މިނިވަންކަން ދަމަހައްޓަން އިބްރާހީމް ނާޞިރުގެ އަރިހުން ދަސްކުރަންޖެހޭ ފިލާވަޅުތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
މިނިވަންކަން ދަމަހައްޓަން އިބްރާހީމް ނާޞިރުގެ އަރިހުން ދަސްކުރަންޖެހޭ ފިލާވަޅުތައް ވަރަށް ގިނަ!
ރާއްޖޭގެ މިނިވަންކަމަށް 53 އަހަރު ފުރި އެކަމުގެ ވާހަކަދައްކަމުން ގެންދާއިރު ގިނަ ބައެއްގެ ހިތުގައި އުފެދޭ ބޮޑު ސުވާލަކީ ދިވެހިންގެ މިނިވަންކަމުގެ ބަޠޮލް، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު (ނޣޢވ، ކޭސީއެމްޖީ)، ވެލާނާގޭ އިބްރާހީމް ނާޞިރު ފަދަ ބަޠޮލެއްދެން ފެނިދާނެ ކަމާއިމެދު އުފެދޭ ސުވާލެވެ.

މިފަދަ ސުވާލުތައް އުފެދޭ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު އެއް ސަބަބަކީ ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްފަހު އެ މިނިވަންކަން ދަމަހައްޓަވަން ކުރެއްވެވި މަސައްކަތްޕުޅުތަކެވެ.

މިގޮތުން ބަލާއިރު ފާހަގަކުރަންޖެހޭ ބައެއް ކަންތައްތަކުގެ ތެރެއިން ޤައުމުގެ ކޮންމެ ކަމެއް އަމިއްލަފުޅަށް ބެލެހެއްޓެވިކަން އެއީ ޚާއްޞަކުރަންޖެހޭ ސަބަބެކެވެ. އެންމެ އަރިއަހުގައި ގެންގުޅުއްވި މީހުންނަށް ވެސް އިތުބާރުކުރެއްވުމުގައި މިންގަނޑުތަކެއް ގެންގުޅުއްވުމާއި އިވިވަޑައިގަންނަވާ އަޑުތަކުގެ ހަޤީޤަތް އެންމެ ފުރިހަމައަށް ބައްލަވަމުން ގެންދެވިކަން ފަދަ ކަންކަމަކީ ފާހަގަކުރަންޖެހޭނެ ސަބަބުތަކެވެ.

މިކަންކަން ވެގެން ދިއައީ ގިނަ ބައެއްގެ އިތުބާރު އިބްރާހީމް ނާޞިރަށް ލިބިވަޑައިގެންނެވި ސަބަބަކަށެވެ. އިބްރާހީމް ނާޞިރު ނިންމެވުމެއް ނިންމަވައިފިނަމަ އެ ނިންމެވުމެއް އެނިންމެވީ ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ފުރިހަމައަށް ބެއްލުވުމަށްފަހުގައި ކަމަށް ސަރުކާރުގެ ހުރިހާ ވެރިން އައީ ޤަބޫލުކުރަމުންނެވެ.

ސަރުކާރުގެ ވެރިންނަށް ވެސް ވިޔަފާރި ކުރެއްވުމުގެ ފުރުޞަތު ދެއްވެވިއެވެ. އެހެން ނަމަވެސް އެއް ބޭފުޅެއްގެ ނަފައަށްޓަކައި އެހެން ބޭފުޅަކު ކަތިލެއްވުމުގެ އުޞޫލުން ދުވަހަކުވެސް ކަމެއް ކުރައްވާފައެއް ނުވެއެވެ. އެބޭފުޅެއްގެ ޤާބިލުކަން ހުރި ވަރަކުން ކުރިއަށް ވަޑައިގަތުމަށާއި ކަންކަން ކުރެއްވުމަށް ގެންދެވީ މަގުފަހިކޮށްދެއްވަމުންނެވެ.

ވަކިބޭފުޅަކީ އަރިސްކަން ބޮޑު ބޭފުޅަކަށްވެގެން އެބޭފުޅަކަށް ކަންކަމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ތަންކޮޅެއް ދުރު ނުވަތަ ގާތްކަމެއް ނެތް ބޭފުޅުންނަށް އެއްވެސް ޢުޤޫބާތެއް ދައްކަވާފައެއް ނުވެއެވެ. އެއްވެސް ނިކަމެތިކަމެއްވެސް ދެއްވާފައެއް ނުވެއެވެ.

