އެންމެ ބޮޑު ބޭންކް ކަމަށްވުމުން ބޭންކެއްގެ ތެރެއިން ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ބީއެލްއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކަސްޓަމަރުން ބޭނުންވި ހުރިހާ މައުލޫމާތުތަކެއް ވާނީ ފޮރުކޮށްދެވިފައި ކަމަށެވެ.
ސަޢީދު ވިދާޅުވީ ގެދޮރުވެރިވުމަށް ދޫކުރާ ހައުސިންގ ލޯނުތަކުގެ އިތުރުން އިމާރާތްތައް އެޅުމަށް ބޭނުންވާ ބޮޑެތި ލޯނުތައް ދޫކުރުމުގެ ޤާބިލުކަންވެސް ބީއެމްއެލް އަށް ލިބިފައިވުމުން ބައެއް ފަރާތްތަކުން އެކަންކަމުގެ މައުލޫމާތުވެސް އޮޅުންފިލުވި ކަމަށެވެ.
ސަޢީދު ވިދާޅުވީ މިއަހަރު އަލަށް ތަޢާރަފްކުރި ބީއެމްއެލް އިސްލާމިކް އިން ގެދޮރު އެޅުމަށާއި ބިންގަތުމަށް އިސްލާމީ އުސޫލުން ދޫކުރާ ލޯނުތަކާއިބެހޭ މައުލޫމާތު ވެސް ގިނަ ބައަކު އޮޅުންފިލުވި ކަމަށެވެ. "މިއީ މުޅިން އައު ޚިދުމަތަކަށްވާތީ ގިނަ ބައަކު ވަނީ މައުލޫމާތު އޮޅުންފިލުވާފަ، ގިނަ ބައަކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް ޝައުޤުވެރިކަން ފައުޅުކުރި."
ބީއެމްއެލް ސްޓޯލުން ވަނީ ސްޓޯލުގައި އޭޓީއެމް އެއް ބަހައްޓައި ޓްރާންސެކްޝަންތައް ހަދާނެ ގޮތުގެ މައުލޫމާތުވެސް ފޮރުކޮށްދީފައެވެ.