ﷲ ވަނީ މި ޙަޔާތާމެދު ހެއްލުންތެރި ނުވުމަށް އާދަމުގެ ދަރިޔާއަށް އިންޒާރު ކުރައްވާފައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚިޠުބާގައި އިމާމު ވިދާޅުވީ ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް ކަމަށެވެ. ޙައްޖުވެރިޔާ އިޙްރާމް ބަންނަ ހިސާބުން ގޮސް ޙައްޖުގެ މަނާސިކުތައް ނިމެންދެން ކުރިއަށްދާ ގޮތަށް އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތުކުރަމުންދާ ކަމަށެވެ.
ޙައްޖުގެ އަޅުކަމަކީ އެހެން އަޅުކަންތަކާއި ޚިލާފަށް ބުރަ އެކަމުގައި އިންސާނާގެ މުދަލާއި ދަތުރުފަތުރުކުރުން ހިމެނޭ އަޅުކަމެއްކަމަށާއި ކެތްތެރިކަމާއި ޙުޝޫޢަތްތެރިކަމާއި މަޑުމައިތިރިކަމަކީ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ވަރަށް މުހިންމު ސިފަތަކެއް ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޚުޠުބާގައި އިމާމު ވިދާޅުވީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހު ޢަރަފާތުގައި ހުރުންކަމަށެވެ.
ފުރިހަމަގޮތުގައި ޙައްޖު އަދާކުރުމަށްފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެގޮތުން ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުމަށް މަސަތްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޙައްޖުގެ އަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށްފަހު އެންމެ މުހިންމު ކަމަކީ ހެޔޮޢަމަލުކުރުންމަތީ ދެމިތިބުން ކަމަށްވެސް ވަނީ ބުނެފައެވެ.