ތެދެކެވެ. ހަމަޔަޤީނުން ވެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަކީ ވަރަށް ވެސް ބޮޑު ހޮސްޕިޓަލެކެވެ. އަލަށް ހެދި އިމާރާތްތަކާއި، ހަދަމުންދާ އިމާރާތްތަކާއިއެކު މިހޮސްޕިޓަލުގެ ބޮޑުކަން އަދި އިންތިހާއަށް ބޮޑުވާނެކަން ޔަޤީނެވެ. ދުވަސްކޮޅު ކޮޅުން އައިޖީއެމްއެޗް އަށް ތަޢާރަފްކުރާ ސިއްޙީ އެކިއެކި ޚިދުމަތްތަކުގެ މަޢުލޫމާތުތައް އަޅުގަނޑުމެންގެ ޚަބަރުތަކުގައި ފަވާލަމެވެ. ތަޢުރީފާއި ސަނާގެ ބަސްތައް ރައްދުކުރީ އެބަސްތަށް ޙައްޤުވާތީއެވެ.
ނަމަވެސް މިއަދު އަޑުއިވި، ފެނިފައިމިވަނީ މުޅިން ތަފާތު ޚަބަރެކެވެ. އުމުރުން 65 އަހަރުން މަތީގެ އަންހެނަކަށް "އެމަރޖެންސީ" ގައި ޚިދުމަތް ދިން ގޮތުގެ ވާހަކައެވެ.
މިހުރިހާކަމެއް ލޮލުން ދުއް ހަތް މީހުން "މިއަދުނޫހަށް" މަޢުލޫމާތު ދިން ގޮތުގައި، އުމުރުން ދުވަސްވީ އެއަންހެންމީހާގެ ހާލަތު ގޯސްވާން ފެށީ، 12 ޖުލައި 2017 ވީ ބުދަ ދުވަހުގެ މެންދުރު 12:15 ހާއިރުއެވެ.
"މަންމަގެ ކަނާތްފަޅީގައި އެހާ ވަރު ނެތްކަން އަހަރުމެންނަށް ފާހަގަ ކުރެވުނު. އަދި ހަށިގަނޑުގައި ވެސް އެހާ ވަރެއް ނެތް. ކުއްލިއަކަށް ހަމަ އެއްފަޅިއަށް ވެއްޓެމުން ދިޔަތަން ފެނުނީ. އެހެންވެ ވީހާވެސް އަވަހަށް މަންމަ ގޮވައިގެން އަހަރުމެން މާލޭގެ 'އެންމެ ފެންވަރު ރަނގަޅު ޚިދުމަތްދޭ ހޮސްޕިޓަލު' ކަމަށް ބުނާ އައިޖީއެމްއެޗް އަށް ގެންދިޔައީ. އެއީ ކުރެވުނު ވަރަށް ބޮޑު ކުށެއް.
ސީޓީ ސްކޭނެއް ހެދުމަށްފަހު އައިޖީއެމްއެޗް އިން ބުނީ މަންމަ އަށް 'ބްރެއިން އިސްކީމިއާ' އެއް ޖެހުން ކަމަށް. މާނައަކީ މަންމަގެ ސިކުނޑީގެ ލޭހޮޅިއެއް ބްލޮކްވުމުން ސިކުނޑީގެ އެއްފަޅިއަށް ލޭދައުރު ނުވުން. ސީޓީ ސްކޭން އާއި އެކްސް-ރޭ ނެގުމަށްފަހު މަންމަ 'އެމަޖެންސީ' އަށް ގެންދެވުން.
އެތަނުގައި އޮވެ އޮވެ ގަޑިއިރެއްވާން އުޅުމުންވެސް އެއްވެސް މީހަކު އަޅާނުލުމުންނާއި ވާނުވާއެއް އަހަރުމެންނަށް ނޭނގުމުން، އަހަރުމެން އެތަނުގައި ތިބި ނަރުހުންނާއި ޚިދުމަތް ދޭން ތިބި އެހެން ފަރާތްތަކާއި ސުވާލު ކުރަން ފެށިން. އެހެން ބަލި މީހުންވެސް ތިބީމަ، އެކަކަށް އެކަނި ސަމާލުކަން ނުދެވޭނެކަން އަހަރުމެންނަށް ވެސް އެނގޭ، އެހެންވެ ރީތިކޮށް ފުރަތަމަވެސް އެހީ، މަންމައަށް ފަރުވާ ކުރުމާއި ބެހޭގޮތުން، ކިހިނެއްތޯ ކަންތައްތައް ކުރަންވީ. އެމީހުން ބުނީ މަންމައަށް ފަރުވާދޭން ނިއުރޮލޮޖިސްޓެއް ބޭނުންވާ ކަމަށް، ނަމަވެސް މިވަގުތު އައިޖީއެމްއެޗް ގައި ނިއުރޮލޮޖިސްޓެއް ނެތުމުގެ ސަބަބުން ފިޒިޝަން އަކަށް އަންގާފައިވާ ކަމަށް. އަދި ވަރަށް އަވަހަށް އެފިޒިޝަން އެތަނަށް އަންނާނެ ކަމަށް ވެސް އެމީހުން ބުނި.
