މީގެ ތިން އަހަރު ކުރިއަށް ޖެހިލަމާތޯ އެވެ؟ އެއީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 08 ވަނަ ދުވަހެވެ. ކުއްލި ޚަބަރެއްގެ ގޮތުގައި ކަންފަތުގައި ޖެހުނީ، ނަން މަޝްހޫރު އަދި އެހާމެ ހިތްވަރުގަދަ އެއް ނޫސްވެރިއެއް ކަމަށްވާ މިނިވަން ނޫސްވެރިޔާ އަޙުމަދު ރިޟުވާން ޢަބްދުﷲ (މޮޔަމީހާ) ގެއްލިގެން ހޯދާކަމުގެ ޚަބަރެވެ.
ހިތާމައަކީ އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް، ރިޟުވާންގެ އެއްވެސް އިތުރު ޚަބަރެއް ލިބިފައިނުވާ ކަމެވެ. ރިޟުވާން ވަގަށް ނެގިކަމަށް އެއިރު މަޢުލޫމާތު ލިބިފައިވާއިރު، ވަގަށް ނެގީ ކޮންބަޔަކު، ކޮން ބޭނުމެއްގައި ކަމެއް އަދި އަދަށްވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.
ރިޟުވާން އަކީ ކާކު؟ އެއީ ހަމައެކަނި ހިތްވަރުގަދަ ނޫސްވެރިއެއް ނޫނެވެ. މަންމައެއްގެ ހިތަށް ފިނިކަމާއި ލޮލަށް އުއްމީދު ގެނެސްދިން ދަރިއެކެވެ. އާއިލީ ގުޅުމަށް އިސްކަންދިން ލާމަސީލް ބޭބެއެކެވެ. ކޮއްކޮ އެކެވެ.
ރަޙްމަތްތެރިންނަށް ހިތްވަރުދީ އެހީތެރިވެދިން ރަނގަޅު އެކުވެރިއެކެވެ. ނުދަންނަ މީހުންނާއިވެސް ހިނިތުންވުމަކާއި އެކު މުޢާމަލާތް ކުރި ހިތްހެޔޮ އިންސާނެކެވެ. އެހެންކަމުން، އޭނާ ގެއްލުން ނުވަތަ ވަގަށް ނެގުން ވެފައިވަނީ ވަރަށް ގިނަ ބައެއްގެ ހިތްތައް ކުދިކުދި ކޮށްލާފައިވާ ހާދިސާއަކަށެވެ.
ރިޟުވާން ގެއްލުނުތާ ތިން އަހަރު ވެފައިވާއިރު، ރިޟުވާން ކޮބާތޯ އަދި ރިޟުވާނަށް ވީ ކީއްތޯ އޭނާގެ އާއިލާއިން ހުއްޓުމެއް ނެތި ސުވާލު ކުރަމުން ދެއެވެ. ގެއްލުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް މި ދެ ސުވާލުގެ ޖަވާބު ލިބިފައިނުވާތީ، އާއިލާއިން ކަމާއިބެހޭ އިދާރާތައް ކުށްވެރިކުރެއެވެ.
އެމީހުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަން ފެށިފައިވާ ތަޙުޤީޤު އަދިވެސް ދަނީ ކުރިއަށެވެ. ނަމަވެސް އެކަމަށް އަދި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި މިކަމާއި ގުޅިގެން އާއިލާއާއި އެއްވެސް މަޢުލޫމާތެއް ޙިއްސާ ކޮށްފައިނުވާ ކަމަށްވެސް ރިޟުވާންގެ އާއިލާއިން ބުނެފައިވެއެވެ.
އާއިލާއިން މަޢުލޫމާތު ދޭ ގޮތުގައި ރިޟުވާން ގެއްލުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް ބަލާއިރު އެކަމާއި ގުޅިގެން ލިބިފައިވާ ހަމައެކަނި މަޢުލޫމާތުތަކަކީ ރިޟުވާން ގެއްލުނު ރޭ މާލެއާއި ހުޅުމާލެއިން ސީސީޓީވީ ފުޓޭޖްތަކެއް ލިބިފައިވާ ކަމާއި ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އެރުވިކަމެވެ. އަދި އެކާރުގެ ޑިކީއިން އިސްތައްޓެއް ފެނިފައިވުމުން ރިޟުވާން ވަގަށްނެގީކަން ސާބިތުވާ ކަމަށްވެސް އާއިލާއިން ވަނީ ހާމަކޮށްފައެވެ.
އޭގެ މަހެއްހާ ދުވަސްފަހުން، ރިޟުވާން ގެއްލުނު މައްސަލައިގެ ތަހުގީގުގައި ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ނަމަވެސް ދުވަސްކޮޅެއް ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ. އޭގެފަހުންވެސް ދެމީހަކު ހައްޔަރު ކުރުމަށްފަހު، ދޫކޮށްލިކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ރިޟުވާން ގެއްލުނުތާ 606 ދުވަސް ފުރުނު ދުވަހުވެސް އެކަމާއި ގުޅިގެން ދެމީހަކު ހައްޔަރު ކުރިކަމަށާއި އެދެމީހުން ވެސް ދޫކޮށްލިކަމަށް އާއިލާއިން ވަނީ މަޢުލޫމާތު ދީފައެވެ.
ރިޟުވާން ގެއްލުނުފަހުން ތިން އަހަރުވެފައިވާއިރު، އޭނާ ހޯދުމުގައި އެއްވެސް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވިނަމަވެސް، ރިޟުވާން ހޯދުމުގައި އާއިލާއާއި އޭނާގެ ގާތް ރަޙްމަތްތެރިން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާދެއެވެ. އެތައް ފަހަރެއް މަތިން ފުލުސް އޮފީހަށް ދިޔައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އަރިހުންނާއި އަދި ސަރުކާރުގެ ބައެއް ވަޒީރުންގެ އަރިހުން ވެސް މަދަދަށް އެދި ދެންނެވި ކަމަށް އާއިލާއާއި އެކުވެރިން މަޢުލޫމާތު ދީފައިވެއެވެ.
އަޅުގަނޑުމެން އެންމެންގެ ވެސް އުންމީދަކީ އަދި ދުޢާ އަކީވެސް، ރިޟުވާން ވީތަނެއް ނުވަތަ އޭނާއަށް ވީގޮތެއް ވީއެންމެ އަވަހަށް އެނގުމެވެ.