މަރާލި ނަމަވެސް މިކްސަރަކުން ގިރާ ދިޔަފެލި ނަމަވެސް ޤާސިމްގެ ކޮންމެ ލޭތިއްކަކީވެސް ޤައުމު ފަޚުރުވެރިވާ ލޭތިއްކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
މަރާލި ނަމަވެސް މިކްސަރަކުން ގިރާ ދިޔަފެލި ނަމަވެސް ޤާސިމްގެ ކޮންމެ ލޭތިއްކަކީވެސް ޤައުމު ފަޚުރުވެރިވާ ލޭތިއްކެއް!
މިއަދުު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެވެ. ފެހި "މިއަދު" 2008 ވަނަ އަަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ފެހި ޤާނޫނު އަސާސީ ވުޖޫދަށް ގެނެވި ތަޞްދީޤު ކުރެވެންދެން އެ ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޤާސިމް އިބްރާހީމްއަށް ލިބިވަޑައިގެންނެވިއިރު އެކަމުގައި އެހައިތަނަށް ފާއިތުވި 3 އަަހަރު ދުވަހުގެ ތެރޭގައި ޤާނޫނު އަސާސީ ޑްރާފްޓް ކުރުމަށް ހަމަ އެންމެ އަކުރެއްވެސް ލިޔެވިފައެއް ނުވެއެވެ. ކަން އެހާލަތުގައި އޮތް ނަމަވެސް 2 އަހަރެއްހައި ދުވަހުގެ ތެރޭގައި މުޅި ޤާނޫނު އަސާސީ ލިޔެވި ތަޞްދީޤް ކުރެވިގެންދިއައީ އެކަމަށްޓަކައި ޤާސިމް އިބްރާހީމް ކުރެއްވެވި މިންނަތް މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

ޤާނޫނު އަސާސީ ޑްރާފްޓްކުރެވުނީ އެކަމަށްޓަކައި ވަރުގަދަ ޖިހާދުތަކެއް ކުރެވިގެންނެވެ. މަޖިލީހުގެ މެޖޯރިޓީ އާއި ހުރިހާ ބާރުތަކެއް އޮތީ ސަރުކާރަށެވެ. ދެން ތިބީ އިދިކޮޅު މެންބަރުންނެވެ. މަދު އަދެއްގެ އެމްޑީޕީ މެންބަރުން ކޮޅެކެވެ.

ޤާސިމް އިބްރާހީމް ރިޔާސަތުގައި ނުވަތަ މަޖިލީހުގައި ހުންނެވީ ގިނިކަންޏާއެވެ. އެމަނިކުފާނުގެ ޕާޓީއެއް އަދި މެންބަރުންނެއް ނެތެވެ.

ޤާނޫނު އަސާސީ އެކުލަވައިލުމުގައި ސަރުކާރާއި އެމްޑީޕީގެ ޚިޔާލު އުޑާއި ބިމާހައި ތަފާތެވެ. އެއްވެސް ފަރާތަކުން ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ. އެއްވާނަކަށް ދަމައި ބާރުކޮށްގެންނެވެ. ދެން އިތުރަށް ހަމަ ކުޑަ ބާރުކޮޅެއް ލީ ނަމަވެސް ވައު ކެނޑޭހައި ބާރުކޮށްގެންނެވެ.

އެހާލަތުގައި އޮތް މަޖިލީހެއްގެ ތެރެއިން ކަންކަން ނިންމަވަން އެދުވަހު ޤާސިމް އިބްރާހީމް ކުރެއްވެވި މަސައްކަތްޕުޅުތަކަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ކުރެވުނު އެންމެ މަތިވެރި އަދި އެންމެ ވަރުގަަދަ ޖިހާދެވެ.

މިކަންކަމަކީ ރާއްޖޭގެ ތާރީޚުގައި ރަން އަކުރުތަކުން ލިޔެވި ފަވާލެވިފައިވާ ކަންކަމެވެ. އެކަންކަން ތާރީޚުން ފޮހެލުމަށްޓަކައި މަތިން ރޮންދާ އެޅި ނަމަވެސް އެކަމެއް ނުވާނެއެވެ. ކަނޑައި ބިންވަޅުވެސް ނަގާފައިވާތީއެވެ.

ފެހި ޤާނޫނު އަސާސީ ވުޖޫދަށް ގެނެސް ދެއްވި ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޤައުމީ ފަހުލަވާނު މިއަދު އޮންނެވީ އެނދުމަތިވެވަޑައިގެންފައެވެ. އެހައިމެ ސީރިއަސް ހާލުކޮޅުގައެވެ. ކީރިތި ޤްރްއާނާއި ފެހި ޤާނޫނު އަސާސީ އިން ލިބިދީފައިވާ ބޭސްފަރުވާ ކުރުމުގެ ހައްޤުން މަޙްރޫމްކޮށްފައެވެ.

