މާރާމާރީތައް ގިނަވެ، މީހުން މެރުން ވެސް އިތުރުވަނީ.

ކިޔުމަށް ހޭދަވާނީ 2މ 19ސ
މާރާމާރީތައް ގިނަވެ، މީހުން މެރުން ވެސް އިތުރުވަނީ.

ރާއްޖޭގެ ވެރިކަން ކުރާ ރަށް "މާލެ" އަކީ މީހުން ގިނަ، އެއްގަމު އުޅަނދު ފަހަރުވެސް އެހާމެ ގިނަ އެއްތަނެވެ. ދަންވަރު ބޭރަށް ނިކުތް ކަމުގައި ވިޔަސް އެއްޗެއް ނުދުއްވާ އިރަކާއި، ނުވަތަ މަގުމަތީގައި މީހަކު ނޫޅޭނެ އިރަކާއި ވަރަށް ދިމާނުވާނެއެވެ.

އެއްޒަމާނެއްގައި މާލޭގެ މަގުތަކަކީ ވަރަށް ވެސް އަމަން އޮމާން ތަނެކެވެ. ރައްކާތެރި ތަނެކެވެ. ދަންވަރު ބޭރުގައި އުޅުނަސް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިޙުސާސެއް ވެސް ނުކުރެވޭ ތަނެކެވެ. އެހާވެސް ރައްކާތެރިވެފައި އަމާނެވެ.

ނަމަވެސް އެއީ މީގެ 40 ވަރަކަށް އަހަރު ކުރިން މާލޭގެ ހާލަތުކަމަށް ވެދާނެއެވެ. ޒަމާން ބަދަލު ވަމުން ވަމުން ގޮސް މިހާރު މާލެ އަކީ "އަމާން" ތަނެކޭ ނުބުނެވޭހާ ވަރަށް ކަންތައްތައް މިވަނީ ގޮސްފައެވެ. ވައްކަމާއި ފޭރުން ގިނަވެފައިވާއިރު، އެކަމުގައި އަންހެނުންނާއި ފިރިހެނުން، އަދި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަ ކުދިން ވެސް އުޅެއެވެ.

މާލޭގައި މިހާރު އެންމެ އާއްމުވެފައިވާ އަދި އެންމެ ބިރުވެރި އަނެއް މައްސަލައަކީ މާރާމާރީގެ މައްސަލައާއި މީހުން މެރުމުގެ މައްސަލައެވެ. ގްރޫޕް ހަދާފައި ބޮޑެތި "ގޭންގު" ތަކުން، ބޮޑެތި ލަޓިބުރިއާއި ދަގަނޑު ހޮޅި ހިފައިގެން ގޮސް އެކަކު އަނެކަކު ގައިގާ ތަޅާ ޒަޚަމް ކޮށްލާއިރު، އެލޭތައް އޮހޮރޭ މަންޒަރު ފެނުމުން އެމީހުންގެ ހިތައް ހަމަ ކެތްވާކަމޭ އަޅުގަނޑު ހިތައް އަރައެވެ. ތޫނު އެއްޗެހިން މީހުންގެ ބޮލަށާއި ބަނޑަށް ހަމަލާދީ އެމީހުންގެ ފުރާނަ ދުއްވާލާއިރު ހީވަނީ އެމީހުން ދުނިޔެއަށް ފޮނުވީ ހަމައެކަނި އެކަމަށް ހެންނެވެ.

ޤައުމުގެ ހާލަތު މިފަދަ ގޮތަކަށް ގޮސްފައިވާއިރު، މިކަމާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރައްޔިތުން ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރާކަން ވެސް ފާހަގަ ކުރަމެވެ. އެކަމާއި ގުޅިގެން އަދި އެދެވޭ ނަތީޖާއެއް ނުލިބުން ކަމުގައި ވިޔަސް، އެބޭފުޅުންގެ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ވައްޓާލާކަން ވެސް ފާހަގަ ކުރަމެވެ. ނަމަވެސް މިފަދަ ކަންކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަދި އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ.

މާލެ އަކީ އެކި މީހުން އެކި ވަގުތުތަކުގައި ވަޒީފާއިން ނިމިގެން އެމީހުން ދިރިއުޅޭ ތަންތަނަށް ދާތަނަކަށް ވާއިރު، މާލޭގެ މަގުތައްމަތި މިފަދަ ބިރުވެރި ކަމެއްގައިވުމުން އޭގެ އަސަރު އެކި ގޮތްގޮތުން ރައްޔިތުންނަށް ކުރެއެވެ. އެންމެ ބޮޑަށް ކުރާ އަސަރަކީ، މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރެވެ. އަތް ދަބަހެއް ޖަހައިގަންނާނީ، ނުވަތަ ކަޓަރެއް ފަދަ އެއްޗެއް ދައްކާ ބިރުދައްކާނީ ކޮން އިރަކުން ކަމެއް ނޭނގޭނެއެވެ. މީހަކު އައިސް ހަމަލާއެއް ދޭނީ ވެސް ކޮން ފަރާތަކުން އައިސް، ކޮން ގޮތަކަށް ތިބެ ކަމެއް ވެސް ނޭނގޭ ހާލަތަށް މިވަނީ ކަންތައް ގޮސްފައެވެ.
ދުޢާއަކީ މިނުރައްކަލުން މިޤައުމު ވީހާވެސް އަވަހަށް ސަލާމަތްވެ، މިބިރުވެރިކަން މަގުތަކުންނާއި މީހުންގެ ހިތްތަކުން ފިލައިގެން ދިޔުމެވެ.

މިއަދު އޮންލައިން