އަތްކަނޑަން ފަށައިފިނަމަ މީހުން މެރުމާ ކަޓަރު އެޅުން ހުއްޓޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
އަތްކަނޑަން ފަށައިފިނަމަ މީހުން މެރުމާ ކަޓަރު އެޅުން ހުއްޓޭނެ!
ވައްކަންކުރާ މީހުންނާއި މަގުފޭރޭ މީހުންގެ އަތް ކަނޑަން ފަށައިފިނަމަ މީހުން މެރުމާއި ކަޓަރުއެޅުން ހުއްޓޭނެއެވެ.

ރާއްޖޭގައި މީހުން މަރާފައިވާ އަދަދުތަކަށްބަލާއިރު ވަރަށް މަދުން ނޫނީ މީހުން މަރަނީ ގޭންގްތަކަށް ނިޞްބަތްވާ މީހުންނެވެ. އެމީހުން އެންމެ ފުރަތަމަ ކުރަން ފަށަނީ އެކަންކަމެއް ނޫނެވެ. މީހުން މެރުމެއް ނޫނެވެ. އެހިސާބަށް ދަނީ ވަރަށް ގިނަ ޓްރޭނިންގތަކަށްފަހުއެވެ. އެގޮތުން ފުރަތަމަ ބުރުގައި ޓްރޭނިންގ ހޯދާ ކަންކަމުގެ ތެރޭގައި ވައްކަން ކުރުމާއި މަގުފޭރުން ހިމެނެއެވެ. އެހެންކަމަށްވާއިރު ވައްކަންކޮށް މަގުފޭރޭ މީހުންނަށް ޙައްޤު އަދަބު ދީ އަތްކެނޑުން ތަންފީޒުކުރާނަމަ ފުރަތަމަ މަރުހަލާ ފުރިހަމައެއް ނުކުރެވޭނެއެވެ. ދެވަނަ މަރުހަލާއަށް ޕްރަމޯޓުވުމުގެކުރިން އިޞްލާޙްކުރެވޭނެއެވެ.

ޤިޞާޞް ހިފުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަށް ދެކޮޅެއް ނުހެދޭނެއެވެ. ޤިޞާޞް ހިފަން ހަމައެކަނި ކުރަން އޮތް ކަމަކީ މަރަށް މަރުހިފުމެއް ނޫނެވެ. ޤިޞާޞް ހިފުމަކީވެސް މާތް ﷲ ގެ ހައްދެކެވެ. ޒިނޭކުރުމުން ހައްދުޖެހުމާއި ރަޖަމްކުރުމާއި ވައްކަންކުރުމުން އަތްކެނޑުމަކީވެސް ހަމަ މަރަށްމަރު ހިފުމަށް އަމުރުފުޅު ކުރެއްވެވި މާތްﷲ އަމުރުފުޅު ކުރައްވާފައިވާ ކަންކަމެވެ.

ހައްދުޖެހުމަކީ ސިއްރުން ކޮޓަރިއެއްގައި ކުރަން އޮތް ކަމެއް ނޫނެވެ. އެއީ ވީހައި ގިނަ ބައަކަށް އަންގައި ހާމަކަން ބޮޑު ތަނެއްގައި ކުރަންޖެހޭ ކަމެކެވެ. ހައްދު ޖަހަނީ މީހަކަށް އަނިޔާކުރުމަކަށް ނޫނެވެ. އެހެން މީހުންނަށް އިބްރަތަކަށެވެ.

ސައުދިއަރަބިޔާއަށް ބެލި ނަމަވެސް ހައްދު ޖަހަން ހުކުމް ކުރާއިރު ބައިބައަށް ބަހައިގެން އެތައް ތަނެއްގައި ހައްދު ތަންފީޒުކުރަން ޙުކުމްކުރެއެވެ. މީހުން އެންމެ ގިނަވާ ވަގުތު މާރުކޭޓުތަކުގައި ހައްދުޖެހުމަށްވެސް ހުކުމުގައި ހިމަނައެވެ. މިފަދަ އަަދަބުތަކަކީ މަރުގެ އަދަބަށްވުރެ މާ ލުއި އަދި މާފަސޭހައިން ކުރެވެން ހުރި ކަންކަމެވެ.

ރާއްޖޭގައި ހިންގާ މާރާމާރީތަކާ މީހުން މެރުން ހުއްޓުވަން ހަމަ އެންމެންވެސް ބޭނުންވެއެވެ. ނަމަވެސް ވިސްނައިލަންވީ މާތްﷲ ބާވައިލެއްވެވި ހައްދަކީ ހަމައެކަނި ޤިޞާޞްފުން ނޫން ކަމެވެ.

ޤިޞާޞް ހިފާފައި އެހެން ހައްދުތައް މާތްﷲ އެންގެވި ގޮތުގައި ޤާއިމު ނުކުރާ ނަމަ އެއީ މާތް ﷲ ގެ ޙުކުމްފުޅުތަކުގެ ތެރެއިން ބައަކަށް އަމަލުކޮށް އަނެއް ބައަށް އަމަލު ނުކުރުން ކަމަށް ނުވާނެބާވައެވެ!

ހަމައެއާއިއެކު ވިސްނާލަންޖެހޭ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް މިހައިވަރަށް މިހުރީ ހަމަ ރައްޔިތުންގެ ޖާހިލުކަން ބޮޑުކަމުން ބާވައެވެ!

ތައުޒީރު ކުރުމާއި އަތް ކެނޑުން ފަދަ ކަންކަމަށްވުރެ މަރުގެ އަދަބު ތަންފީޒުކުރުމުގެ ނުރައްކައުތެރިކަން މާބޮޑެވެ. އެއީ މީހެއްގެ ފުރާނަ ހައްޤު ނޫން ގޮތުގައި ގިއްޖެނަމަ އަނބުރައި އިޢާދަ ނުކުރެވޭނެތީއެވެ. އެހެން ކޮންމެ އަދަބަކީވެސް އިންސާފުވެރި ބަދަލަކުން ހަމަޖެއްސިދާނެ ކަންކަމެވެ.

ކަންމިހެން އޮތްއިރު އެންމެ ފުރަތަމަ ކުނބުގެ ކުރިއަށް އަރަން ފުންމައިގަތުމުގެ ބަދަލުގައި ކުނބުގެ ބުޑުން ފެށިގެން މައްޗަށް އަރަން މަސައްކަތްކުރުން ރަނގަޅުނުވާނެބާވައެވެ! މަރަށް މަރު ހިފުން ނޫން ހައްދެއްގެ ވާހަކަ ރާއްޖޭގައި ނުދައްކަނީ އެހެން ހައްދުތައް ރާއްޖެއިން ޤަބޫލުނުކުރާތީ ބާވައެވެ! މިއީ ހަމަ ހުރި ސުވާލުތަކެވެ.
މިއަދު އޮންލައިން