ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވަރަށް ގިނަ ކަންތައްތަކެއް ނިންމައި ޤާނޫނު އަސާސީއަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވާއިރު އެކަންކަން ޞައްޙަ ވާނެ ކަމާއިމެދު ސުވާލުތަކެއް އުފެދިއްޖެއެވެ.
މިފަދަ ސުވާލެއް އުފެދުނީ މަޖިލީހުގެ މެންބަރުން ވޯޓު ދެނީ މިލިއަނުން ފައިސާ ނަގައިގެންކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުޙައްމަދު ވިދާޅުވުމުންނެވެ.
ޕީޕީއެމް- އެމްޑީއޭ ކޯލިޝަނުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ލީޑަރު އަޙްމަދު ޝަިޔާމް މުޙައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ގުޅިވަޑައިގަތީ 2009 ވަނަ އަހަރު ކަމަށާއި ގުޅިވަޑެންނެވި ދުވަހުންސުރެ މިހައިތަނަށް ފެނިވަޑައިގެންފައިވަނީ މަޖިލީހުގެ ތެރެއިން ފެނިވަޑައިގެންފައިވަނީ ކޮންމެ ވޯޓަކާއި ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ،1 މިލިއަން ރުފިޔާ، 2 މިލިއަން ރުފިޔާ، 2 ލައްކަ ރުފިޔާ ނަގަމުންދިއަ މަންޒަރު ކަމަށެވެ.
"އަޅުގަނޑަށް އެމަންޒަރު ފުރަތަމަ ފެނުމުން ސަހަރޯއޭ ހިތަށް އެރި. މިއީ ކޮންފަދަ މަޖިލީހެއްތޯ އޭ ވެސް ހިތަށް އެރި. ވަރަށް ހިތާމަކުރިން. ހަޤީޤަތުގައި ތިއަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކޮރަޕްޝަނާއި ފަސާދައަކީ ކިހައި ނުބައި ކަމެއްކަން."
ޝިޔާމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމާއި އެހެންވެސް ކަންކަމަށް ފައިސާ ނަގަމުން ދިއުމަކީ އެމީހަކާއި އެމީހެއްގެ އަނބިމީހާ ވެސް ނަރަކައަށް އެއްލައިލުން ކަމަށެވެ. އެކަން ދިވެހި މުސްލިމް ރައްޔިތުން ދަންނާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ދައުލަތުން މިހާރު ސްޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން މަޖިލީހުގެ ތެރެއިން ފާސްކުރެވިފައި އޮންނަން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތް ހަދަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ނަގާފައިވާ ވޯޓަކާއި ގުޅިގެން އެއްވެސް މެންބަރަކު ރިޝްވަތު ނެގިކަމުގެ މައްސަލައެއް އެއްވެސް މުއައްސަސާއަކުން އަދި މިހައިތަނަށް ބެލިކަން އެނގޭކަށް ނެތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އެފަދަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝިޔާމަކީ އިސްލާމް ދީނަށް ލޯބިކުރައްވާ އަދި އިތުރުފުޅު ނުހައްދަވާ ބޭފުޅަކަށްވާއިރު ޝިޔާމް މިއަދު ދެއްކެވި ވާހަކަފުޅުތަކަކީ ކަމާއިބެހޭ މުއައްސަސާތަކުން ވަރަށް ބޮޑަށް ބަލަން ޖެހޭނެ މައްސަލައެއްކަން ގިނަ ބައަކު ފާހަގަކުރެއެވެ.