ދިވެހިރާއްޖޭގައި ރިޝްވަތު ދިނުމުގެ މައްސަލަތައް ހުށަހަޅަންޖެހޭ ކަމާއިބެހޭ ފަރާތްތައް ވަރަށް ބޮޑަށް އޮޅިއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ މެނބަރު ފަލާޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައިގައި ސޮއިކުރައްވަން އެމަނިކުފާނަށް 32 މިލިއަން ރުފިޔާގެ ރިޝްވަތެއް ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލަ ވާނީ "ކަމާއިބެހޭ" ފަރާތްތަކަށް ހުށަހަޅުއްވާފައި ކަމަށެވެ.
އެކަމާއި ގުޅިގެން ހަމަ އެދުވަހު ފުލުހުން ވަނީ އެފަދަ މައްސަލައެއް ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާފައި ނުވާކަމަށް ބުނެ އެކަމުގެ ޔަޤީންކަން މިއަދުނޫހަށް ދީފައެވެ. އޭސީސީ ބަލައި ނުލެވިގެން އުޅެނިކޮށް މިއަދު އެނގިގެން މިދިއައީ އެ ކޮމިޝަނުން އިސްނަގައިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމެވެ.
މައްސަލައެއް އެކޮމިޝަނުން އިސްނަގައިގެން ބަލަންޖެހޭނީ އެކޮމިޝަނަށް އެ މައްސަލައެއް ހުށަހަޅާފައި ނެތުމުން ކަމަށް ޤަބޫލުކުރަންޖެހެއެވެ.
ރިޝްވަތުގެ މައްސަލަތައް ހުށަހަޅަން ފުލުހުންގެ މުއައްސަސާ އާއި އޭސީސީ ނޫން އިދާރާއެއް ހުރިކަން ޤާނޫނުން އެނގޭކަށް ނެތެވެ.
އޭސީސީ އިން އަމިއްލައަށް އިސްނަގައިގެން ބަލަން ފެށި މި މައްސަލަ ބަލައި ތަންކޮޅެއް އަވަހަށް ނިމި ހަޤީޤަތް އެނގުމަކީ ގިނަ ބައަކު ބޭނުންވާ ކަމެކެވެ. ކޮންމެ މެންބަރަކަށް 32 މިލިއަން ރުފިޔާ ދީގެން ޕެޓިޝަންގައި ސޮއިކުރުވާފައިވާނަމަ ޕީޕީއެމުން ސޮއިކުރި 10 މެންބަރުނނަށް އެކަނިވެސް 320 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މިވަރުގެ ހޭދައެއް ކުރެވޭވަރުގެ ބިލިއަނަރަކީ ކާކުކަން އެނގެން ރައްޔިތުން ބޭނުންވެއެވެ.
މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން މިފަދަ އަމަލުތައް ފެނުމުން ދެން އެފަދަ މެންބަރުން ދައްކަވާ އެއްވެސް ވާހަކަފުޅެއް ވާހަކަފުޅެއްގެ ގޮތުގައި ބަލައިގަންނާނެ ގޮތް ނިންމާނީ ރައްޔިތުންނެވެ. ތިމާ ނަފުރަތު ކުރާމީހުން ބަދުނާމުކުރަން، ނުވަތަ އެވާހަކައެއް ދައްކައިގެން އިތުރު ފައިދާއެއް ނާޖާއިޒުގޮތުގައި ހޯދަން މަސައްކަތްކުރާ މީހުންގެ އަމަލުތަކަށް ހައްޤު ޖަޒާ ދެއްވަވާނީ މާތްﷲއެވެ.
އެކަންކަން ހަމަ ބަރާބަރަށް އެންމެ "މަތިން" ހިނގަމުންދާނެއެވެ. ބައަކު އެކަންކަމާއި ނުއުޅުނު ނަމަވެސް މާތްﷲގެ އިލާހީ ދަފްތަރަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ.