ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ބޭނުންފުޅުވާ ޞިއްޙީ ފަރުވާ ނުލިބި ލަސްވާ ކޮންމެ ސިކުންތަކީ އެމަނިކުފާނުގެ ފުރާނަފުޅަށް އޮތް ނުރައްކަލެއްކަން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ދިން ލިޔުމުން މިވަނީ ހާމަވެފައެވެ.
ޖުލައި މަހުގެ 16 ވަނަ ދުވަހު އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅަށް ކުރިމަތިވި މައްސަލަތަކާއި ގުޅިގެން ފުރަތަމަ އެޑްމިޓް ކުރެވުނީ މެޑިކާ އަށެވެ. އެތަނުގެ ޑޮކްޓަރުންވެސް ބުނެފައިވަނީ އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅާއި ގުޅިގެން ވީހައި އަވަހަކަށް ރާއްޖެއިން ބޭރުން ފަރުވާ ބޭނުންވާ ކަމަށެވެ.
އެކަމާއި ގުޅިގެން ފުރާ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން އެނގިވަޑައިގަތީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ދައުވާ އާއި ގުޅުވައި އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމެވެ.
ފުރާވަޑައިގަތަ ނުދިނުމުން އެއާPޯޓުން ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްވެވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ. އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް ބުނެފައިވަނީ އެމަނިކުފާނުގެ ހިތްޕުޅުގެ ޚާއްޞަ ސްކޭނެއް ހަދަން ޖެހޭ ކަމަށާއި ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ފަރުވާ ބޭނުންވާ ކަމަށެވެ.
މިކަންކަމާއި ގުޅިގެން އެމަނިކުފާނަށް ބޭނުންފުޅުވާ ޞިއްޙީ ފަރުވާ ހޯއްދެވުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމުގެ ހުއްދައަށް އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓިގައި ވަނީ ތަކުރާރުކޮށް އެދިފައެވެ. ސްޕްރީމް ކޯޓުގައި ވެސް ވަނީ އެދިފައެވެ.
ކުރިން ލިޔުން ދިން ދެ ފަރާތަކީ ކިތަންމެ ކުރިއަރާފައިވީނަމަވެސް އަމިއްލަ ދެ ހޮސްޕިޓަލެވެ. ނަމަވެސް މިހާރު އެވަނީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުންވެސް ލިޔުންދީފައެވެ. ޤާސިމް އިބްރާހީމްއަށް ދޭންޖެހޭ ފަރުވާ ރާއްޖެއިން ދެވެން ނެތް ކަމަށެވެ.
ކުރައްވަންޖެހިވަޑައިގަންނަވާ ހިތްޕުޅުގެ އޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތް ކަމަށާއި ތަޖުރިބާކާރު ޕްރޮފެޝަނަަލް ޑޮކްޓަރުންެގެ ފަރުވާއަށް ބޭނުންވާ ކަމަށެވެ.
ފުރާނައަށް ބަލާއިރު ކޮންމެ މީހެއްގެ ފުރާނައަކީ އެންމެ މުހިންމު އެއްޗެވެ. އެހެން ކޮންމެ އެއްޗެއް އަނބުރައި ހޯދުނު ނަމަވެސް ފުރާނައަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ދިރިހުރުމުގެ ހައްޤަކީ އެންމެ މުހިންމު ހައްޤެވެ. ގެއްލިއްޖެނަމަ ހަމައެކަކަށްވެސް އަނބުރައި ހޯދޭނެ ހައްޤެއް ނޫނެވެ.
މީހުން މެރި ކަމަށް ވަނީ ވަޅިއަކުން ކަތިލައި މެރުމަކުން ނޫނެވެ. އަދި ބަޑިޖަހައި ނުވަތަ ބޮންއަޅައި މެރުމަކުންވެސް ނޫނެވެ. އިންސާނަކު ދިރިހުރުމަށްޓަކައި ބޭނުންވާ ބޭސް ފަރުވާ ކުރިއަ ނުދީ އެކަމަށް ހުރަސް އަޅަމުން ދަނިކޮށް އެމީހެއްގެ ފުރާނަ ހިނގައްޖެނަމަ އެކަމަށް ހުރަސް އެޅި އެންމެން ވާނީ އޭނާގެ ޤާޠިލުންނަށެވެ. މިއީ ސާފުކޮށް އިސްލާމް ދީނުން އެނެގެން އޮތް ކަމެކެވެ. ކީރިތި ޤްރްއާނުން ސާބިތުވާ ކަމެކެވެ.
ރާއްޖޭގެ ކޮންމެ ފަނޑިޔާރަކީ ވެސް އަދި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ވެސް މުސްލިމުންނެވެ. މަރުވާނެކަން ޤަބޫލުކޮށް ޝަހާދަތްކިޔާ މީހުންނެވެ. އާޚިރަތް ދުވަސް އަންނާނެ ކަމާއި އެދުވަހު ހަމަ އެކަކަށް ވެސް މަޅިއެއް ޖަހައި މާތް ﷲ އަށް އޮޅުވާލައިގެން ނަރަކައިން ސަލާމަތް ނުވެވޭނެކަން ޔަޤީންކުރާ މީހުންނެވެ. ޤަޞްދުގައި މީހަކު މެރި އަދި އެކަމުގައި ބައިވެރިވި މީހުންނަށް ހުރިތަނަކީ ނަރަކަކަން އެއީ ކީރިތި ޤްރްއާނުން ސާބިތުވާ ކަމެކެވެ.
ޤާސިމް އިބްރާހީމްގެ ޢާއިލާއިން ވަނީ ކޮންމެ ޝަރުޠަކާއިއެކުގައި ނަމަވެސް ޤާސިމް އިބްރާހީމްގެ ފަރުވާއަށް ފޮނުވައި ދިނުން އެދިފައެވެ. އެހެންކަމަށްވާއިރު މިއަދާއި ހަމައަށްވެސް އެކަން ހަމަނުޖެހި އޮތުމަކީ ދިވެހި ރައްޔިތުންގެ ގިނަބައަކު ކަންބޮޑުވާ ކަމެކެވެ.
ޤާސިމް އިބްރާހީމް އަކީ ރާއްޖޭގެ ތާރީޚަށް ބެލި ނަމަވެސް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ބޭސްފަރުވާ ކޮށްދެއްވި ދީލަތި އިޚްލާޞްތެރިޔާއެވެ. އެމަނިކުފާނަށް ބޭސްފަރުވާ ކުރައްވަންޖެހިވަޑައިގެންނެވި ދުވަހު ކަންތައްތައް ވަމުން މިދާ ގޮތާއިމެދު ދިވެހިރައްޔިތުން އިންތިހާއަށް ކަންބޮޑުވެއެވެ.
އެމަނިކުފާނުގެ ހާލުކޮޅަށް ފާޑުކިޔައި މިސަރުކާރުގެތެރޭގައި ތިބި އިންސާނިއްޔަތުކަމެއް އެއްވެސް ވަރަކަށް ނެތް ބައެއް އަނިޔާވެރިން ވަނީ ތަފާތު މަލާމާތުގެ ބަސްތައް ބުނެފައެވެ. އެއިރު ލިޔުން ދީފައި އޮތް ދެ ފަރާތަކީ އަމިއްލަ ދެ ހޮސްޕިޓަލެވެ. މިހާރު އެވަނީ ސަރުކާރުގެ މައި ހޮސްޕިޓަލުން ލިޔުން ދީފައެވެ. އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ކަށަވަރުުކޮށްދީފައެވެ.
ކީރިތި ޤްރްއާނުގެ ހަޤީޤަތް އެންމެ ރަނގަޅަށް އެނގިތިބެމެ ޤަބޫލުނުކޮށް ފުރައްސާރަކުރި އަބޫޖަހުލާއި ޔަހޫދީން ފަދަ މީހުން މިކަމުގައިވެސް އަދިވެސް ބަސްތައް ބުނާނެއެވެ. ފުރައްސާރަ ކުރާނެއެވެ. އެމީހުން ބަލިވާނެ ދުވަހެއް ނާންނާނެކަން އެމީހުންނަށް ޔަޤީންވާތީއެވެ. ދާއިމަށް ބޮޑެތި މަޤާމުތަކުގައި ތިބެވޭނެކަމުގެ ޔަޤީންކަން ކާހިނުން ދީފައިވާތީއެވެ.
ޤާސިމް އިބްރާހީމްގެ ޞިއްޙީ ޙާލުކޮޅަށް ފަރުވާ ހޯއްދަވަން ވަޑައިގަނަނަވާނެ އިތުރު ހޮސްޕިޓަލެއް މިހާރު ރާއްޖެއަކު ނެތެވެ. ރާއްޖޭގައި ހުރި ހުރިހާ ހޮސްޕިޓަލުތަކުން މިވަނީ އެމަނިކުފާނަށް ބޭނުންފުޅުވާ ފަރުވާ އެއިން އެއްވެސް ހޮސްޕިޓަލަކުން ދެވެން ނެތް ކަމަށް ބުނެފައެވެ.
ޤާސިމް އިބްރާހީމްގެ ވަކީލުންނާއި ޢާއިލާގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ސަރުކާރަށާއި ޝަރުއީ ކޯޓުތަކަށް ކުރަމުން ގެންދާ އާދޭހަކީ މާތް ﷲ އަށްޓަކައި ނަމަވެސް ޤާސިމް އިބްރާހީމް އަށް ބޭނުންފުޅުވާ ފަރުވާއަށް ހުރަސް ނުއެޅުމެވެ. އެމަނިކުފާނުގެ އާލާސްކަންފުޅަކީ އިންތިހާއަށް ސީރިއަސް އާލާސްކަންފުޅަކަށްވާތީ އެމަނިކުފާނުގެ ފަރުވާއަށް ފުރާވަޑައިގަތުމުގެ ހުއްދަ ވީހައި އަވަހަކަށް ދެއްވުމަށެވެ.