"ފުޜާނައަށް ދިރުން ދޭށޭ" ގޮވައި ދަރުސްތައް ބާއްވައި އަޑު އުފުލިނަމަވެސް ފުރާނައެއް ދުވާލުމުގައި ބައިވެރިވި ކޮންމެ މީހަކަށް އެކަމަށް ޙައްޤު ޖަޒާ މާތްﷲ ދެއްވަވާނެ ކަމަށް ދަރުސްގައި ބަޔާންކުރި ނަމަވެސް އަދި އެކަންކަމަށް ކީރިތި ޤްރްއާނުން ހެކިތައް ދެއްކި ނަމަވެސް އެއަޑު އިވޭ ހަމައެއްވެސް ފަރާތެއް ދިވެހި ދައުލަތަކުން އަދި ނުފެނެއެވެ. އެކަމަކުވެސް ޝަހާދަތް ކިޔަޔޯލައެވެ! ކީރިތި ޤްރްއާން ޤަބޫލުކުރާކަމަށްވެސް ބުނެޔޯލައެވެ! އަދި މާތްﷲގެ އަމުރުފުޅުތަކަށް ކިޔަންމަންވާ ކަމަށްވެސް ބުނެޔޯލައެވެ!

ބާރުހުރި ފަރާތްތަކަށް ޤާސިމް ިބްރާހީމް މަރައިވެސް ލެވިދާނެއެވެ. ކުދިކޮށް ކޮށައި މިކްސަރަކުން ގިރައިވެސް ލެވިދާނެއެވެ. ނަމަވެސް ހަށިކޮޅުން ފައިބާ ކޮންމެ ދިޔަ ތިއްކެއްވެސް ފަޚުވެރިކަމާއިއެކު ބުނާނީ މިއީ ދިވެހިންނަށް އެމީހުންގެ ހައްޤުތައް ހޯއްދަވައި ދެއްވުމަށްޓަކައި އަދި ދިވެހި ޤައުމުގެ ތަރައްޤީއަށާއި ނިކަމެތިންނަށް އޯގާތެރިވެވަޑައިގަތުމުގައި ޖާނާއި މާލުން ޤްރްބާންވެވަޑައިގެންނެވި ޤާސިމް އިބްރާހީމްގެ ހަށިކޮޅުން ފޭބި ފަޚުރުވެރި ލޭތިއްކެއް ކަމަށެވެ. އެތައް ހާސް ނިކަމެތިންގެ ބޭސް ފަރުވާއަށްޓަކައި އެމަނިކުފާނުގެ ހުސްނުވާ އާސަންދައިން ބޭސްފަރުވާ ކޮށްދެއްވި ޤާސިމް އިބްރާހީމްގެ ލޭތިއްކެއް ކަމަށެވެ. 2 ޕްލައިވުޑްގެ ސައިޒު ހަަމަނުވާ ކޮޓަރިކޮޅެއްގައި މިއަދާއި ހަމައަށްވެސް ދިރިއުޅުއްވަމުން އެތައް ހާސް ރައްޔިތުންގެ މުހުތާދުތައް ފުއްދަވައިދެއްވި ދީލަތި ޤާސިމް އިބްރާހީމްގެ ލޭތިއްކެއް ކަމަށެވެ.

ހަަމަ މިސަރުކާރުން ދިވެހި ޤައުމީ ބަޠޮލުގެ ޝަރަފު އެރުވި ޤައުމީ ބަޠޮލުގެ ލޭތިއްކެއް ކަމަށެވެ. ހަމައެއާއިއެކު "ޤާސިމް އިބްރާހީމްއަށް މީގެ ކުރީގެ ސަރުކާރުތަކުން ކުރައްވަން ޖެހިވަޑައިގެންނެވި އެއްވެސް ހިތި ތަޖުރިބާއެއް އަޅުގަނޑުގަނޑުގެ ވެރިކަމެއްގައިި ކުރައްވަން ޖެހިވަޑައި ނުގަންނަވާނެ"ކަމުގެ ޔަޤީންކަން ރައީސް ޢަބްދުﷲ ޔާމީން ދެއްވެވި ޤާސިމް އިބްރާހީމްގެ ހަށިކޮޅުގެ ލޭތިއްކެއް ކަމަށެވެ.

ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި ރައްޔިތުންނަށް ސަލާންޖެއްސެވުމުގެ އިތުރުން ގިނަ ހޭދަތަކެއް ކުރައްވައި އަދި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން މަޖިލީހަށް އިންތިޚާބުކުރެއްވުމަށްޓަކައި އެތައް މިލިއަން ރުފިޔާއެއް އެމަނިކުފާނުގެ އަމިއްލަފުޅު ފައިސާ އިންނާއި އެވަރުން ނުވެގެން ޕީޕީއެމްގެ އެދުމަށް އަމިއްލަފުޅަށް ދަރަނިވެރިވެވަޑައިގެން ވެސް ހޭދަ ކުރެއްވެވި މިސަރުކާރަށް އިޚްލާޞްތެރި އަދި ވާގިވެރި ޤާސިމް އިބްރާހީމްގެ ހަށިކޮޅުގެ ލޭތިއްކެއް ކަމަށެވެ.

މިއަދު އަމަލުކުރާ ފެހި ޤާނޫނު އަސާސީއަށް 9 އަހަރު ފުރޭ މިއަދު މިހަނދާންތައް އައުކޮށްލުމަކީ ދިވެހި ތާރީޚަށްޓަކައި މުހިންމު ކަމެކެވެ.

މިއަދު އޮންލައިން