އެހެންކަމުން އަހަރުމެން ކެތްކުރިން. މަންމަގެ ސިކުނޑިއަށް ސްޓްރޯކް އެއް ޖެހުމުގެ ސަބަބުން، ހަރަކާތް ނުކުރެވޭތާ އަނގައިން ބަހެއް ވެސް ނުކިޔޭ. މަންމަ އަށް އަޅާވޭން ބުނެދޭން ނޭނގޭތީ އޮތީ ރޮވިރޮވި. ނަމަވެސް ހިތާމައަކީ އައިޖީއެމްއެޗް ގެ އެމަރޖެންސީ ގައި ތިބި މީހުންނަށް މަންމަ އެކޭ އެތަނުގެ އެނދެއްގައި އަޅާފައޮތް ފޮތިގަނޑެކޭ އެއްވަރުކަން. އެއްވެސް ވަރަކަށް އަޅައެއް ނުލާ.
ފިޒިޝަން އެއް އަންނާނެއޭ ބުނިފަހުން ހަތަރު ގަޑީރު ވޭތުވެގެން ދިޔަ. އެބުނާ ފިޒިޝަނަކަށް ނާދެވުން. ކޮންމެ ފަހަރަކުވެސް ސުވާލު ކުރުމުން ބުނަނީ 15 މިނެޓު ތެރޭގައި އަންނާނެއޭ. އެހެން ގޮސް މަންމަ އެތަނުގައި އޮންނަތާ ނުވަ ގަޑީރު ވޭތުވެގެން ދިޔަ. ފިޒިޝަން އަކަށް ނާދެވުން. އެހެންކަމުން އަހަރުމެން ދެން ނިންމީ އޭޑީކޭ އަށް މަންމަ ބަދަލު ކުރަން.
އޭޑީކޭ އަށް މަންމަ ގެނައުމާއިއެކީ މަންމަ އަށް ފަރުވާ ދޭން ފެށުން. އެމްއާރްއައި ވެސް އޭގެ އަނެއް ދުވަހު ނެގުން. އެތަނުގެ އީއާރް ގައި މަންމަ އޮއްވާ ނިއުރޮލޮޖިސްޓެއް ވެސް އަދި ފިޒިޝަނެއް ވެސް މާލަސްތަކެއް ނުވެ އެތަނަށް ދިޔަ. މިވަގުތު މަންމަ އޮތީ އޭޑީކޭ ގެ އެޗްޑީޔޫގައި، ފެންވަރު ރަނގަޅު ފަރުވާ ލިބެމުން"
ޙަޤީޤަތުގައި ވެސް "އެމަޖެންސީ" އެއްގައި އޮންނަ ބަލީމީހަކަށް ފަރުވާ ދޭންވީ ރަނގަޅު ގޮތަކީ މިއީއެވެ. އެފަދަ ސީރިއަށް ހާލަތެއްގައި އޮންނަ ބަލިމީހަކު، އަދި ޚާއްސަކޮށް އުމުރުން ދުވަސްވީ މީހަކު، އެއްވެސް ރަނގަޅު އަޅާލުމެއް ފަރުވާތެރިކަމެއް ނެތި އެހެން ބޭއްވުމުން އެމީހާގެ ބަލިވާނީ ބޮޑުކަން، ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކަށް ބޮޑަށް އެނގެން ވާނެއެވެ.
މިއީ މިއަދުނޫހުގެ ނޫސްވެރިއެއްގެ މަންމަ އަށް ޖެހުނު ހަޤީޤީ ޙާލެވެ. މައުލޫމާތުދިން އެކަކީ ނޫސްވެރިޔާއެވެ. އައިޖީއެމްޗްގެ ޚިދުމަތްތައް ރަނގަޅުކުރަން ސަރުކާރުން ކުރާ މަސައްކަތާއި ހޭދައިގެ ފައިދާ ސަރުކާރަށް ނުފެންނަނީ މިފަދަ ސަބަބުތައް ހުރުމުން ކަމަށް ގިނަ ބައަކު ބުނެއެވެ.
އިމަރޖެންސީ އާއި ހަވާލުވެގެންތިބޭ ބައަކު ކިތަންމެ ފުރިހަމައަށް މަސައްކަތް ކުރި ނަމަވެސް ނަތީޖާ ފެންނާނީ އެހެން ޑިޕާޓްމަންޓްތައް ވެސް އެއްފެންވަރެއްގައި މަސައްކަތް ކޮށްގެންނެވެ.
ހެލްތް މިނިސްޓަރ ނާޒިމް އެންމެފަހުންވެސް ވިދާޅުވެފައިވަނީ ގިނަ ބައަކު ހިތްހަމަނުޖެހެނީ ޚިދުމަތެއް ލިބެން ނެތިގެން ނޫން ކަމަށާއި ލިބެންހުރި ޚިދުމަތްތައް ފޯރުކޮށް ނުދެވޭތީ ކަމަށެވެ. މިހާދިސާއިންވެސް އެކަން އެނގިގެންދެއެވެ.