މާތްﷲ މާތް ކުރެވެވި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި އެދުވަސްތަކުގައި އަޅުކަންކުރުން ގިނަކުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ގޮވާލައްވައިފިއެވެ.
ގިނަ ދުވަސްތަކަކަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި ޚުޠުބާ ވިދާޅުވަމުން ޝައިޚް ޢަލީ ޒާހިރު މިއަދު ވިދާޅުވީ ފާއިތުވަމުން މިދަނީ މާތްﷲ އެންމެ މާތްކުރެއްވެވި 4 މައްސަރުގެ ތެރެއިން ހިމެނިގެންވާ ދުވަސްތައް ކަމަށެވެ. އަދި ޙައްޖު މަސް ފެށުމާއި އެކު އަންނަ ފުރަތަމަ 10 10 ދުވަހަކީ އަހަރުގެ ދުވަސްތަކުގެ ތެރެއިން މާތްﷲ އެންމެ މާތްކުރެއްވެވި ދުވަސްތައް ކަމަށެވެ.
ޝައިޚް ޢަލީ ޒާހިރު ވަނީ މިދުވަސްތަކުގައި ވީހައި ގިނައިން ރޯދަ ހިފުމަށާއި ސުންނަތް އަޅުކަން އިތުރުކުރުމަށާއި ޛިކުރުކުރުން ގިނަ ކުރުމަށް އެދިވަޑައިގެން އެކަންކަން ކުރުމަށް އިލްތިމާސްކުރައްވައިފައެވެ. ޚާއްޞަކޮށް މާތްﷲ އިބިލީސް އެންމެ ބޮޑަށް ނިކަމެތި ކުރައްވަވާ ދުވަސްކަމަށްވާ ޢަރަފާތު ދުވަހު ރޯދަ ހިފުމަށް އިލްތިމާސްކުރައްވައިފައެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ފާފަތައް ގިނަވެ ރާޅުގެ ފޮނަށްވުރެ އިތުރުވެފައިވީނަމަވެސް މާޔޫސްވުމެއް ނެތް ކަމަށާއި މީސްތަކުންނަށް އޮތީ ތައުބާވެ އަޅުކަމާއި ޛިކުރުކުރުން އިތުރުކުރުން ކަމަށެވެ. އިޚްލާޞްތެރިކަމާއެކު ހެޔޮ އަމަލުތައް ކުރުން އިތުރުކޮށް ފާފަތައް ފުއްސަވައިދެއްވުން އެދި ދުޢާކުރާ މީހުންނަށް މާތްﷲ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށެވެ.