ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަމީނީ މަގުގައި ހުންނަ މާލެ ސްކުޔަރ (ގައުކޮށި)ގައި އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު އާ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފިއެވެ.
ފައިސާގެ މުޢާމަލާތްތައް ފިޔަވައި ބޭންކުން ދޭ ޚިދުމަތްތަކުގެ ބޮޑު ބައެއް މީގެ ފަހުން ދެމުން ގެންދާނީ މިރޭ ހުޅުވި މި ސެންޓަރުންނެވެ. ގިނަ ވަގުތުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މިސެންޓަރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް ހުޅުވާފައި ހުންނާނެއެވެ.
އެންމެ ފަހުގެ ޓެކްނޮލަޖީއާއެކު އައިޕެޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް ތަޖުރިބާކާރު މުވައްޒަފުންނާ ގުޅާލެވެއެވެ. އަދި މި ސެންޓަރަށް ކަސްޓަމަރު ޒިޔާރަތް ކުރާ ހިސާބުން ފެށިގެން ބޭނުންވާ ޚިދުމަތަކަށް އެދެވޭނެއެވެ. މި ގޮތުން ކަސްޓަމަރުން ޚިދުމަތް ހޯދުމަށް ހޭދަ ކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ.
މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޗެކް ފޮތް، ސްޓޭޓްމަންޓް، ކްރެޑިޓް އަދި ޑެބިޓް ކާޑު ނެގުން ހިމެނެއެވެ. މީގެ އިތުރުން މޮބައިލް ބޭންކިންގ އަދި އިންޓަރނެޓް ބޭންކިންގ ޚިދުމަތަށް އެދޭ ކަސްޓަމަރުންނަށްވެސް މުވައްޒަފުން އެހީތެރިވެދޭނެއެވެ.
މި ސެންޓަރ ފަރުމާކޮށްފައިވަނީ އާންމު ބޭންކްތަކާއި ވަރަށް ތަފާތު ފަރުނީޗަރާއި އެހެނިހެން ޚިދުމަތްތައް ހިމަނައިގެންނެވެ. މިގޮތުން ކަސްޓަމަރުން ޚިދުމަތްލިބިގަތުމަށް ހޭދަކުރާ ވަގުތަކީ އެންމެ ހިތްހަމަޖެހޭނެ ފަދަ ވަގުތަކަށް ހެދުމަށްޓަކައި ސޯފާ ގޮނޑި ހިމަނައި އަދި ކޮފީ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މި ސެންޓަރާ އިންވެގެން ކަސްޓަމަރުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން އަދި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ދިނުމަށް ހަތަރު އޭޓީއެމްއާއެކު ސެލްފް ސާވިސް ބޭންކިންގ ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފައެވެ.
މިރޭ ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "މި އާ ސެންޓަރުގެ އެންމެ ޒަމާނީ ސެޓްއަޕް އާއި ހުޅުވާފައި ހުންނަ ވަގުތު އިތުރުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މާލެއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ރަނގަޅު ބަދަލެއް އަންނާނެ. މިއަށްފަހު ކަސްޓަމަރުންނަށް ދެން ލިބެމުންދާނީ ހަމައެކަނި އަވަސް އަދި ރަނގަޅު ޚިދުމަތެއް އެކަންޏެއް ނޫން. ލިބިގެންދާނީ އުފާވެރި އަދި ހިތްހަމަޖެހިގެންދާނެ ފަދަ ތަޖުރިބާއެއްވެސްމެ."
ބީއެމްއެލް އިން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރުމަތިކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ބައެއް ތަދްޞީލްތައްވެސް އެންޑްރޫ ހީލީ ވަނީ ދެއްވައިފައެވެ.