އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރަކީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ރާއްޖޭގެ ދާޚިލީީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވާ ބޭފުޅެއްކަން ދޭހަވާގޮތަށް ޚާއްޞަކޮށް ބަޣާވާތްކުރުމަށް ހިތްވަރުދެއްވާ ބޭފުޅެއްގެެ ގޮތުގައި ސިފަކުރުމަކީ ދިވެހިރައްޔިތުން އެދޭކަމެއް ނޫނެވެ.
ރާއްޖޭގައި މިހާރު ހުންނެވި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވެސް ވަނީ އެހެން ސަފީރުން ފަދައިން އިންޑިއާ ހައިކޮމިިޝަނުގެ ދޮރުތައް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހުޅުއްވައިލައްވައިފައެވެ. ސަރުކާރުގެ ވެރިން ނުވަތަ ވަކި ޕާޓީއަކަށް ބެއްލެވުމެއް ނެތިއެވެ. އެކަން އެމަނިކުފާނު ގެންދަވަނީ ޢާންމުކޮށް އިއުލާނުކުރައްވަމުންނެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވެސް ގެންދަވަނީ ދިވެހިރައްޔިިތުންނާއި ބައްދަލުކުރައްވަމުންނެވެ. ވަކިމީހަކަށް ވަކި ޕާޓީއަކަށް ބެއްލެވުމެއް ނެތިއެވެ. ހަމައެއާއިއެކު ޤައުމަށް ތަފާތު ދާއިރާތަކުން ޚިދުމަތްކުރާ މީހުންނާއިވެސް ބައްދަލުކުރައްވަމުންނެވެ.
އަކިލޭޝް މިޝްރާ ފަރިއްކުޅުއްވަމުން ގެންދަވަނީ ވަކިބައަކާއިއެކުއެއް ނޫނެވެ. ވަކިޕާޓީއަކަށް ބައްލަވައިގެނެއް ނޫނެވެ. ސަރުކާރުގެ އިސްވެރިންނާއި އެކުގައެވެ. އިދިކޮޅު ފަރާތްތަކާއިވެސް އެކުގައެވެ.
ރާއްޖޭގައި ހުންނަވާ އެއްވެސް ޑިޕޮލޮމެޓަކީ ވަކި ބައަކާއިއެކު ގުޅުން ބަދަހިކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެބޭފުޅެއްގެ މަސްއޫލިއްޔަތަކީ އެންމެންނާއި ވެސް ބައްދަލުކުރައްވައި ރާއްޖެއަށް ޚިދުމަތްކުރެއްވޭނެ މަގުތައް ހޯއްދެވުމެވެ. ރާއްޖޭގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި ކޮށްދެއްވެން އޮތް ޚިދުމަތެއް ކޮށްދެއްވުމެވެ.
ރާއްޖޭގައި ވަރަށް ގިނަ ސަފީރުން އެބަތިއްބެވިއެވެ. ނަމަވެސް އެބޭފުޅުން ޤައުމުގައި ތިއްބެވިކަން މީޑިއާތަކަށް އެނގެނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުންނެވެ. ރާއްޖެ ދޫކުރެއްވިކަން ނުވަތަ ސަފީރުކަން ނިމުނުކަން މީޑިއާތަކަށް އެނގެނީ ރައީސުލްޖުމްހޫރިއްޔާގެ އަރިއަހަށް ވަދާއީ ޒިޔާރަތް ކުރެއްވިކަމުގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ހާމަކުރުމުންނެވެ.
ޗައިނާ އާއި އިންޑިއާ އިން ކަނޑައަޅުއްވާ ސަފީރުން އަބަދުވެސް އަަމަލުކުރައްވަނީ ތަފާތުކޮށެވެ. ރާއްޖެވަޑައިގަތުމާއިއެކު މީޑިއާތަކާއި ބައްދަލުކުރައްވައެވެ. މީޑިއާތައް ކުރިއަރުވަން ކޮށްދެއްވޭނެކަންކަން އޮޅުން ފިލުއްވަވައެވެ. މީޑިއާތަކަށް ތަމްރީނު ފުރުޞަތުތައް ހޯއްދަވައިދެއްވައެވެ.
ކަންކަން މިމޭރުމުން ހުރިނަމަވެސް މިކަންކަން ރަނގަޅަށް ނުއެނގޭ މެންބަރުން މަޖިލީހުގައި ތިބިކަން އެނގިގެންދަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުގެ ޓްވީޓުންނެވެ.
އަކިލޭޝް މިޝްރާ މަޚްލޫފްގެ ޢާއިލާ އާއި ބައްދަލުކުރެއްވި ފޮޓޯ ޓްވިޓަރގައި ހާމަވެގެންދިއައީ އެ ފޮޓޯ ހާމަކުރުމުންނެވެ. އެއީ ސިއްރުން ކުރިކަމެއް ނަމަ ނުވަތަ އެކަމުގައި ސިއްރުކުރަންޖެހޭ ކަމެއް އޮތްނަމަ ޓްވިޓަރގައި އެފޮޓޯ ހާމައެއް ނުވާނެއެވެ.
