ޕްރަމޯޝަން ފެށުމަށް ކަށަވަރު ޝޯރޫމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޖެނެރަލް މެނޭޖަރު އިސްމާޢީލް އަދުހަމް ވިދާޅުވީ މި ޕްރަމޯޝަނަކީ ޔަންމާރ އިންޖީނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރަމޯޝަނެއް ކަމަށާއި މި ޕްރަމޯޝަނުގެތެރެއިން އިންޖީނުގަތުމަށްފަހު ވަގުތުން ފައިސާ ދައްކާ ފަރާތްތަކަށް ވަރަށް ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
"މިދިއަ އަހަރު ކުރިއަށް ގެންދިއަ ސާބަސް ޕްރަމޯޝަނަށްވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބި 50 އަށްވުރެ ގިނަ އިންޖީނު ވިކުނު. މިއަހަރުގެ ޕްރަމޯޝަން ޚާއްޞަ މިކުރަނީ 60 ހޯސްޕަވަރުން ފެށިގެން 255 ހޯސްޕަވަރުގެ އިންޖީނުތަކަށް. މިއިން ކޮންމެ ސައިޒެއްގެ އިންޖީނެއް ގަތް ނަމަވެސް ޑިސްކައުންޓް ލިބޭނެ. ފައިސާ އިން ބަލައިފިނަމަ 40،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާ އާއިި ދެމެދުގެ ޑިސްކައުންޓް ކޮންމެ އިންޖީނަކުންވެސް ލިބޭނެ."
އެމްޓީސީސީގެ އެގްޒެކަޓިވް އިސްމާޢީލް ފާރިޤް ވިދާޅުވީ މިފަހަރުގެ ޕްރަމޯޝަނުގެ މުއްދަތު މިހައި ދިގުކުރެއްވީ އަތޮޅުތަކުގެ ކަސްޓަމަރުންނަށް ވީހައި ބޮޑު ފުރުޞަތެއް ދެއްވުމަށް ކަމަށެވެ. "އަތޮޅުތަކުގައި އެމްޓީސީސީގެ ބައިވެރިވުން ވަރަށް ބޮޑުވާނެ. އަތޮޅުތަކާއި އަޅުގަނޑުމެންނާއި ވަރަށް ގާތް ގުޅުމެއް އޮންނާނެ. އެެހެންވީމާ މި ޕްރަމޯޝަނުގެ މައުލޫމާތު އަތޮޅުތަކަށް ވަރަށް ފުރިހަމަށް ފޯރުކޮށްދެވޭނެ."
ފާރިޤް ވިދާޅުވީ އިންޖީނާއިއެކު އިތުރު ތަކެތި ލިބޭ ގޮތަށް ކުރިއަށް ގެންދިއަ ޕްރަމޯޝަން ވަރަށް ކާމިޔާބު ކަމަށާއި މި ފަހަރުގެ ޕްރަމޯޝަން ބޮޑެތި ޑިސްކައުންޓްތަކަށް އަމާޒުކުރެއްވީ ކަސްޓަމަރުންގެ ޚިޔާލުތަކަށް ބައްލަވައިގެން ކަމަށެވެ.
ޔަންމާއަކީ ރާއްޖޭގައި އެންމެ މަޤްބޫލް "ބްރޭންޑް" ކަމަށްވާތީ އެކަން އެގޮތުގައި ދަމަހައްޓަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި މިފަދަ އިތުރު ޕްރަމޯޝަންތައް އިތުރަށް ކުރިއަށް ގެންދަވާނެ ކަމަށްވެސް ފާރިޤް ވިދާޅުވިއެވެ. "ޕްރަމޯޝަނުގެ މައުލޫމާތު އަތޮޅުތަކުގައި ހަރަކާތްތެރިވާ އަޅުގަނޑުމެންގެ ޓީމުތަކުން ފޯރުކޮށްދޭނެ. ހުރިހާ ކައުންސިލް އިދާރާތަކަށްވެސް މިގެންދަނީީ މައުލޫމާތު ފޯރުކޮށްދެމުން. މީގެ އިތުރުން މީޑިއާ މެދުވެރިކޮށްގެންވެސް އަޅުގަނޑުމެން ގެންދާނީ ޕްރަމޯޝަނުގެ މައުލޫމާތުތައް ފަތުރަމުން" ކަމަށްވެސް ފާރިޤް ވިދާޅުވިއެވެ.