ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގައި ފަތުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް ކެމްޕޭނެއް ފަށައިފިއެވެ. "އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންދާ މިކެމްޕޭން ފައްޓަވައިދެއްވީ ޖެން ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒްކޮށްފައިވާ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭނާ ގުޅޭ ގިނަ މައުލޫމާތުތަކެއް މި ރަސްމިއްޔާތުގައިވަނީ ހާމަކޮށްފައެވެ. މިކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސްގެ ބައިނަލްއަގްވާމީ ކްލަޔަންޓްސް ނެޓްވޯކްގައި ރާއްޖެ އިސްތިހާރުކުރެވޭނެއެވެ. މި ކެމްޕޭނުގައި ރާއްޖޭގެ ވިއްސަށްވުރެ ގިނަ ރިސޯޓުން މިހާރުވަނީ ބައިވެރިވެފައެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން މިކެމްޕޭނަށް ޚާއްސަ އޮފަރ ތަކެއް މި ރިސޯޓްތަކުން ދެމުންދާނެއެވެ.

މިކެމްޕޭނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މިކެމްޕޭނު ހިންގުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ދިވެހި ރާއްޖެއަށް ވަރަށް މުހިއްމު ހަރަކާތަކަށް ވާނެ އަދި މި ކެމްޕޭންގެ ތެރެއިން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންނަށް ރާއްޖެ އިސްތިހާރުވެގެންދާނެ. މިކަމުގައި މިނިސްޓަރ ޒަމީރު ދެއްވި އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ކުރިއަށް އޮތްތާނގައިވެސްމިނިސްޓްރީ އޮފް ޓޫރިޒަމް، މަޓީ އަދި މި ސިނާޢަތުުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާ އެކުފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭންކުން މަސައްކަތްތައް ކުރަމުންދާނެ." ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ބޭންކިންގ ކޯޕަރޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ސީއީއޯ މަނޯޖް އަދްލަޚާ ވިދާޅުވީ "މިކެމްޕޭންގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އެމެރިކަން އެކްސްޕްރެސްގެ އެންމެ ޚާއްސަ ކްލަޔަންޓުން މެދުގައި ދިވެހި ރާއްޖޭގެ ނަން އުފުލިގެންދާނެ. މިއީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ މަރޗަންޓުންނަށް އެހީތެރިވުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް. އަދި މި ހަރަކާތުގެ ސަބަބުން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ގިނަ ފަރާތްތަކެއް ރާއްޖެ ޒިޔާރަތްކޮށް ދިވެހި ރާއްޖެއަށް އިޤްތިޞާދީ ފައިދާތަކެއް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. ބައިނަލްއަގްވާމީ ދުނިޔޭގައި ދިވެހި ރާއްޖެއިސްތިހާރުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، މަޓީ އަދި ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް." ކަމަށެވެ.
މިއަދު އޮންލައިން