އެމްޑަބްލިއުއެސްސީ އިން އައިއެސްއޯ ސެޓްފިކެޓް ހާސިލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 58ސ
އެމްޑަބްލިއުއެސްސީ އިން އައިއެސްއޯ ސެޓްފިކެޓް ހާސިލުކޮށްފި
އެމްޑަބްލިއުއެސްސީ އިން އައިއެސްއޯ ސެޓްފިކެޓް ހާސިލުކޮށްފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖުމެންޓު ސިސްޓަމް ހާސިލުވުމާއިގުޅިގެން އައިއެސްއޯ ސެޓްފިކެޓް އެ ކުންފުންޏާއި ހަވާލުކުރުން އޮތީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އަދި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

މި ސެޓްފިކެޓް ހާސިލުކުރުމުގެ މައިގަނޑު މަޤުޞަދަކީ ކުންފުނީގެ މަސައްކަތްތައް އެއްހަމައެއްގައި ޤާއިމުކޮށް ކޮލިޓީ މެނޭޖުމެންޓު ސިސްޓަމްގެ ބައެއްގެ ގޮތުގައި ރިސްކުނެގުން އޮތުމުގެ ބަދަލުގައި ސިސްޓަމެޓިކް އެޕްރޯޗެއް ނުވަތަ ހަމަޖެހިފައިވާ ޚާއްބަ އުސޫލެއް ބޭނުންކޮށްގެން ރިސްކުނެގުމުގެ މިންގަނޑުތަކެއް ޤާއިމު ކުރުމެވެ.

މި ސެޓްފިކެޓާއެކު އެމްޑަބްލިއުއެސްސީ ވެގެންދާނީ ކަމެއްދިމާވުމުން އެކަމަކަށް ހައްލުހޯދުމުގެ ބަދަލުގައި ކަމެއްދިމާވުމުގެކުރިން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރުވެ، ގެއްލުންކުޑަކުރުމަށް މަސައްކަތްކުރާ ކުންފުންޏަކަށެވެ. އަދި ކަސްޓަމުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ލިބޭ ހިތްހަމަޖެހުން އިތުރުވެގެންދިއުމަށް މަގުފަހިވާނެއެވެ.

މިފަދަ ސެޓްފިކެޓެއް ކުންފުންޏަކަށް ހާސިލުވުމުން ލިބިގެންދާ ފައިދާތަކުގެ ތެރޭގައި ކުންފުންޏަށް ރީތި ނަމާއި ރައްޔިތުންގެ އިތުބާރު ލިބުން ހިމެނެއެވެ. އަދި ISO9001:2015 ގެ ސަބަބުން ކުންފުނީގެ ޑިޕާޓްމެންޓުތަކުގެ މަސައްކަތް ހަލުވިވެ، ISO9001:2015 ގައި ގޮތްނިންމުމުގައި ބޭނުންކުރާ އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކިންގ ފްރޭމްވޯކުގެ ސަބަބުން މަސައްކަތްދާގޮތް ބެލުމަށް އެހީތެރިވެދޭނެއެވެ.

މީގެ އިތުރުން ދިމާވާ މައްސަލަތަކުގެ ސަބަބުންކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ހަމަޖެހިފައިވާ ހަރުދަނާ އުސޫލުގެދަށުން މަސައްކަތް ހައްލުވެގެންދާ އިރު، މައްސަލަ ހައްލުކުރުވޭ ސްޕީޑް އަވަސްވުމަށް މަގުފަހިވެގެންވެސްދާނެއެވެ.
ހަމަމިއާއެކު މި ސިސްޓަމްގެ ދަށުން ލިޔެވިފައިވާ ކުންފުނި ހިންގުމުގެ ގަވާއިދާއި އުސޫލުތަކުގެ ސަބަބުން ކުންފުނީގެ މުއައްޒަފުންނަށް މަސައްކަތްތަކަށް އަހުލުވެރިވުމަށް ފަސޭހަވެސްވާނެއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މިއަދު އޮންލައިން