ޓެކްސީ ދުއްވާ މީހުންނާއި އާއްމުކޮށް ޖެހެނީ ކޮން މައްސަލައެއް؟

ކިޔުމަށް ހޭދަވާނީ 3މ 39ސ
ޓެކްސީ ދުއްވާ މީހުންނާއި އާއްމުކޮށް ޖެހެނީ ކޮން މައްސަލައެއް؟
ހަލަބޮލި މާލޭ ގައި، އާއްމުކޮށް ދިމާވާ ވަރަށް ގިނަ މައްސަލަތަށް ހުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ޓެކްސީ ދުއްވާ މީހުންނާއި ޖެހޭ މައްސަލަތަކެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ވުރެ ދުއްވާ އެއްޗެހި ގިނައޭ މީހުން ބުނެ އުޅެއެވެ. ނަމަވެސް ތާކަށް ދާން ބޭނުުން ވުމުން ފަސޭހައިން ޓެކްސީ އެއް ނުލިބުމަކީ މާލޭގައި ވަރަށް އާއްމުވެފައިވާ ކަމެކެވެ. މިމައްސަލައިގެ އިތުރުން ދެން ދިމާވާ އަނެއް މައްސަލައަކީ، ދަތުރެއް ލިބޭ ޓެކްސީ ވެސް ތިންހަތަރު ދަތުރު އިތުރަށް ކުރުމެވެ. އަދި ބައެއް ފަހަރު ކާރަށް އަރާ އެހެން ޕަސަންޖަރުންނާއި ނޭދެވޭ ގޮތްގޮތަށް ވާހަކަ ދެއްކުން ފަދަ ކަންކަން ކުރުން ވެސް ހިމެނެއެވެ.
މިރިޕޯޓަކީ "މިއަދުނޫހުން" ސޯޝަލް މީޑިއާ ގެ ޒަރީޢާއިން ހިންގި ކުޑަ ސަރވޭއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

އަލީ (21އ.)

"ޓެކްސީ ދުއްވާ މީހުން ދޯ. ތިއީ ވަރަށް ގިނައިން މަ ލޭމައްޗަށް ދުއްވާ ބައެއް. ފުރަތަމަ ކަމަކަށް، ދުވަހަކު އެމީހުންނަށް ނޭނގޭ އެ ޓެކްސީ ބޯޑުގެ ކުލަ ރަނގަޅަށް ބޭނުން ކުރާކަށް. ކާރު ފުރާ މީހުން އަޅައިގެން ވެސް އިނދެ ދާނެ ޓެކްސީ ބޯޑު 'ފެހި ކުލަ' އަށް ލައިގެން. ދެން ޓެކްސީއެއް ނުލިބިގެން އެހެން އުޅޭއިރު ވަރަށް އުނދަގޫ ވާނެ ދޯ. ހުސް އެއްޗެއް ކަމަށް ހީކޮށް އަތް ނަގާއިރު ކާރު ފުރެންދެން މީހުން. ދެން ކާރެއް ހޯދަން އަތް ނަގާއިރު އަނެއް ކަމަކީ، މިސާލަކަށް ފަހަތުގަ އެއްމެ މީހެއް އިންނަ އިރުވެސް ގިނަ މީހުން ހަމަ ދަތުރެއް ކޮށް ނުދޭނެ. އެކަމަކު ތަންކޮޅެއް ބަލާލަން ރީތި އަންހެން ކުއްޖެއް އަތް ނަގައިފިތަ؟ އެހެޔޮ އޭނަ (ޑްރައިވަރު) ތެދުވެފަ ޖާގަ ދޭން ވިޔަސް، އެމަންޖެއަށް ދަތުރު ކޮށްދޭނެ."

ލަމްހާ (25އ.)

"ވަރަށް ބޮލަށް އުނދަގޫވޭ މާގިނަ ވާހަކަ ދައްކާ ބޭކާރު ސުވާލު ކުރާތީ. މިއީ އެމީހުން ދަށްކޮށްލަން ނުވަތަ ރަޙުމަތްތެރި ނުވާން ބުނާ އެއްޗެއް ނޫން. އަހަންނަށް ވެސް އިނގޭ، މުޅި ދުވަހުހެން އޭގެ ތެރޭގައި އިންނައިރު ފޫހި ވެސް ވާނެކަން، މީހަކާ އަނގައިން ބުނަން ބޭނުން ވާނެކަން ވެސް އިނގޭ. އެކަމަކު ދެން އިނދެ ވަރި ކުރި މީހުންގެ ވާހަކަ އަހާ، ވަރިވީ ކީއްވެތޯ އަހާ، އަދި ނުވީތާކަށް ނަންބަރު ދީ، ނުވަތަ އަމިއްލަ ނަންބަރު ވެސް ދީ ހެދުމަކީ ތަންކޮޅެއް ބޮޑުވަރުދޯ. އެކަހަލަ ކަންތައް ކުރާތީ އެއްޗެކޭ ވެސް ބުނެވޭ ބައެއް ފަހަރު."

