އޭޑީކޭ ހޮސްޕިޓަލުން 4 ޑޮކްޓަރަކަށް ޕޯސްޓްގްރެޖުއޭޓް ފެންވަރަށް ކިޔަވަން ސްކޯލާޝިޕް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އޭޑީކޭ ހޮސްޕިޓަލުން 4 ޑޮކްޓަރަކަށް ޕޯސްޓްގްރެޖުއޭޓް ފެންވަރަށް ކިޔަވަން ސްކޯލާޝިޕް ދީފި
ފެންވަރު ރަނގަޅު ދިވެހި ޑޮކްޓަރުން ބިނާކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރިއަށް ގެންދާ މަޝްރޫއުގެދަށުން 4 ޑޮކްޓަރަކަށް ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ދީ ސްކޯލާޝިޕް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އަފާލް ވިދާޅުވީ މި މަޝްރުއުގެދަށުން މިދިއަ އަހަރުވެސް ފުރުޞަތު ދެވިފައިވާ ކަމަށެވެ.

އަފްޢާލް ވިދާޅުވީ މިއަހަރު ފުރުޞަތު ލިބުނު 1 ދަރިވަރަކު މިހާރުވެސް ގެންދަނީ ކިޔަވަމުން ކަމަށާއި 3 ދަރިވަރުން އޮގަސްޓްމަހުގެ 1 ވަނަ ދުވަހު ކިޔަަން ދިއުމަށް ފުރާނެ ކަމަށެވެ.

އަފްޢާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަށް މިއަހަރު 30 އަހަރު ފުރޭއިރު ޞިއްޙީ ދާއިރާއިން ޚިދުމަތް ދޭނެ 30 ސްކޯލާޝިޕް ދެވިފައިވާ ކަމަށެވެ.

"ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރަމުން އަންނައިރު ސްޕެޝަލިސްޓުންނާ ސްޕަރސްޕެޝަލިސްޓުން އުފެއްދުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އަބަދުވެސް އިވޭނީ އަޅުގަނޑުމެން އައު ޚިދުމަތްތައް ތަޢާރަފްކުރާ ވާހަކަ. މީހުން ބިނާކުރަން ކުރާ މަސައްކަތްތަކުގެ ވާހަކަ އިވެނީ ވަރަށް މަދުން. ނަމަވެސް އެކަމަށް އަބަދުވެސް މިގެންދަނީ މަސައްކަތްކުރަމުން."

އޭޑީކޭ ހޮސްޕިޓަލުން ދީފައިވާ ސްކޯލާޝިޕް ފުރުޞަތުތަކުގައި މިހާރުވެސް ތަފާތު ދާއިރާތަކުން ދަރިވަރުން މަތީ ތައުލީމް ހާޞިލުކުރަމުން ގެންދާކަންވެސް ޢަފްޢާލް ވަނީ ފާހަގަކުރައްވައިފައެވެ.

އަފްޢާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ހިންގާ ކޯސްތައް ފެށުމުން އިތުރު ފުރުޞަތުތައްވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ހިންގާ މެޑިކަލް އިންސްޓިޓިޔުޓް އިން އަމިއްލައަށް ތަޢާރަފްކުރާ ފުރަތަމަ ކޯހުގެ ކިޔެވުން އަންނަ މަހު ފެށޭނެ ކަމަށެވެ.
މިއަދު އޮންލައިން