5 މަހުގައި ވިހޭ ކުއްޖާ ދިރި ނުއޮންނާނެ ކަމަށްބުނެ ޑޮކްޓަރުން ހުރިހާ އުންމީދުތަކެއް ކަނޑައިލއެވެ. ވިހޭ އިރުވެސް ސިކުނޑީގައި 3 ގަނޑުލޭކޮޅު އިނދެގެން ނަގަން ވަގުތުން އޮޕަރޭޝަންތައް ކުރަންޖެހުނެވެ. ބައްޕަގެ ދުޢާއިން ކުއްޖާ ސަލާމަތްވެ ދިރިއުޅެމުން ދަނީ ޑޮކްޓަރުން ބުނި އެއްވެސް އައިބެއް އަދި ބަލިކަމެއް ނެތިއެވެ.
ލޯބިން ދިރރިއުޅޭ ދެމަފިރިއަކު ބަނޑަށް 5 މަސް ފުރި 6 މަހަށް އަޅައިގަތްތަނާ އެއް ރޭ ކެއުމަކަށް ދިއައެވެ. ކާން ތިއްބައި ބަނޑުގައި ރިއްސައިގަތެވެ. މަ ބޮޑު ކަމަކަށް ނުހަދައި ކައިގެން ދިއައީ ގެއަށެވެ.
ގެއަށް ދިއަތަނާ ރިހުން ގަދަވެ ކެތް ނުކުރެވޭވަރުވުމުން ޑޮކްޓަރު ބުނީ ރިހެނީ ވިހެއުމަށް ކަމަށެވެ. މައިމީހާ ވަރަށް ކަންބޮޑުވިއެވެ. އެންމެ 23 ހަފްތާގައި (6 މަސް ނުފުރޭ) ކުއްޖަކު ވިހައިގެން ދިރިއޮންނާނެ ކަމާއިމެދުގައެވެ.
ވިހެއުން ލަސްކުރެވޭތޯ ޑޮކްޓަރުން މަސައްކަތްކުރިއެވެ. ނަމަވެސް 4 ވަނަ ދުވަހުއެވެ. ވިހެއުމާއިއެކު ޑޮކްޓަރުން ބުނީ އެންމެ 3 ރާތާ ބަރުދަނުގައި ހުރި މި ކުއްޖާ ދިރިއޮންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ. ކުއްޖާއަށް ނޭވާ ވެސް ނުލެވޭ ކަމަށެވެ. އެވަރުންވެސް ދަރިފުޅު ބޭނުންތޯ ސުވާލުކުރިއެވެ.
ކޮންމެ ހާލެއްގައި ވެސް ދަރިފުޅު ބޭނުން ކަމަށް ބުނުމުން ވެންޓިލޭޓަރުގައި ނޭވާލައްވަން ފެށިއެވެ. ޖެހިގެން އައި ދުވަހު ބުނީ ސިކުނޑީގެ 3 ދިމާއެއްގައި 3 ގަނޑު ލޭކޮޅު އެބައިން ކަމަށާއި ސިކުނޑީގެ 3 އޮޕަރޭޝަން ކުރަން ޖެހޭ ކަމަށެވެ.
ައެކަމަށްވެސް ދެމަފިރިން ރުހުމުން ކުރި ފުރަތަމަ އޮޕަރޭޝަން ކާމިޔާބެވެ. ދެވަނަ އޮޕަރޭޝަން ކާމިޔާބެއް ނުވިއެވެ. އެ ރޭ ބައްޕަ ގެއަށް ގޮސް މާތް ﷲ އަށް ދުޢާ ކުރިއެވެ. މާތް ﷲ ގެ ދީލަތިވަންތަކަމަށް އެދިއެވެ. މާތް ﷲ މެނުވީ އޭނާގެ ތުއްތު ދަރިފުޅަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެހެން އެއްވެސް ފަރާތެއް ނެތްކަމަށް ދެންނެވިއެވެ. ރޮއި ކަރުނަ ބާލަމުންނެވެ.
3 ވަނަ އޮޕަރޭޝަން ކުރަމުން ބުނީ އެ އޮޕަރޭޝަނަށްފަހު ކުއްޖާގެ ކިބައިގައި ބައެއް އުނި ސިފަތައްވެސް ހުރެދާނެ ކަމަށެވެ. ދާއިމީ ނުކުޅެދުންތެރިއަކަށްވެސް ވެދާނެ ކަމަށެވެ. އެހެންކަމާއިއެކުވެސް ދެމަފިރިން މާތް ﷲ އަށް ވަކީލުކޮށް ބޭނުންވީ އޮޕަރޭޝަން ކުރުމަށެވެ.
ކުއްޖާގެ އުމުރުން މިހާރު ދެއަހަރާއި ބައި ވީއެވެ. އުޅެމުން ގެންދަނީ އެއްވެސް އުނިކަމެއް ނެތި ހަމަ އެހެންވެސް ކުދިން ދިރިއުޅޭ ފަދައިންނެވެ. ދުވެ ނަގަމުން އުފަލުން ހެމުންނެވެ.
ބޭނުންވަނީ އަމަލުތައް ސީދާކުރުމާއިއެކު މާތް ﷲ އަށް އިތުބާރުކުރުމެވެ. ދުޢާގެ ޝަރުޠުތައް ހަމަކޮށްގެން ތިބެ ދުޢާ ކުރުމެވެ.
މިވާހަކަ އާއި ދުޢާ ކުރުމުގެ ޝަރުޠުތައް ވީޑިއޯ އިން އަޑުއައްސަވާލައްވާ: