ދެކެމުންދިޔަ އުފާވެރި ހުވަފެންތަށް ވިއްސި ވިހާލި ކޮށްލީ ލޯބިވެރިޔާގެ ކުރީގެ ފިރިމީހާ

ކިޔުމަށް ހޭދަވާނީ 2މ 7ސ
ދެކެމުންދިޔަ އުފާވެރި ހުވަފެންތަށް ވިއްސި ވިހާލި ކޮށްލީ ލޯބިވެރިޔާގެ ކުރީގެ ފިރިމީހާ
ޖުލައި މަސް ނިމިގެން ދިޔައީ ވަރަށް ގިނަ ކަންތައްގަނޑެއް އެމަހުގައި ހިނގުމަށްފަހުއެވެ. ބައެއް މީހުންނަށް ވޭނާއި ހިތްދަތިކަމުން ފުރިގެންވާ މަހެއް ކަމުގައި ވެސް ޖުލައި މަސް ވެގެން ގޮސްފައިވެއެވެ.

އެގޮތުން އެމަހުގެ 31 ވަނަ ދުވަހުގެ ރޭ، މާލޭގައި ހިނގި ބިރުވެރި އަދި އެހާމެ ހިތްދަތި އެއް ހާދިސާއަކީ ރ. އަތޮޅު ފެރީ ލޯންޗުގެ ޒުވާން ކެޕްޓަން، އުމުރުން 25 އަހަރުގެ މުޙައްމަދު އަނަސް، ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ހިތާމަވެރި ހާދިސާއެވެ.

ދަތުރުވަރެއްގައި އަނަސް މާލެ އައީ، އެއީ އޭނާގެ ޙަޔާތުގައި ކުރާނެ އެންމެ ފަހު ދަތުރުކަމުގައި ވާނެކަމަށް ހީކޮށެއް ނޫނެވެ. އަދި ހަތިޔާރެއްގެ ތޫނު މިޔަތަކުގެ ޝިކާރައަކަށް ވެގެންދާނެ ކަމުގެ ޙިޔާލެއްގައެއް ވެސް ނޫނެވެ.

މިދުނިޔެއަށް އަލްވަދާއު ކިޔާ ލޯމަރާލީ، ދިރިއުޅުމުގައި ފޮނި އުންމީދުތަކަކާއި ހުވަފެންތަކެއް ދެކެމުން ދަނިކޮށެވެ. އަނަސް ވީ ލޯތްބެވެ. ބޭނުންވީ ލޯބިވެރިޔާގެ ކުރީގެ ފިރިމީހާ، އެމަންޖެއަށް ދިން ވޭނާއި ތަދުތަކުން ލޯބިވެރިޔާ ސަލާމަތްކޮށް، އުފާވެރި އައު ޒަވާޖީ ޙަޔާތެއް ލޯބިވެރިޔާއާއިއެކު ފަށާށެވެ. ބޭނުންވީ، ލޯބިވެރިޔާގެ ކުރީގެ ފިރިމީހާ އެމަންޖެއަށް އަނިޔާކޮށް ނަފްސާނީ ގޮތުން ވެސް ދިން ބިރުވެރިކަމުން ސަލާމަތް ކުރާށެވެ. އެކީ އުމުރަށް އުޅޭނެ ކަމަށް ވައުދުވެ، ލޯބިވެރިޔާގެ އަތުގައި ހިފީ، ކުރީގެ ފިރިމީހާ ހަމައިން ނައްޓައިގެން އައިސް ހަމަލާދޭނެ ކަމަކަށް ނޫނެވެ.

އަނަސްގެ އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަނަސް މަރާލީ އެއަންހެން ކުއްޖާގެ ކުރީގެ ފިރިމީހާއެވެ. އަދި އެއީ މާލޭގެ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށް ވެސް އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. އެމީހާ ދިން އިންޒާރުތަކަށް އަނަސް ބީރުކަންފަތެއް ދިނީ، ދުވަހެއްގައި ވެސް ލޯބިވެރިޔާ ދޫނުކޮށްލަން ނިޔަތް ކަނޑައަޅައިގެންނެވެ.

ގިނަ މީހުންގެ ފަރާތުން އެނގުނު ގޮތުގައި އަނަސް އަކީ ސާދާ ރީތި މިޒާޖެއްގެ ވެރިއެކެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެފައެވެ. އެއުމުރުގެ ގިނަ ފިރިހެނުން ކަންނެތްވެފައި ގޭގައި އޮންނައިރު، އަނަސް އަބަދުމެ އުޅުނީ ކަނޑުމަތީގައި، ބުރަ މަސައްކަތުގައެވެ.

ޒަވާޖީ ޙަޔާތެއް ފަށަން ތައްޔާރުވީ ވެސް އަމިއްލައަށް ކުރި ބުރަ މަސައްކަތުން، އަމިއްލަ ފައިމައްޗަށް ތެދުވެ ހުރެއެވެ. އޭނާއަކީ ހިތްވަރުގަދަ ހަރުދަނާ ފިރިހެނެކެވެ.

ނަމަވެސް މިދުނިޔެއަށް އަލްވަދާއު ކިޔާ ލޯބިވާ އެންމެންގެ ލޮލުން ލޭކަރުނަ ފޫއްދާފައި ދާން ޖެހުނީ، އޭނާގެ ވެސް އަދި އޭނާގެ ލޯބިވެރިޔާގެ ވެސް އެއްވެސް ކުށެއް ނެތިއެވެ. އަނަސްގެ ގާތިލުން އޭނާ ކޮށާލީ، އޭނާއަށް ލިބެމުންދިޔަ އަދި ލިބެން އުޅުނު އުފަލެއްގެ ހުރަހަކަށް ވަނުމަށްޓަކައެވެ. އޭނާގެ ހިތުން އެލޯބި ފުހެލުމުގެ ނިޔަތުގައެވެ.


މިއަދު އޮންލައިން