އެެހްނަކަމުން ވިޔަފާރީގައި ވާދަކުރެއްވި ނަމަވެސް ދައުލަތާއި ޤައުމާއި ގުޅުންހުރި ކަންކަމުގައި ހުރިހައި ބޭފުޅުންވެސް ތިއްބެވީ އެއް ހަމައެއްގައި އެއް އުޞޫލެއްގައި ހިފަހައްޓަވައިގެންނެވެ. ނަތީޖާއަކަށްވެގެންދިއައީ ވެރިންގެ މެދުގައި ސިޔާސީ މައްސަލަތަކެއް ނެތުމެވެ. ސިޔާސީ ވާދަވެރިކަމެއް ނެތުމެވެ. އެއް ބޭފުޅަކަށް ގެއްލުމެއް ދެއްވަން އެހެން ބޭފުޅުން މަސައްކަތްޕުޅު ނުކުރެއްވެވުމެވެ.

އެއީ ރާއްޖޭގެ މިނިވަންކަމުގެ އެންމެ ކުރީކޮޅެވެ. ފެށުުނު ދުވަސްވަރެވެ. ކަމެއް ރަނގަޅު ނޫން ގޮތުގައި ކުރިއަށް ދިއަނަމަ ގުޑުގުޑުއަޅައި ބަންޑުންވުމުގެ ފުރުޞަތު އެންމެ ބޮޑު ދުވަސްވަރެވެ.

ރާއްޖެއަށް މިނިވަންކަން ދިނުމަށްފަހުގައިވެސް އިނގިރޭސީންގެ ކަޅިއެޅުމެއް ނުހުއްޓެއެވެ. ނުއަތުބުރެއް އަޅުވައިލެވޭނެ ފުރުޞަތަކަށް ތިބީ ބަލަބަލައެވެ. އެމަސައްކަތްތައްވެސް ފެއިލްވެގެންދިއައީ ހަމަ މިދެންނެވި ހަރުދަނާ އުޞޫލުތަކުގެ ސަބަބުންނެވެ.

މިހުރިހައި ކަންކަމުގެ އެންމެ ބޮޑު ސަބަބަކީ ހަމަ ހުރިހާ ކަންކަން އަމިއްލަފުޅަށް ބައްލަވަމުން ގެންދެވުމެވެ. ފެންނަ މަންޒަރުގައި އަބަދުވެސް އިބްރާހީމް ނާޞިރު ހުންނެވީ ދައުލަތުގެ އިސް ބޭފުޅުންނާއި ވަރަށް ދުރުގައެވެ. ސިޔާސީ ބޭފުޅުންގެތެރެއިން ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި އަރިއަހުގައި ގެންގުޅުއްވީ ޢަބްދުއްސައްތާރު މުސާ ދީދީ އެވެ.

ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ އަމިއްލަފުޅު އެއްވެސް އެެދުންފުޅެއް ކުރިއަށް ނެރުއްވައިގެން އެއްވެސް ކަމެއް ކުރެއްވެވި ބޭފުޅެއް ނޫނެވެ. އެއްވެސް ވިޔަފާރިއެއް ކުރެއްވެވި ބޭފުޅެއް ނޫނެވެ. ނަތީޖާއަކީ ދައުލަތް ހިންގެވުމުގެ ހުރިހާ ކަންކަން ފުރިހަމަ ކޮންޓްރޯލެއްގެ ތެރޭގައި ކުރިއަށް ގެންދެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމެވެ.

ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި އަދި ޤައުމު ތަރައްޤީ ކުރުމުގައި އިބްރާހީމް ނާޞިރުގެ މިފަދަ އަމަލުފުޅުތަކުން އިބްރަތް ހާޞިލުކުރާނަމަ ޤައުމުގެ ކަންކަން ކުރިއަށް ދާނީ ހަމަ އެންމެ ފުރިހަމައަށެވެ. ޤައުމަށް މިހާރު ކުރިމަތިވެގެން މިއުޅޭ ވަބާތަކުންވެސް މިންޖުވެވޭނީ މިކަންކަމަށް ވިސްނައިގެންނެވެ.

މިއަދު އޮންލައިން