ރާއްޖޭގައި ހުންނަވާ ސަފީރަކު އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރެއްވުމުން އެއުޅުއްވަނީ ބަޣާވާތެއް ކުރައްވަންކަމަށް ބަލާނަމަ ސަރުކާރުގެ ބޭފުޅަކާއި ނުވަތަ ޕީޕީއެމްގެ ބޭފުޅަކާއި ބައްދަލުކުރެއްވުމުން ކިޔާނެ ނަމެއްވެސް އޮންނާނެ ކަމަށް ބެލެވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަންވީ ސަފީރު އެއުޅެއްވަނީ ޤާނޫނު އަސާސީ "ފުނޑާލަން" ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ ކަމަށްހެއްޔެވެ؟
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ވަނީ ޓްވީޓް ކުރައްވައި "ސަފީރުން އިދިކޮޅު ފަރާތްތަކާއެކު މިކުރަނީ ކޮން މަސައްކަތެއް؟" ކަމާއިމެދު ސުވާލު އުފައްދަވައިފައެވެ.
މިފަދަ ޓްވީޓްތައް ކުރުމުން އެކަން ބަލާނެ ފަރާތްތަކެއްވެސް ތިބޭނެކަން ޤަބޫލުކުރަންޖެހެއެވެ. ޚާއްޞަކޮށް އިންޑިއާ އިން ބަލާނެކަން ޤަބޫލުކުރަންޖެހޭނެއެވެ. މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އިންޑިއާ އިން މިހާރުވެސް ވަނީ މިކަން ސީރިއަސްކަމެއްގެ ގޮތުގައި ބަލައިފައެވެ.
Safeerun idhikolhu faraay thakaaeku mikurany kon mash varaa eh? jalun nukume jehigen Anna dhuvahu safeeru aai eku.aneh dhuvahu muzaaharaaga. pic.twitter.com/xQDy3KaHwZ
— Riyaz Rasheed (@riyaz_rasheed) July 25, 2017
އިންޑިއާ އަކީ ދިވެހިރައްޔިތުންގެ ދެވަނަ ގެއެވެ. އިނގިރޭސިބަހުންނަމަ ސެކަންޑް ހޯމްއެވެ. އެކަމަށް ހުރި ސަބަބުތައްވެސް ވަރަށް ގިނައެވެ.
ދިވެހިރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ އާސަންދައިން ލިބުނު ނަމަވެސް ކޮންމެކޮންމެ ކަމެއްގައި ނުލިބޭނެކަން ޤަބޫލުކުރަންޖެހެއެވެ. އަދި ކޮންމެ ކޮންމެ މީހަކަށް ނުލިބޭކަންވެސް ޤަބޫލުކުރަންޖެހެއެވެ. ލިބޭނަމަ އާދޭހުގެ ކެމްޕޭނުތައް ކުރާކަށް ނުޖެހޭނެއެވެ. އަދި ކޮންމެ މީހަކީ ހުރިހާ ކަމެއްގައި ރާއްޖެއިން ބޭސްފަރުވާ ކުރަން ބޭނުންވާ މީހެއްވެސް ނޫނެވެ.
މިފަދަ ކޮންމެ ހާލަތެއްގައި ދިވެހިންގެ ގިނަބައަކު ޚިޔާރުކުރަނީ އިންޑިއާއެވެ. އަދި ތަފާތު ސަބަބުތަކާއިހުރެ ރާއްޖެއިން ބޭރުގައި ދިރިއުޅެން ބޭނުންވާ މީހުންގެ ތެރެއިން ގިނަބައެއްގެ ފުރަތަމަ "ޗޮއިސް"އަކީ އިންޑިއާއެވެ. ދަރިންގެ ތައުލީމަށާއި އެހެންވެސް ސަބަބުތަކަށްޓަކައި ޢާންމުންގެ ގިނަބައަކު އަދިވެސް އިސްކަންދެނީ އިންޑިއާއަށްކަން އިންޑިއާގައި ދިރިއުޅޭ ދިވެހިރައްޔިތުންގެ އަދަދުން ވަރަށް ރަނގަޅަށް އެނގެއެވެ.
އެހެންކަމުން އިންޑިއާ އާއި ރާއްޖޭގެ މެދުގައި މައްސަލަތައް އުފެއްދުމުން އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ޢާންމު ރައްޔިތުންނަށެވެ. މިފަދަ ކަންކަން މިހެން މިވަނީ ފޮރިން ޑިޕޮލޮމަސީ ނުއެނގޭ ބައަކު އުޅޭތީއެވެ. އެހެންކަމުން 2019 ވަނަ އަހަރު މެންބަރުކަމަށް ކުރިމަތިލާން ތިބި ފަރާތްތަކަށް އެމިނިސްޓްރީގެ މުވައްޒިފުންނަށް ހިންގާ ކޯސްތައް ހިންގަން ޖެހޭކަން ޤަބޫލުކުރެވެއެވެ.