އެފްއެސްއެމް ހުޅުމާލޭ ޝެޑް ހުޅުވައި މާލެއާ އެއް އަގުގަ ޕެޓްރޮލާ ޑީސަލް ވިއްކަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އެފްއެސްއެމް ހުޅުމާލޭ ޝެޑް ހުޅުވައި މާލެއާ އެއް އަގުގަ ޕެޓްރޮލާ ޑީސަލް ވިއްކަން ފަށައިފި
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމް އިން ހުޅުމާލޭ ފެރީޓަރމިނަލް ކައިރީގައި ތަރައްޤީކުރި ފިޔުލްޝެޑް ހުޅުވައި ޕެޓްރޯލާއި ޑީސަލް މާލެއާއި އެއްއަގުގައި ވިއްކަން ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ފިޔުލްޝެޑުގައި ބޭއްވި ރަސްމިއްޔާތުގައި ޚިދުމަތް ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެވެ.

މުޙައްމަދު ސަޢީދު ވިދާޅުވީ އެސްޓީއޯ އަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ނަމޫނާ ކުންފުންޏެއް ކަމަށާއި މިއަދު ހުޅުވި ފިޔުލްޝެޑަކީވެސް އެސްޓީއޯއިން ފުޅައުކުރަމުން ގެންދާ ޚިދުމަތްތަކަށް އިތުރުވެގެންދިއަ ބޮޅެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ ހުޅުމާލެއިން މިއަދުން ފެށިގެން މާލެއާއި އެއް އަގުގައި ޕެޓްރޯލާއި ޑީސަލް ލިބެން ފެށުމުން އެކަމުގެ ފައިދާ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. ސައިކަލާއި ވެހިކަލްތަކަށް އަޅާ ތެލުގެ އަގުހެޔޮވުމުން ކުލީ ދަތުރުތަކުގެ އަގުވެސް ހެޔޮވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ތެލުގެ އަގު ހެޔޮވުމުން އެކަމުން ލިބޭ ފައިދާ ސީދާ ރައްޔިތުންނަށް ޕާސްކޮށްދިނުން. ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން އެކަން ކުރާނެކަމަށް ވަރަށް ޔަޤީންކުރަން."

ޝަހީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހައި ހެޔޮ އަގުގައި އަދި ވީހައި ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ސިޔާސަތެއް ކަމަށާއި ހުޅުމާލޭގައި މިއަދު ހުޅުވި ފިޔުލްޝެޑަކީވެސް އެމަނިކުފާނުގެ ސިޔާސަތުގެދަށުން ރައްޔިތުންނަށް ވީހައި ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ދިނުމަށް ހުޅުވި ތަނެއް ކަމަށެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ އެމްޑީ ހުސައިން ދީދީ ވިދާޅުވީ މިޝެޑްގެ ސަބަބުން 36 ވަޒީފާގެ ފުރުޞަތު ފަހިވެގެންދިއަ ކަމަށެވެ.

ހުސައިން ދީދީ ވިދާޅުވީ މިޝެޑްގައި 5 ޓޭންކް ވަޅުލެވިފައިވާ ކަމަށާއި މޫސުން ގޯސްވުން ފަދަ ކަމެއް މެދުވެރިވެގެން ތެޔޮ ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް ހަފްތާއެއްހައި ދުވަހަށްވާވަރަށް ތެޔޮ ރައްކައުކުރެވޭނެ ކަމަށެވެ.

މިއަދު އޮންލައިން