މުޙައްމަދު (55އ.)

"އަހަރުމެންނަކީ ދެން ތަންކޮޅެއް އުމުރުން ދުވަސްވީ މީހުން ކަމަށްވާތީ ވަރަށް ބޮޑަށް އުނދަގުލާ ކުރިމަތިލާން ޖެހޭ ތިކަމުގަ. ޓެކްސީ ސެންޓަރަކަށް ގުޅައިފިއްޔާ ދެން ވަރަށް އުނދަގުލުން ލިބިދާނެ ޓެކްސީއެއް. އެކަމަކު އޭގަ އިންދާ އެހެން ދަތުރުތައް ވެސް ހަަމަ ނަގާފާނެ. ބުނަނީ އެއީ އެމީހުން ދާން ބޭނުންވާ ތަން 'އޮން ދަ ވޭ' ގަ ނޫނީ މާ ކައިރީގަ ހުރީމައޭ. ދެން މިސާލަކަށް މަގުމަތިން ޓެކްސީއެއް ހޯދާނަމަ، ގިނފަހަރަށް ހަމަ ވަރަށް ހިތްދަތިކަމާ ކުރިމަތިލާން ޖެހޭ. ޓެކްސީ ހުހަށް އޮތަސް ނުވަތަ އެއްމެ މީހެއް ފަހަތުގައި އިނަސް، ނުހުއްޓާ ގިނަ ފަހަރަށް"

ރީޝާ (22އ.)

"އަމިއްލައަށް އަސްލު ވަރަށް ނުޖެހޭ މައްސަލައެއް ޑްރައިވަރުންނާ. އެކަމަކު ފާހަގަ ކުރެވޭ އޭގެ ތެރެއިން ބައެއް މީހުން ވަރަށް އަނެކާގެ އިހުސާސްތަކަށް ނުބަލާކަން. މިދިޔަ ރަމަޟާން މަހު ހަވީރު 5:15 ކަންހާއިރު ވީކަމެއް މިއީ. އަހަރެން ޓެކްސީގަައި ދިޔައީ ރޯދަވީއްލަން ތަނަކުން ދައުވަތު ލިބިގެން. ޓެކްސީގަ ދަނިކޮށް އާސަހަރާ ކައިރިން ވަރަށް އުމުރުން ދުވަސްވީ މީހަކު އަތް ނެގީ ދަތުރެއް ކޮށްދޭތޯ. މުންޑެއް އަނދެފަ އެބޭބެ ހުރީ. ދަނޑިގަނޑެއް ވެސް ހިފަހައްޓައިގެން. އެހެންވެ އިނގޭ ވަރަށް އުމުރުން ދުވަސްވީ މީހެއްކަން. އެކަމަކު ޓެކްސީ ޑްރައިވަރު ނޫނެކޭ ބުނެ ބޯހޫރުވާލާފައި މަޑު ނުކޮށް ދިޔައީ. އެބޭބެ ވަރަށް މާޔޫސްވިކަން އަހަންނަށް އެނގުން. އަހަރެން ބުނިން ޑްރައިވަރު ކައިރީ، މަޑުކޮށްފަ އެބޭބެއަށް ދަތުރު ކޮށްދޭން ވީ ނޫންހޭ. އޭނަ ބުނީ ނޫނެކޯ ތިމަންނައަށް އޭރުން ލަސްވާނެޔޯ. ޑްރައިވަރަށް ލަސްވަނީ ރޯދަ ވީއްލާ ގަޑިއަށް ގެއަށް ދާން ނަމަވެސް އަސްލު ވަރަށް ވަގުތު އޮންނާނެ ދޯ ހަމަ އެދަތުރު ވެސް ކޮށްލާފަ ދާން؟ ދެން އެހެން ނޫނަސް އެއޮށްފަދަ ރަމަޟާން މަހު މީހަކަށް އެވަރު ކަމެއް ކޮށްދީގެން ނުލިބޭނެ ކަންނޭނގެ އެއްވެސް ގެއްލުމެއް. ވަރަށް ދެރަވި ދުވަހެއް އެއީ"




މިއަދު އޮންލައިން